ރިޕޯޓް

ފޮޓޯތަކާ ގުޅިގެން ޖަވާބުދޭނެ މީހަކުނުވެ ހިމޭން!

އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރު ދިން މީހުން ގެންދަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފެންނަ ފޮޓޯތަކަކާއި ވީޑިއޯތަކެއް ލީކް ކުރަމުންނެވެ. ފުރަތަމަ ލީކް ކޮށްލީ ނައިޓް ކްލަބެއް ފަދަ ތަނެއްގައި ޕާޓީ ކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. އެއަށްފަހު އިތުރު ފޮޓޯތަކެއް ވެސް އާންމު ކުރި އެވެ.

އަދި އޭގެ ފަހުން އެފަދަ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމު ކޮށްފަ އެވެ. ފޮޓޯތަކާއި ވީޑިއޯތަކުގައި ސީޕީގެ އިތުރުން އޭނާގެ އަނބިކަނބަލުން ވެސް ފެނެ އެވެ. މިއީ ކޮންތާކު އަދި ކޮން ދުވަސްވަރެއްގައި ނަގާފައިވާ ފޮޓޯތަކެއް ކަމެއް ނޭނގެ އެވެ. މި މައްސަލައާއި ގުޅޭ ގޮތުން ފުލުހުން ވެސް އަދި އެއްޗެއް ނުބުނެ އެވެ.

ނޫސްތަކާއި ނޫސްވެރިން ވަރަށް ގިނަ ވެފައިވާ މި ދަނޑިވަޅުގައި އެތައް ނޫސްވެރިޔަކު ތަކުރާރުކޮށް އެ ސުވާލު ކުރުމުން ވެސް އެ ސުވާލަށް ފުލުހުންގެ ފަރާތުން ވެސް އަދި ކޮމިޝަނާ ހަމީދުގެ ފަރާތްޕުޅުން ވެސް މިހާތަނަށް ޖާވަބެއް އައިސްފައެއް ނުވެ އެވެ.

ފުލުހުން ހަދާފައިވާ އޮންނަ މީޑިއާ ގްރޫޕެއް އޮވެއެވެ. އެ ގްރޫޕްގައި ވަރަށް ގިނަ އަދަދެއްގެ ނޫސްވެރިން ތިބެ އެވެ. ތުހުމަތު ވެގެން އުޅޭ ފޮޓޯތައް އެ ގްރޫޕްގައި ވެސް ހިއްސާކޮށްފި އެވެ. އަދި އެ ފޮޓޯތަކާއި ވިޑިއޯތަކާއި ގުޅިގެން ކޮންމެ ދުވަހަކު ނޫސްވެރިން ހުއްޓާ ނުލައި އެ ގުރޫޕްގައި އެ ސުވާލު ކުރަމުންދާއިރު ވެސް މީގެ ކުރިން ހުރިހާ ސުވާލަކަށް ޖަވާބު ދޭ އެ ގްރޫޕުްގައި ފުލުހުންގެ ފަރާތުން އެއްވެސް ބޭފުޅަކު ޖަވާބެއް ނުދައްވަ އެވެ.

މި މައްސަލާގައި ކޮމިޝަނާ ހަމީދު އެއްޗެއް ވިދާޅު ނުވާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސަރުކާރުގެ އެހެން އިސްވެރިއަކު ވެެސް އަދި ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަނުން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ރައީސް އޮފީހުން ވެސް އެއްޗެއް ނުބުނެ އެވެ.

ނަމަވެސް ތުހުމަތު އޮތް ފުރަތަމަ ފޮޓޯތައް އާންމުވުމާއެކު ސީޕީގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ. ހަމީދުގެ އަނބިކަނބަލުންނާއި ރައީސް ނަޝީދަކީ ތިމާގެ ދެ ބޭފުޅުންނެވެ. އަދި ހަމީދުގެ އަނބިކަނބަލުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުންގެ ކޮއްކޯފުޅު ވެސް މެއެވެ.

އޭރު ނަޝީދު ވިދާޅުވި ގޮތުގައި ހަމީދު "ކޮންޕްރޮމައިޒް" ކޮށް ސަރުކާރުތެރެ ހިސޯރު ކުރަން ކުށްވެރިންނަށް ފުރުސަތެއް ނޯންނާނެ އެވެ. އަދި ހަމީދަކީ އިހުލާސްތެރިއެކެވެ.

"ސީޕީ ހަމީދު ކޮންޕްރޮމައިޒް ކޮށްގެން [ގުރުބާންކޮށްގެން] ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް ވައްކަމާއި ކޮރަޕްޝަނާއި ހައްދުފަހަނަ އެޅި މީހުން ރެކި ތިބެ ސަރުކާރު ހިސޯރު ކުރަން ޖާގައެއް ނުދެވޭނެ، ސީޕީ ހަމީދަކީ އިހްލާސްތެރި ޕޮލިސް ކޮމިޝަނެއް،" ޓްވިޓާ މެދުވެރިކޮށް ނަޝީދުގެ ވިދާޅުވެފައި ވެއެވެ.

އެއީ ތެދަކަށް ވެސް ވެދާނެ އެވެ. އެކަމަކު މި ފޮޓޯތަކާއި ވީޑިއޯތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އޮތް އިރު އަދި އެއީ ފުލުސް ކޮމިޝަނާއަށް އަމާޒުވާ ކަމަކަށްވާއިރު މިއާ ގުޅޭ ގޮތުން ޖަވާބެއް ނުދީ ޑްރެގް ކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ތުހުމަތުތައް ސާފުވާނީ ރައްދުވާ ކޮންމެވެސް ފަރާތަކުން ކޮންމެވެސް އެއް ޖާވާބެއް ދެއްވައިގެނެވެ.

ސީޕީ ހަމީދު ކޮންޕްރޮމައިޒް ކޮށްގެން [ގުރުބާންކޮށްގެން] ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް ވައްކަމާއި ކޮރަޕްޝަނާއި ހައްދުފަހަނަ އެޅި މީހުން ރެކި ތިބެ ސަރުކާރު ހިސޯރު ކުރަން ޖާގައެއް ނުދެވޭނެ، ސީޕީ ހަމީދަކީ އިހްލާސްތެރި ޕޮލިސް ކޮމިޝަނެއް،
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ތުހުމަތުވާ ފޮޓޯތަކާ ގުޅިގެން އެ މައްސަލާގައި އޮތް އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ނަޝީދުގެ ޓްވީޓްގައި ވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި ސީޕީ ހުންނެވި ތަނަކާއި އެ ހުންނެވި ތަނުގައި ހުރި ތަކެއްޗާ ބެހޭ ގޮތުން ވެސް އެމަނިކުފާނު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އެހެންވުމުން އަމުންދުން މި މައްސަލާގައި ޒިންމާދާރު ފަރާތަކުން ޖަވާބު ދޭން ޖެހެ އެވެ.

ތުހުމަތު އޮތް ފަރާތާއި އެކަމާ ގުޅުން ހުރި އިދާރާތަކުން ވެސް މި މައްސަލާގައި މިހާތަނަށް ހިޔާރުކޮށްފައި ވަނީ ހިމޭން ކަމާއި ހަނުގައި ތިއްބެވުމެކެވެ. ނަމަވެސް ސީޕީ ހަމީދުގެ ދެމަފިރިންނަށް ތުމަތުވާ ގޮތަށް އާންމުވި ފޮޓޯތަކާއި ވީޑިއޯގެ ހަގީގަތް ހާމަ ކޮށްދޭން އާންމުންގެ ގިނަ ބަޔަކު ދަނީ އެދެމުންނެވެ.

އަނެއްކޮޅުން އޭގެ ފައިދާ ނަގައިގެން އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން ހަމީދުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފަ އެވެ.

ކޮންގްރެސް ޕާޓީ އާއި ޕީޕީއެމް ހިމެނޭ ގޮތަށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބަނގުރާ ހުރި ތަނެއްގައި ދިވެހިންގެ ބަޔަކު އެތަކެތި ބޭނުން ކުރަމުން ދާ މަންޒަރުތަކެއް އެކުލެވޭ ފޮޓޯތަކާއި ވީޑިއޯތަކެއް އާންމުވެފައިވާއިރު ގާނޫނު ނެގެހެއްޓުމުގެ އެންމެ އިސް ޒިންމާ އާއި މަސްއޫލިއްޔަތު ހަވާލުވެފައިވާ ކޮމިޝަނަރު އޮފް ޕޮލިސް އެތަނުގައި ހުންނަވާ އެއިން ކަމެއް ހުއްޓުވުމުގެ ބަދަލުގައި އެކަންކަމުގައި ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެކަމާ ގުޅިގެން މިނިވަން ތަހުގީގަކަށް ފުރުސަތު ދީ، މަގާމުން ދުރަށް ވަޑައިގަތުމަށް ވެސް އިދިކޮޅުން ގޮވާލަ އެވެ.

ބޮޑު ޒިންމާ އޮތީ ހޯމް މިނިސްޓަރަށް

މި މައްސަލާގައި ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހިޔާރު ކުރެއްވީ ހިމޭން ކަމެވެ. ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރު ދަމަހައްޓަން ބޭނުންވާ ނަމަ ކޮމިޝަނާ ހަމީދަށް ތުހުމަތު އޮތް މި މައްސަލަ ބަލަން ޖެހޭނެ އެވެ.

އަދި އާންމުވި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ފަދަ ކަމެއް ރާއްޖޭގައި ހިނގައިފިނަމަ އެކަމެއް ހުއްޓުވައި ޝާމިލްވާ މީހުން ހައްޔަރުކޮށް ތަހުގީގު ކުރުމަކީ ފުލުހުން ކުރަންޖެހޭ ކަމަކަށްވާއިރު އެފަދަ ތަނެއްގައި ފުލުހުންގެ އިސްވެރިއަކު ހުންނަވާ އެކަންކަން ނުހުއްޓުވުން އެއީ ގާނޫނު ރާއްޖޭގައި ނުހިނގާނެ ކަމަށް ބުނުން ފަދަ ކަމެކެވެ.

އޭނ ވިދާޅުވި ގޮތުގައި މިފަދަ ކަމެއް ދިމާވުމުން ފުލުހުންގެ މުއައްސަސާގެ އަގު ހިފެއްޓުމުގެ ހުރިހާ ޒިންމާއެެއް އޮތީ ހޯމް މިނިސްޓަރަށެވެ. ވަޒީރުގެ ހުވާގައި ވެސް ފުލުހުންގެ މުއައްސަސާގެ އިތުބާރު ދަމަހައްޓާ ނެގެހެއްޓުން ހިމެނޭނެ އެވެ. އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލަ ފޮނުވުމުގެ ފުރިހަމަ ބާރު ވެސް މިނިސްޓަރަށް އޮންނާނެ އެވެ. މައްސަލަ ބަލާ އެކަމުގެ ރިޕޯޓް އެ ކޮމިޝަނުން ހިއްސާ ކުރަން ޖެހޭނީ ވެސް ސީދާ މިނިސްޓަރާ އެވެ. މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ އެކަން ބަލަން އެންގުމަކީ ހޯމް މިނިސްޓަރު ކުރަންޖެހޭނެ ކަމެކެވެ.

"މި ދައްކަނީ އެތައްހާސް ބަޔަކު ނިސްބަތްވާ ޔުނީފޯމް އެޅި މުއައްސަސާއެއްގެ ވާހަކަ. އެ މުއައްސަސާގެ އެންމެ ވެރިޔާއަށް މި ތުހުމަތު ކުރެވެނީ. މުޅި އެ މުއައްސަސާގެ [ފުލުހުންގެ އިދާރާ] އިންޓެގްރިޓީ ހިފެހެއްޓުމަކީ އޭނާ [ހޯމް މިނިސްޓަރު] ކުރަން ޖެހޭނެ ކަމެއް." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ފުލުހުން އަމަލު ކުރަމުންދާ ކޮންމެ ގަވާއިދެއް ހަދަނީ ހޯމް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުންނެވެ. އެހެން ކަމުން އެ ގަވާއިދުތަކަށް ފުލުހުން އަމަލު ކުރާކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަކީ ވެސް މިނިސްޓަރުގެ ޒިންމާއެކެވެ.

އުމަރު ވިދާޅުވި ގޮތުގައި އޭނާ މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ވެރިން ނުރުހުން ވިޔަސް ހުވަޔާ އެއްގޮތަށް އަމަލު ކުރައްވާފައި ވާނެ އެވެ. އެގޮތުން މަޖީދީމަގުގައި ހުރި ރުއްތަކެއް ފުލުހުންގެ ބަޔަކު ކެނޑިކަމަށް ތުހުމަތު ކުރެވުނު ދުވަހު، ގާނޫނުގެ ދަށުން އެ މައްސަލަ ބަލަން އޭރުގެ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ފޮނުއްވި އެވެ. އަދި އެހެން ވަޒީރަކު އެކަމުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވުމުން އެތައް ފިއްތުން ތަކެއްގެ ކުރިމަތީ ފަހަތަށް ޖެހިވަޑައި ނުގެން އެ ވަޒީރުގެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ލިޔުމުން އަމުރު ކޮށްފައިވާނެ އެވެ. އަދި ހޯމް މިނިސްޓަރު ކަމަކީ ތޯތޯ ކަމެއް ނޫނެވެ.

"ކޮންމެ ވަޒީރަކު ޓެސްޓް ކުރެވޭނީ މިކަހަލަ ހަރު ކަމަކާ ޖެހުނީމަ. އަޅުގަނޑުމެން މި ތިބީ ބަލަން. އެއީ އޭނާ [ހޯމް މިނިސްޓަރު އިމްރާން] ފިޔަވަޅު އަޅަންޖެހޭ ކަމެއް. އަޅުގަނޑަށް ޔަގީން މިއީ ފުލުހުންގެ އާދައިގެ މީހެއްނަަމަ މިހާރު އޮންނާނީ ފިޔަވަޅު ވެސް އަޅާފައި އަދި އެކަން ކުރިކަން ދައްކަން މީޑިއާއަށްވެސް އެކަން ހިއްސާކޮށްފައި. ނަމަވެސް މިފަހަރު މި އޮތީ މަސްފަލަ ބޭފުޅަކާ ޖެހިފައި. އެހެންވީމަ ބޮޑު މީހަކާމެދު ވެސް ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅަން ކެރޭނެތޯ މިފަހަރު އެނގޭނެ. އިމްރާން ގާނޫނީ އިމުގެ ތެރެއިން އޭނާގެ މަގާމު އަދާ ކުރައްވަންޏާ ނުވަތަ ނުދިޔަސް މިކަމުން ސާފު ވާނެ،"

ކޮންމެ ވަޒީރަކު ޓެސްޓް ކުރެވޭނީ މިކަހަލަ ހަރު ކަމަކާ ޖެހުނީމަ. އަޅުގަނޑުމެން މި ތިބީ ބަލަން. އެއީ އޭނާ [ހޯމް މިނިސްޓަރު އިމްރާން] ފިޔަވަޅު އަޅަންޖެހޭ ކަމެއް. އަޅުގަނޑަށް ޔަގީން މިއީ ފުލުހުންގެ އާދައިގެ މީހެއްނަަމަ މިހާރު އޮންނާނީ ފިޔަވަޅު ވެސް އަޅާފައި އަދި އެކަން ކުރިކަން ދައްކަން މީޑިއާއަށްވެސް އެކަން ހިއްސާކޮށްފައި. ނަމަވެސް މިފަހަރު މި އޮތީ މަސްފަލަ ބޭފުޅަކާ ޖެހިފައި. އެހެންވީމަ ބޮޑު މީހަކާމެދު ވެސް ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅަން ކެރޭނެތޯ މިފަހަރު އެނގޭނެ.
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

ކުރީގެ ހޯމް މިނިސްޓަރު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލަކީ ވެސް މި މައްސަލާގައި ފާޑު ވިދާޅުވާ ބޭފުޅެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ސީޕީ ހަމީދާ ގުޅޭ ގޮތުން އާންމުވެފައިވާ ތުހުމަތުގެ ފޮޓޯތަކާއި ވީޑިއޯތަކުގެ މައްސަލަ ބަލަންޖެހޭނެ އެވެ. އެކަން ބަލަން ޖެހެނީ ގިނަ ބައިވަރު ސަބަބުތައް ވެސް ހުރެގެނެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ކަމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖްތިމާއީ މައްސަލަ، މަސްތުވާތަކެއްޗާ މިކަމާއި އޮތް ގުޅުމެވެ. މަސްތުވާތަކެތީގެ ވަބާ އިންތިހާ ދަރަޖައަށް ބޮޑުވެ، އެތައް ޒުވާނުންނެއް ހަލާކުގެ ތެރެއަށް ގޮސްފައިވާއިރު އެ ވަބާ ނައްތާލާ ރައްޔިތުންނަށް ރޯލް މޮޑެލް އެއްގެ ގޮތުގައި ދައްކަން ތިބި ފުލުހުންގެ މުއައްސަސާގެ އެންމެ އިސްވެރިޔާއަށް ތުހުމަތުވާ މިފަދަ ކަމެއް ފެނުމުން އެކަން ބަލަން ޖެހޭނެ އެވެ.

"ހަގީގަތުގައި މިއީ ހަމައެކަނި ލަދުވެތިވާން ޖެހޭ ކަމެއް އެކަންޏެއް ނޫން، މި ފަދަ ކަމެއް ދިމާވުމުން އެފަދަ މަގާމެއްގައި ހުންންވައިގެން ވެސް ނުވާނެ... ތުހުމަތު މި ކުރެވެނީ ފުލުހުންގެ އެންމެ އިސް މީހާއަށް. އަދި ހޯމް މިނިސްޓަރަކަށް މި ހުންނެވީ އިސްލާމްދީނުގެ ލަގަބެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވީއިރު ހޯމް މިނިސްޓަރުގެ އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ ނުބަލައިފިނަމަ މިއީ ސީދާ އިމްރާންގެ ރުހުން އޮވެގެން އޭނާގެ ވެސް ބައިވެރިވުން އޮވެގެން ކޮށްފައިވާ ނުވަތަ ހިންގާފައިވާ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު ހުޅުވިގެން މިދަނީ"

ތުހުމަތު މި ކުރެވެނީ ފުލުހުންގެ އެންމެ އިސް މީހާއަށް. އަދި ހޯމް މިނިސްޓަރަކަށް މި ހުންނެވީ އިސްލާމްދީނުގެ ލަގަބެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވީއިރު ހޯމް މިނިސްޓަރުގެ އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ ނުބަލައިފިނަމަ މިއީ ސީދާ އިމްރާންގެ ރުހުން އޮވެގެން އޭނާގެ ވެސް ބައިވެރިވުން އޮވެގެން ކޮށްފައިވާ ނުވަތަ ހިންގާފައިވާ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު ހުޅުވިގެން މިދަނީ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ހޯމް މިނިސްޓަރު

އެއްވެސް ފަރާތަކުން ޖަވާބެއް ނައި ނަމަވެސް ބަނގުރަލުގެ މި މައްސަލައަކީ ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއް ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ. އެކަމާ ފާޑު ކިޔާ މީހުން މަދެއް ނޫނެވެ. އެހެން ކަމުން ފުލުހުންގެ އެންމެ އިސްވެރިޔާގެ މައްޗަށް ކުރެވޭ މިފަދަ ތުހުމަތެއް އޮތް އިރު އެއްވެސް ޖަވާބެއް މިހާތަނަށް އައިސްފައި ނެތުމަކީ ތުހުމަތު ބޮޑުވާނެ ސަބަބަކަށް ނުވާނެތޯ އެއީ ވެސް އޮތް ސުވާލެކެވެ. އެކަމަކު މި މައްސަލާގައި ޖަވާބު ދެވެން އޮތް އެއްވެސް ބޭފުޅަކަށް "ޖަވާބުދޭ މަބްރޫކަކަށް" ވެވަޑައިގަންނަވާކަށް މިހާތަނަށް ކެރިވަޑައެއް ނުގަތެވެ.