މަސްތުވާތަކެތި

ގޭންގުތައް ހުއްޓުވުން ؛ ކުޅޭ ޑްރާމާއެއް!

ރާއްޖޭގައި ގޭންގްތަކުން ހިންގާ މަސްތުވާތަކެތީގެ މައްސަލަ އޮތީ ކަންބޮޑުވާ ހިސާބުގަ އެވެ. ގޭންގް މާރާމާރީގައި މިދިޔަ އަށެއްކަ އަހަރުގެ ތެރޭގައި 50 އަށް ވުރެ ގިނަ މީހުން މަރާލައިފައިވެ އެެވެ. ގޭންގްތަކުގެ މެދުގައި ހަމަނުޖެހުން ހިނގާ އެންމެ ބޮޑު މައްސަލަ އަކީ މަސްތުވާތަކެތީގެ ވިޔަފާރި އެވެ. ގޭންގް ތަކުގެ މެންބަރުންނަށް ބޭނުންވާ ޑްރަގްސް ލިބުން ދަތިވުމާއި ބޭނުންވާ ގޮތަށް ފައިސާގެ މުއާމަލާތްތައް ނުހިނގުން އެއީ ގޭންގް މަރާމާރީތައް އިތުރުވެ ނުރައްކާވާ މައިގަނޑު ސަބަބެވެ. މާލޭގައި މަގުތަކަށް ފުލުހުންގެ ފަހަތުން ސިފައިން ނިކުންނަ ހިސާބަށް ދިއުމުން ގޭންގް ތަކާއި މަސްތުވާތަކެތީގެ މައްސަލައިގެ ނުރައްކާ އޮތް މިންވަރު ޔަގީންކޮށްދީފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އިރުއޮއްސުމާ އެކު ފުލުހުންނާއި ސިފައިން ވަނީ "ގުޅިގެން" ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. އޮޕަރޭޝަން ލީޑް ކުރަނީ ފުލުހުންނެވެ. އޮޕަރޭޝަންގެ ނުރައްކާ ބޮޑުވާނެ ކަމަށް ލަފާ ކުރެވޭތީ ފުލުހުން، ސިފައިންގެ އެހީތެރިކަމަށް އެދުނީ އެވެ. އޮޕަރޭޝަން ފެށިއިރު އެއީ ކޮން ބަޔަކާ ދެކޮޅަށް ގެންދާ އޮޕަރޭޝަނެއް ކަމެއް ސަލާމަތީ ބާރުތަކުން ހަމައެއް ނުކުރެ އެެވެ. ބުނިހާ ވެސް ވާހަކައަކީ އޮޕަރޭޝަންގެ ބޭނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރުން ކަމަށެވެ. އެއީ ސަލާމަތީ ބާރުތަކުން ނުބުނި ނަމަވެސް އެމީހުންގެ ޒިންމާއެއް ކަން ނޭނގޭ މީހަކު ނުހުންނާނެ އެވެ. އެހެންވެ ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގެ ސަބަބު ނޭގުމުން އާންމުންގެ ކަންބޮޑުވުންތައް އިތުރުވެ ފާޑުކިޔުންތައް ސަލާމަތީ ބާރުތަކަށް އަމާޒުވި އެެވެ. އެހިސާބުން އެ އޮޕަރޭޝަންގެ ސަބަބު ހާމަކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ސީޕީ ހަމީދު ވިދާޅުވި ގޮތުގައި އެެއީ ކުށްތަކަށް އަރައިގަނެ މާލެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަރަކާތްތެރިވާ ގޭންގްތަކުގެ ބާރުކަނޑުވާލަން ހިންގާ އޮޕަރޭޝަނެކެވެ. އޮޕަރޭޝަން ފެށީ ވެސް އެކަމަށް ހާއްސަ ޕްލޭނަކާ އެކު ސީދާ ނަތީޖާ ނެރުމަށެވެ. މީގެކުރީގެ އޮޕަރޭޝަންތައް "ތޮޅިއަށް" ދިޔަ ނަމަވެސް މިފަހަރުގެ އޮޕަރޭޝަންގެ ނަތީޖާ ފެންނާނެ ކަމަށް ސީޕީ ޔަގީންކުރައްވަ އެވެ. އޮޕަރޭޝަން ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސަތު ބަލަހައްޓަވާ މަސްތުވާތަކެއްޗާ ދެކޮޅު ހާއްސަ ފޯހެއް އެކުލަވާލި ފަހުންނެވެ. އެހެންވެ މިހާރު ކުރިއަށްދާ ގޭންގްތަކާ ދެކޮޅު އޮޕަރޭޝަނަކީ ރައީސް ސޯލިހުގެ އިރުޝާދު ލިބިގެން ކުރިއަށްދާ އޮޕަރޭޝަނެއް ކަމަށް ޔަގީންކުރެވެ އެވެ. ޓާސްކް ފޯސް ހެދީ ވެސް މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް އެކަމުގެ ތެރޭގައ ކުޑަކުދިން ޝާމިލްކޮށް މުޅި މުޖުތަމައު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި ފިޔަވަޅު އަޅަން މަޖުބޫރުވާ ހިސާބަށް ދިއުމުންނެވެ.

ކުށުގެ ވެށި އޮތް ހާލަތު

ގޭންގްތަކުން ޑްރަގް ވިޔަފާރިތައް ރާއްޖޭގައި މިއަދު ހިންގަނީ ބައިނަލްއަގްވާމީ ޑްރަގް ނެޓްވޯކްތަކާއި ގައުމުތަކުގެ ޑްރަގް ކާޓަލްތަކާ ގުޅިގެންނެވެ. ރާއްޖެ އަށް ކަނޑުމަގުންނާއި ވައިގެ މަގުން ޑްރަގް އެތެރެކުރަނީ ދުރާލައި އެކަމަށް ބޮޑެތި ޕްލޭންތައް ހަދައިގެންނެވެ. ޑްރަގް އެތެރެކުރަނިކޮށް ފެނިއްޖެނަމަ ތަކެއްޗަށް ހަދާނެ ގޮތް އޮންނަނީ ނިންމާފަ އެވެ. ޑްރަގު އެތެރެކޮށް ފޮރުވާނެ ގޮތާއި ޑީލް ނިންމާނެ ގޮތް އޮންނަނީ ރާއްޖެ އަށް ތަކެތި އަންނައިރު ކަނޑައަޅާފަ އެވެ. ޑްރަގު އެތެރެކުރަނިކޮށް މީހަކު ހައްޔަރުކުރެވިއްޖެނަމަ އެމީހުންގެ ދިފާއުގައި މަސައްކަތް ކުރާނެ ލޯޔަރުން ތިބެނީ ކުރިން އިހްތިޔާރުކޮށްފަ އެވެ. ޑްރަގް ނެޓްވޯކްތަކުގެ ލީޑަރުން ކޯޓުތަކުގެ ތެރެއިން ސަލާމަތްވަނީ ޖާދުލަކުންނެއް ނޫނެވެ. އެކަން ކުރަނީ ގާނޫނީ އިޖުރައާތުތައް ބަޔަކު ގަސްދުގައި ނުބައިކޮށް ހިންގައިގެންނެވެ.

ވައިގެ މަގުން މިފަހުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފައި ހުރި ގޮތަށް ބަލާއިރު ދުނިޔޭގައި ޑްރަގްގެ ވިޔަފާރި އެންމެ ފުޅާކޮށް ހިންގަމުންގެންދާ ދެކުނު އެމެރިކާ ބަރަށް ނިސްބަތްވާ ގައުމުތަކުގެ ރައްޔިތުން ހައްޔަރުކުރެވޭ އަދަދު އިތުރުވެއްޖެ އެވެ. ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރާއިރު އެފަދަ ކޮންމެ ޝިޕްމަންޓެއްގައި ސަތޭކަ ކިލޯއަށް ވުރެ ގިނަ އިން މަސްތުވާތަކެތި ހުރުމަކީ އެ ވިޔަފާރި ރާއްޖޭގައި ފުޅާކޮށްފައި އޮތް މިންވަރު އެނގޭ ކަމެކެވެ. އަދި އެހާ ބޮޑެތި އަދަދުތަކުން މަސްތުވާތަކެތީގެ ޑީލްތައް ނިންމަން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރަށް ދަތުރުކުރުމަކީ އެ ވިޔަފާރީގެ ރޭވުންތައް މޮޅުކަން ހާމަކޮށްދޭ ކަމެކެވެ. ސަލާމަތީ ބާރުތަކާއި ގާނޫނުތައް ތަންފީޒުކުރަން ތިބޭ އިދާރާތަކަށް ރާއްޖޭގެ ބޯޑަރު ނުބެލެހެއްޓޭ ކަމާއި އިދާރާތައް ކޮރަޕްޓްވެފައި އޮތް މިންވަރުވެސް ގޭންގްތަކުން ހިންގާ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފެންނަން އެބައޮތެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކޮށްފައިވާ 2020 ވަނަ އަހަރުގެ ކުށުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ އަހަރުގެ ތެރޭގައި އެންމެ ގިނައީ ވައްކަމާއި ޑްރަގްސް މައްސަލަތަކެވެ. ވައްކަމުގެ 3،581 މައްސަލަ އޮތް އިރު ޑްރަގުގެ 1،425 މައްސަލަ ހިމެނެ އެވެ. ވައްކަން ކުރުމާއި ޑްރަގުގެ ތެރޭގައި ވެސް އެންމެ ގިނަ އިން ހަރަކާތްތެރިވަނީ އެކި ގޭންގުތަކަށް ނިސްވަތްވާ މީހުންނެވެ.

ގޭންގުތަކުން ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށްފައި އޮތް މިންވަރު މިފަހުން އެންމެ ބޮޑަށް ހާމަވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު 315 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށްފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސީޕީ ހަމީދު ދެއްކެވި ވާހަކަތަކުންނެވެ. ކަންބޮޑުވާ ބިރުގަންނަ އަދި ރާއްޖޭގެ ޒުވާން ޖީލު މަސްތުވާތަކެތީގެ ވަބާގައި ޖައްސައި ހަލާކުކޮށްލަމުންދާ ގޮތުގެ ތަސައްވުރެއް އެ ވާހަކަތަކުން ލިބިގެންދިޔަ އެވެ. އެ ބޭފުޅުންގެ ވާހަކަފުޅުތަކުން ގޭންގުތަކުގެ ނުރައްކާ ނެތް ދިމާލެއް ނެތް ކަން ޔަގީންކޮށްދެ އެވެ.


މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ވެރިކަމުގައި އެކަނި 1.8 ޓަނުގެ މަސްތުވާތަކެތި ނައްތާލައިފި އެވެ. އެއީ މަގުމަތީގެ އަގުންނަމަ 1.8 ބިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ. މިނިސްޓަރު އިމްރާން އެ ވާހަކަ ދެއްކެވީ ސަރުކާރުން ހޯދި ކާމިޔާބެއްގެ ގޮތުގަ އެވެ. އެކަމަކު އެއީ ކާމިޔާބަކަށް ހަދައި އުފާކުރާ ވަރަށް ވުރެ ސީރިއަސް ވާހަކަފުޅެކެވެ. ރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި އެވަރަށް މަސްތުވާތަކެތި އަތުލައިގަނެވިފައި އޮތުމަކީ މުސްތަގުބަލަށް އޮތް ނުރައްކާ ބޮޑުކަން އަންގައިިދިން ކަމެކެވެ.

ދެހާސްނަވާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މުޅިން އަލަށް 500އާ ގާތް ކުރާ އަދަދެއްގެ މީހުން މަސްތުވާތަކެތި ބޭނުން ކުރަން ފަށާ ކަމަށް ސީޕީ ވިދާޅުވި އެވެ. ސީޕީ ހާމަކުރެއްވި އެހެން މައުލޫމާތުތަކުގެ ތެރޭގައި ރާއްޖޭގައި ކުރާ ކުށްތަކުގެ 85 ޕަސެންޓަކީ ސީދާ ގޮތުން ވެސް ނުސީދާ ގޮތުންވެސް މަސްތުވާތަކެއްޗާ ގުޅިގައިވާ މައްސަލަތަކެވެ. ގޭންގުތަކުގެ ޑްރަގް ނެޓްވޯކްތަކުގެ ތެރޭގައި 12 އަހަރާ 14 އަހަރާ ދެމެދުގެ ކުޑަކުދިން ރެކްރޫޓްކޮށްގެން ގެންގުޅޭ ކަމަށް ވިދާޅުވުމަކީ ރާއްޖޭގެ މުސްތަގުބަލް އަންދާ، އަޅިއަށް ހަދާފައިވާ ކަމަށް ރަމްޒުކޮށްދޭ ކަމެކެވެ.

މާލޭގައި އެކަނި ޑުރަގް އެޑިކްޓުންގެ ގޮތުގައި 1100 މީހުން އެބައުޅެ އެވެ. އޭގެތެރެއިން 200 އާއި 300އާ ދެމެދު އަދަދެއްގެ މީހުންގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި ވައްކަމާ ފޭރުމުގެ މައްސަލަތައް އިންތިހާޔަށް އެމީހުން ހިންގާ ކަމަށްވެސް ސީޕީ ޔަގީންކަމާ އެކު ވިދާޅުވި އެވެ. މާލެ ސަރަހައްދުގައި އެކަނި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 44 ތަނެއް ދެނެގަނެވިފައިވާ ކަމަށާއި އެކަން ކުރަނީ ކިހިނެއް ކަމާއި އެކަން ކުރަނީ ކޮން ބައެއްކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އެ ހުރިހާ ކަމެއް އެނގޭއިރު ނުހުއްޓުވުމަކީ އިދާރާތަކުގެ ފެއިލްވުމެވެ.

ޑްރަގު ވިޔަފާރީގައި އުޅޭ މީހުންނާއި އެމީހުން ނިސްބަތްވާ ގޭންގުތައް ސާފުކޮށް އެނގޭއިރު އެކަން ނުހުއްޓުވެނީ ކީއްވެގެން ހެއްޔެވެ. އެއީ މުޖުތަމައު ތެރެއިން އެންމެ އާންމުކޮށް އިވޭ ސުވާލެވެ. އޭގެ ސަބަބު ވެސް ގިނަ މީހުންނާއި އިދާރާތަކަށް ވެސް އެނގެ އެވެ. ގޭންގުތައް ނުހުއްޓުވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ދައުލަތުގެ ތިންބާރުގެ ތެރޭގައި ވެސް އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ވެސް ގޭންގުތަކާ ސީދާ ގޮތުން ގުޅިފައި ތިބި ބޭފުޅުން ތިބުމެވެ. ގޭންގެއްގެ މީހަކު ހައްޔަރުކުރުމަށްފަހު ކޯޓު ތަކުގެ ތެރެއިން އެމީހުން ދޫވަނީ ސިޔާސީ މީހުންނާއި ބައެއް ފަނޑިޔާރުންނާ ގުޅިފައިވާތީ އެވެ. އެކިއެކި ތަހުގީގުތަކުން ހޯދާފައިވާ މައުލޫމާތުގައި އެ ގުޅުންތައް ފެންނަން އެބަހުއްޓެވެ. ބައެއް ފަނޑިޔާރުން މަގާމުން ދުރުކޮށްފައިވާ ސަބަބުތަކަށް ބެލުމުން ވެސް ފަނޑިޔާރުންނާއި ގޭންގުތައް ގުޅިފައި އޮތް ގޮތް ސާފުވެ އެވެ.

މަސްތުވާތަކެތި ނައްތާލުމަށް އެންމެ ފަހުން ދޫނިދޫގައި ބޭއްވި ރަސްމިއްޔާތަށްފަހު ހޯމް މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅުގައި ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިން ޑްރަގު ވިޔަފާރީގެ އަޑީގައި ތިބޭކަން އެވަނީ ހާމަކޮށްފަ އެވެ. ގޭންގުތަކުން މަސްތުވާތަކެތި ވިޔަފާރިކުރާ ގޮތާއި އެ މީހުންނާ ގުޅިފައި ތިބި ސިޔާސީ ބޭފުޅުން ވެސް އެނގިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެކަމަކު އަމިއްލަ ނަފްސަށް އޮތް ނުރައްކަލެއްގެ ބިރުފުޅުގައި އެއްވެސް މީހެއްގެ ނަން ހާމަކުރައްވާކަށް ކެރިވަޑައެއް ނުގަތެވެ.

"މިއީ އެންމެނަށް އެނގޭ ކަމެއް. އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއް ނޫން. [މަސްތުވާތަކެތީގެ ވިޔަފާރީގައި] ސިޔާސީ މީހުން ހިމެނޭ. ވިޔަފާރިވެރިން ހިމެނޭ. މި ފަރާތްތަކަށް ދޭ މެސެޖެއް މިއީ އޭގެން ދުރަށް ދާށޭ،" އިމްރާން ވިދާޅުވި އެވެ.

ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިފައިވާ ހޯމް މިނިސްޓަރު ގޭންގުތައް ދެކެ ބިރުފުޅުން ކުޑަކަކޫ ޖަހަން ޖެހުމަކީ ގޭންގުތައް ސައިޒުކޮށް މުޅި ރާއްޖެ އަމާންކުރުން އަވަސް ކުރަންޖެހޭ ކަން އަންގައިދިން ކަމެކެވެ. އެކަމަކު ގޭންގުތައް ދެކެ ބިރު ގަންނަ ހޯމް މިނިސްޓަރަކާ އެކު ނަތީޖާ ނެރެވޭނެތޯ ސުވާލު އުފެދެ އެވެ.

ގޭންގުތައް މައިތިރުކުރަން ގާނޫނުގެ ބާރު ނުހިނގާ

ރާއްޖޭގައި ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަކަށް 2010 ވަނަ އަހަރުން ފެށިގެން ދަނީ އަމަލުކުރަމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ ގާނޫނު ފާސްކުރަން ހުށަހެޅީ ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށެވެ. ނަމަވެސް މިހާރުގެ އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޭރު މަޖިލީހުގައި އޮތުމުން ގާނޫނު ފާސްކުރީ އެ ގާނޫނުގެ މަގުސަދު ގެއްލޭ ގޮތަށެވެ. ގާނޫނުގެ ބޭނުން ފުލުހުން ނަހަމަ ގޮތުގައި ހިފާފާނެ ކަމަށް ބަލައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް އޭރުގެ އިދިކޮޅު މެންބަރުން ދެކޮޅު ހެއްދެވި އެވެ.

ގޭންގްތަކުން ހިންގާ އަމަލުތަކަކީ ކުށެއް ކަމަށް ގާނޫނުގައި އެބައޮތެވެ. ގޭންގްތަކުގައި ލީޑަރުކަން ކުރުމާއި މެމްބަރުކަން ކުރުމަކީ ގާނޫނުގައި ކުށެކެވެ. ގޭންގް ކުށްތައް ސާބިތުވާ މީހުންނަށް ދެތިން ހަތަރުގެ އަދަބު ލިބޭ ގޮތަށް ވެސް ހިމަނާފައިވެ އެވެ. އެކަމަކު އެ ގާނޫނުގައި ގޭންގުތައް މާނަކޮށްދޭން ޖެހޭ ގޮތާއި ގޭންގެއްގެ ލީޑަރާއި މެންބަރުން އެއީ ގޭންގުގެ މީހުންކަން ސާބިތުކޮށްދޭން ދައުލަތަށް އޮތީ އުދަގޫކޮށްފަ އެވެ. އެކަންކަން ސާބިތު ނުކޮށް، ގޭންގުތައް ހުއްޓުވޭނެ ގޮތެއް ނެތެވެ. އެހެންކަމުން ގާނޫނު ހަދާ މަޖިލިސް ތެރެއިން ގޭންގުތަކުގެ ގާނޫނު އެވަނީ އުފަންވުމުގެ ކުރިން މަރާލާފަ އެވެ. ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަކަށް އަމަލުކުރަން ފެށިތާ 10 އަހަރުވީއިރު ގާނޫނަށް އެއްވެސް އިސްލާހެއް ވެސް ގެނެސްފައެއް ނުވެ އެވެ. ގޭންގުތަކުގެ ގާނޫނުގެ ދަށުން މާގިނަ ދައުވާތަކެއް ވެސް ކޮށްފައެއް ނުވެ އެވެ. ގޭންގުތަކުގެ ގާނޫނު އިސްލާހު ނުކޮށް ހިފަހައްޓަނީ ވެސް ސިޔާސީ ބޭފުޅުން ގޭންގުތައް ބޭނުންކޮށްގެން ގާނޫނާ ހިލާފު އަމަލުތައް ހިންގާތީ އެވެ. ގޭންގުތައް މާނަކޮށްދިނުމަށް ދައުލަތަށް އުދަނގޫކޮށްފައި އޮތުމަކީ ގޭންގު ތަކުގެ މެންބަރުން ކޯޓު ތަކުގެ ތެރެއިން ސަލާމަތްވުމަށް ކޮށާދީފައިވާ މަގެކެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރު ނެރެގެން ގޭންގުތަކުގެ މެންބަރުން ޓެގްކޮށްގެން އެ މީހުންގެ އަމަލުތައް ވަގުތުން ވަގުތަށް ބެލޭނެ ގޮތް އޮތީ ހަދައިދީފަ އެވެ. އެކަމަކު ތަފާތު އުޒުރުތައް ދައްކައިގެން އިދާރާތަކުން އެކަމެއް ނުކުރެ އެވެ. ޓެގް ކުރުމުން ގޭންގުތަކުގެ މީހުން ރުޅިއަންނާތީ އެކަން ކުރަން ފަސްޖެހުމަކީ ގޭންގުތަކުގެ ކުރިމަތީގައި އިދާރާތައް ކުޑަވެފައި އޮތް ކަން އަންގައިދޭ ކަމެކެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓު އަމުރެއް ނެތި 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭ ޓެރަރިޒަަމް މަނާކުރުމުގެ ގާނޫނަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދަނީ އަމަލުކުރަމުންނެވެ. ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ ގާނޫނުން ދީފައި އޮތް ބާރުގެ ބޭނުންކޮށްގެން ތުހުމަތުވާ ގޭންގުތަކުގެ މެންބަރުން މުލުން ލުހެލާނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި އެ ގާނޫނުގެ ތެރެއިން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުންނަށް ގޭންގުތަކުގެ ސާފު މައުލޫމާތު އެނގޭ ކަމަށް ސީޕީ ހަމީދު ވިދާޅުވާއިރު ގާނޫނީ ބާރު ބޭނުންކޮށްގެން ބޮޑެތި މުޖުރިމުން ހައްޔަރު ނުކުރެވެނީ ކީއްވެތޯ ސުވާލު އުފެދެ އެވެ. ގައުމު އަމާންކުރަން ނިކުންނަނަމަ ރައްޔިތުން ބޭނުންވަނީ ނަތީޖާ އެވެ. ހިންގާ އޮޕަރޭޝަންތަކަކީ އަބަދު ޑްރާމާ އަކަށް ވުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫނެވެ.