ޕޮލިސް ބޯޑް

ޕޮލިސް ބޯޑުން މިކުރީ ކޮން ކަމެއް؟

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ ފުލުސް އިސްލާހު ކުރުމުގެ މުހިންމު މަަސައްކަތްތަކެއް ފެށުމަށް ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް ފުލުހުންގެ ހިދުމަތުގެ އާ ގާނޫނެއް ވުޖޫދު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެކަމުގެ އަޑި ނޭންގޭ ކަންތައްތަކެއް ހިންގަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު އިދިކޮޅު ޕާޓީތަކުން ގެންދިޔައީ ކުރަމުންނެވެ. ނަމަވެސް މަޖިލީހުގައި އޮތް ސަރުކާރުގެ ބާރާއެކު ކޮމެޓީން ގެނައި ބަދަލުތަކާއެކު ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް ވަނީ ފާސްކޮށްފައެވެ.

އެ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހެއެވެ. ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތައް ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިވެސް ތިބޭނެ ކަމަށް ގާނޫނު ބުނެއެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަންޖެހޭ ކަންތައްތައް ވެސް ހިމަނާފައި އޮވެއެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ. އަދި ބިލް ފާސްކުރުމުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ގެންނެވި އާ އިސްލާހުގައިވާ ގޮތުގައި އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމި ދާނެ ކަމަށް ވަނީ ބުނެފައެވެ.

ގާނޫނު ވުޖޫވުމާއެކު ޕޮލިސް ބޯޑް ރައީސް އެކުލަވާލެއްވިއެވެ. އަދި ބޯޑްގެ މަސައްކަތް ފެށި ޖުލައި 10، 2020 ގައި ފުލުހުންގެ ހަތް އޮފިސަރަކު ވަކި ކުރަން އެ ބޯޑުން ނިންމި އެވެ. އަދި ނިންމުން ތަންފީޒު ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސްއަށް ފޮނުވިއެވެ. އެ ނިންމުމުގެ ކުރީން ޕޮލިސް ބޯޑުން ވަނީ ހަތް އޮފިސަރުންނާއެެކުވެސް އިންޓަވިއުކޮށްފައެވެ. މަގާމުން ވަކިކުރަން ނިިންމީ ގާބިލްކަން ނެތް ކަމަށް ނިންމުމަށް ފަހު އެވެ. ނަމަވެސް އެ ނިންމުން ނިންމި ސަބަބެއް ތަފްސީލުކޮށްދީފައެއް ނުވެއެވެ.

ބޯޑްގެ ނިންމުން ކޮމިޝަނަރު އޮފް ޕޮލިސްއާ ހަމައަށް އައުމުން ކޮމިޝަނަރު ހަމީދު ވަނީ ހަތް އޮފިސަރުންނާ ވަކިވަަކީން ބައްދަލު ކުރައްވާފައެވެ. އަދި އެ އޮފިސަރުން ވަޒީފާގައި ބައިތިއްބަން ނުފެންނަ ކަމަށް ބޯޑުން ނިންމާފައިވާތީ އޮފިސަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކޮމިޝަނަރު އެންގެވިއެވެ.

ވަކިކުރަން ނިންމި އޮފިސަރުންގެ ތެރޭގައި ހިމެނެނީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ. މި ނިންމުން ޕޮލިސް ބޯޑުން ނިންމާ އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ސީޕީ ފެއްޓެވިއިރުވެސް ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު ހުންނެވީ އަމިއްލަ ދަތުރެއްގައި އޮސްޓްރޭލިއާ އެވެ.

އޮފިސަރުންގެ ތެރެއިން އެންމެ ފުރަތަމަ މަގާމުން ވަކިކުރީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު އެވެ. އެއީ އޮކްޓޫބަރު 10، 2020 ގައެވެ. މަގާމުން ވަކިކުރުމުގެ ކުރީން ޖަވާބުދާރީވާންވެސް އެ ދެ ބޭފުޅުންނަށް އެއްވެސް ފުރުސަތެއް ދީފައެއް ނުވެއެވެ.

އެ ދެ ބޭފުޅުން ވަކިކުރުމަށް ފަހު ދެން ތިއްބެވި ފަސް އޮފިސަރުން މަގާމުން ވަކިކުރުމުގެ އިޖުރާއަތްތައް ފެށިކަން ފުލުހުން ހާމަކުރިއެވެ. އަދި މަގާމުން ވަކިކުރި މައްސަލަ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު ވަނީ ސިވިލް ކޯޓަށް ހުށައަޅާފައެވެ. އެ ކޯޓުން އެ މައްސަލައަށް އެކަށީގެންވާ ފަރުވާއެއް ނުލިބުމުން އެ މައްސަލަ ހައިކޯޓާ ހަމައަށްވެސް ގެންދިޔައެވެ.

މީގެ އިތުރުން މަގާމުން ވަކިކުރުމުގެ އިޖްރާއަތްތައް ފެށިފައިވާ ފަސް އޮފިސަރުންގެ ތެރެއިން ހަތަރު އޮފިސަރަކުވެސް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައެވެ. މައްސަލަ ހުށައެޅުމުގައި އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ ބައިވެރިއެއް ނުވެއެވެ.

އޭރު އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު މަގާމުން ވަކިކުރަން ދީފައިވާ މުއްދަތު ހަމަވާން ހަ ދުވަސް އޮތް ނަމަވެސް ދެ ކޯޓުންވެސް އެ މައްސަލާގައި ގޮތްތަކެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ފަސް އޮފިސަރުން ހައި ކޯޓަށް ހުށައެޅި މައްސަލާގައި ވަގުތީ އަމުރެެއް އެ ކޯޓުން ނެރެދިނެވެ. އެއީ ކޯޓުން ވަކި ގޮތެއް ނިންމަން ދެން އޮފިސަރުން ވަކިކުރުން މަޑުޖައްސާލުމުގެ އަމުރެކެވެ. އޭގެ ފަހުން ދެ ކޯޓުންވެސް އެ މައްސަލާގައި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ހައިކޯޓަށް މައްސަލަ ހުށައެޅީ ފަސް އޮފިސަރުން ނަމަވެސް ކޯޓް އަމުރުގައި އޮތީ އޭރު ވަކިކުރުމުގެ އިޖްރާއަތް ފެށިފައިވާ އޮފިސަރުންގެ ނަމެވެ. މަގާމުން ވަކިކޮށްފައިވާ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު ހުށައެޅި މައްސަލައާ ގުޅޭގޮތުން އަމުރުގައި އޮތީ އެ ދެ އޮފިސަރުންގެ މަގާމުން ވަކިކުރަން ދީފައިވާ ނޯޓިހުގެ މުއްދަތު ހަމަވެފައިވާތީ އެ ދެ އޮފިސަރުންގެ މައްސަލާގައި ދެވޭނެ ފަރުވާއެއް ނެތް ކަމަށެވެ. ހައި ކޯޓުން މި ނިންމުން ނިންމި ނަމަވެސް މަގާމުން ވަކިކުރުމުގެ ނޯޓިސްގެ މުއްދަތު ހަމަވުމުގެ މާކުރީން ކޯޓަށް ލާފައި އޮތް މައްސަލާގައި ގޮތް ނުނިންމާ ފަސްކުރީ ސިވިލް ކޯޓުންނެވެ.

ކޯޓްގެ އެ ނިންމުމާއެކު މަގާމުން ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ މައްސަލަ މަޑުޖައްސާލާ އެ އޮފިސަރުން ވަޒީފާއަށް ނިކުތުމަށް ވަނީ އަންގާފައެވެ. އޭގެ ތެރޭގައި ކޯޓަށް މައްސަލަ ހުށައަޅާފައިނުވާ އޮފިސަރުވެސް ހިމެނެއެވެ. އެ ދުވަހުން ފެށިގެން އެ އޮފިސަރުން ގެންދަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަމުންނެވެ. ކޮމިޝަނަރާއެކު އަތޮޅުތަކަށް ވަޑައިގެން ދަތުރުތަކުގައިވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ނަމަވެސް މި ގޮތަށް އަމަލުކުރުމުން ފުލުސް ބޯޑެއް އެކުލަވާލާ އެ ބޯޑުން ނިންމި ނިންމުމާމެދު މި ވަނީ ސުވާލު އުފެދިފައެވެ. މަގާމުން ވަކިކޮށް އަދި ކޯޓުންވެސް ގޮތްތަކެއް ހޯދައި ނުދިން އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދުއަކީ މި ސަރުކާރު ފެށުމާއެކުވެސް މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާ ދެ އޮފިސަރުންނެވެ. މައުލޫމާތު އެނގޭ ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ސަރުކާރު ފެށުމާއެކު ނޮވެންބަރު 30، 2018 ގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ ދެ ބޭފުޅުންނާ ބައްދަލުކުރައްވާ މަގާމުން ވަކިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ކުރީން ރިޓަޔާ ކުރަން އެންގެވިއެވެ. ނަމަވެސް އެ ގޮތަށް އަމަލު ނުކުރެއްވުމުން ހަމަ އެ ދުވަހު މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގެއަށް ފޮނުއްވާލެއްވިއެވެ.

ޕޮލިސް ބޯޑް އުފެދި އެ ބޯޑުން ފިޔަވަޅު އެޅުމާ ހަމައަށް އެ ބޭފުޅުން ތިއްބެވީ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައެވެ.

އެހެން ކަމުން ޕޮލިސް ބޯޑްގެ މި ނިންމުމަކީ ސީދާ މި ދެ އޮފިސަރުންނަށް އަމާޒުކޮށް ނިންމި ނިންމުމެއް ކަމަށް ބެލުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އަނެއްކޮޅުން ފަސް އޮފިސަރުން މަގާމުގައި ބޭތިއްބުމަށް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކޮށްފައެއްވެސް ނުވެއެވެ. މަގާމުގެ މަސްއޫލިއްޔަތު އުފުލޭނެ ފަދަ އިލްމާއި ތަޖުރިބާ ނެތް ކަމަށް ބޯޑުން ނިންމާފައިވާ އޮފިސަރުންތަކަކާ ގުޅޭ މިފަދަ މައްސަލައެއްގައި ދައުލަތުން ހަނު އޮތުމަކީ ސުވާލު އުފެދޭ ކަމެވެ. އަދި ދެ އޮފިސަރުން މަގާމުން ވަކިކުރަން ދީފައިވާ މުއްދަތު ހަމަވަންދެން ކޯޓް މަރުހަލާއިން ގޮތްތަކެއް ނިންމާފައިނުވުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ.

އަނެއްކޮޅުން މަގާމުން ވަކިކުރަން އެއް ދުވަހެއްގައި ޕޮލިސް ބޯޑުން ނިންމި އޮފިސަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުން ނޯޓިސް ދީފައިވަނީ އެކި ދުވަސްމަތީންނެވެ. އެ ނޯޓިސް ދިނުމުގައިވެސް އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދުގެ ނަން ވަނީ އިސްކޮށްފައެވެ. އެހެން ކަމުން މަގާމުން ވަކިވާން އެންމެ ފުރަތަމަ މުއްދަތު ހަމަވި ދެ ބޭފުޅުންނަށް އެ ބޭފުޅުންވިއެވެ.

ޕޮލިސް ބޯޑް އެކުލަވާލުމުގެ މަގުސަދުތަކުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހިމެނޭއިރު ދެ އޮފިސަރުން މަގާމުން ވަކިކުރެވުމާއެކު ޕޮލިސް ބޯޑްގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ބޯޑްގައި ހިމެނޭ މެންބަރުންގެ ނަޒާހަތްތެރިކަމާއި އެ މެންބަރުންނާމެދު ކުރެވިފައިވާ ތުހުމަތުތަކުން އެ ބޯޑްގެ ނިންމުންތައް އަންނާނެ ގޮތަކާމެދު ކުރީންވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ. އަދި އެ ބޯޑް އެކުލަވާލި އެއްވެސް މަގުސަދެއް ހާސިލުނުވެ މިފަދަ ގޮތަކަށް ބޯޑްގެ މަސައްކަތް މަޑުޖެހުމަކީ މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ.