އަފްރާޝީމް ރިޕޯޓް

އަފްރާޝީމްގެ ގަތުލުގެ ރިޕޯޓް ލާންވީ ތައްޓަށްތަ، ޓައްޕަށްތަ؟

"އޭގެ 24 ގަޑިއިރު ފަހުން އަޅުގަނޑު އެ ބޭފުޅުންނާ ބައްދަލު ކުރިން. އެ ބޭފުޅުން ވިދާޅުވި އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރުގެ އަމުރެއް ނެރުމަށް އަދި މީހެއްގެ މައްޗަށް ދައުވާއެއް ކުރަން ޖާގައެއް ނެތް ކަމަށް." މިއީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ވާހަކަފުޅެވެ.

ދިވެހިންގެ ހިތްތަކުން އަދިވެސް ފިލައިގެން ނުދާ ބިރުވެރި ހާދިސާއަށް ހަތް އަހަރު ވީފަހުން، ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން އަފްރާޝީމްގެ ރަހުމް ކުޑަ ގަތުލު ތަހުގީގު ކުރަން ފެށުމާއެކު ޖަވާބު ނުލިބޭ އެތަކެއް ސުވާލެއްގެ ކުރިމަތީގައި ދަމާފައިއޮތް ފަރުދަހާތައް ކަހާލައި، އެކަމެއް ކުރި ބަޔަކު އިންސާފުގެ ކުރި މައްޗަށް ގެނެވޭނެކަމުގެ އުއްމީދު އާލާވި އެވެ.

އެ ރިޕޯޓުގައި ހަރުކަށި ފިކުރުގެ ޖަމާއަތެއް އަޑީގައި ތިބެގެން ދިވެހި ފަސްގަނޑުގައި ހިންގަމުންދާ ޖަރީމާތަކުގެ ބިރުވެރި މަންޒަރެއް ވަރަށް ސާފުކޮށް ސިފަަކޮށްދީފައިވެ އެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ދީނީ ގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން އެފަދަ ޖަމާއަތެއް އަޑީގައި ތިބެގެން ކަމަށް ކޮމިޝަނުން އޮތީ ބުރަވެފަ އެވެ.

ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި އެ ކޮމިޝަނުން މީގެ ކުރިން ނެރުނު ރިޕޯޓުގައި ވެސް ހަމަ އެފަދަ ވާހަކަތަކެއް އޮތީ ހިމަނައިފަ އެވެ. ތުހުމަތުކުރެވޭ މީހުންގެ ނަންތައް ހިމެނުނު ނަމަވެސް، އެފަހަރުވެސް ބައެއް ތަންތަން ބަލާ ފާސް ކުރުން ފިޔަވައި އެޅުނު މާބޮޑު ފިޔަވަޅެއް ފެންނާކަށް ނެތެވެ. އެގޮތަށް އެކަން އޮއްވާ، އަފްރާޝީމްގެ ރިޕޯޓުގައި ވެސް ހައްޔަރުކޮށް، ދައުވާ އުފުލޭނެ އެންމެ މީހަކުވެސް ނެތް ކަމަށްވާނަމަ، އެ ދެ ރިޕޯޓު އެކުލަވާލުމުގައި ކޮމިޝަނުން އެއް އަހަރު ދުވަހު ކޮށްފައިވަނީ ބޭކާރު މަސައްކަތެކޭ ބުނުމުގެ ޖާގަ ލިބެނީ އެހެންވެ އެވެ.

ބޮޑެތި ގަތުލުތަކުގެ ރިޕޯޓުތައް ބޭކާރު

ރައީސް ސޯލިހު އެ ރިޔާސީ ކޮމިޝަން އުފެއްދެވީ ފުލުހުންނަށް އިތުބާރު ނުކުރެއްވޭތީ އެވެ. ސީދާ އެހެން ވިދާޅުނުވި ނަމަވެސް، ފުލުހުންނާ އެއް ހަމައެއްގައި ގާނޫނީ ބޮޑެތި ބާރުތައް ދީގެން ކޮމިޝަން އުފެއްދެވުމުގެ އެނޫން ބޭނުމެއް ނުވިސްނެ އެވެ. އޭގެ އިތުރުން، ރާއްޖޭގައި އުޅޭ ހަރުކަށި ޖަމާއަތްތައް ނުހުއްޓުވަނީ، ފުލުހުންގެ ތެރެއަށްވެސް އެ ފިކުރު ފެތުރިފައިވާކަމަށް ބުނާ އަޑުތައް އަނެއްކާވެސް މި ފަހުން ވަނީ ގަދަވެފަ އެވެ.

އެހެނަސް، އިމްރާން އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުން، މުޅި މަންޒަރު އޮތީ ހުދާއި ކަޅުން ނޫން ކަން ސާފުވި އެވެ.

އިމްރާން ވިދާޅުވީ، އެ ރިޕޯޓް ނެރުމާއެކު މަރުތައް ބަލާ ކޮމިޝަނުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އާއި ފުލުހުންގެ އިސްވެރިންނާއެކު ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވި ކަމަށެވެ.

އަދި އެ ރިޕޯޓަށް ލިބިފައިވާ ހެކިތަކާއި ބަޔާންތަކުގެ އަލީގައި ވަގުތުން ވަގުތަށް ހައްޔަރުކޮށް، ދައުވާ ކުރެވޭނެ މީހަކު ނުވަތަ ބަޔަކު ތިބިތޯ ވަރަށް ސާފުކޮށް ކޮމިޝަނުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

"އެންމެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޝަނުން ވިދާޅުވީ އެފަދަ މީހަކު ހުރިކަމަށް ދަންނަވަން ދައްޗޭ. ދެން އަޅުގަނޑު ދެންނެވި، 24 ގަޑިއިރު ތެރޭގައި އެ ރިޕޯޓު އަލުން ދިރާސާކޮށް އެފަދަ މީހަކު ނުވަތަ ބަޔަކު ތިބިތޯ ބައްލަވާ ދެއްވަން. އެކަމަކު އަދި މިހާތަނަށް އެކަން ފާހަގަކޮށްފައެއް ނުވޭ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި، ރިޔާސީ ކޮމިޝަންގެ 121 ގެ ރިޕޯޓުގައި ހައްޔަރުކުރެވޭނެ އަދި ދައުވާއެއް އުފުލޭނެ މީހަކު ނެތުމަކީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

ހޯމް މިނިސްޓަރުގެ ވާހަކަފުޅާ ގުޅިގެން ހާއްސަކޮށް އިދިކޮޅުން، ދައްކަމުން އައި ވާހަކަތައް ވަނީ ތަކުރާރުކޮށްފަ އެވެ. އެންމެ ފުރަތަމަ ދުވަހުވެސް އިދިކޮޅުން ބުނީ އެ ރިޕޯޓުގައި އާ ވާހަކަތަކެއް ނެތް ކަމަށެވެ. އަދި ފުރިހަމަ ނޫން ރިޕޯޓެއް ނެރުނީ، ދީނީ އިލްމުވެރިންގެ އަގު ވައްޓާލައި، ބައެއް ދީނީ ޖަމާއަތްތަކަށް ޓާގެޓްކޮށް، އުވާލުމުގެ ބޭނުމުގައި ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހޯމް މިނިސްޓަރު ދެއްވި ޖަވާބުން އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ހެދި ރިޕޯޓް ފުރިހަމަ ނުވާކަން ހާމަވެއްޖެ ކަމަށެވެ.

"މަރު ކޮމިޝަނުން މި މައްސަލަ އަލުން ތަހުގީގު ކުރުމަށް ގޮވާލަން. ފުރިހަމަ ނުވާ ތަހުގީގަކުން ފިޔަވަޅެއް ނޭޅޭނެ،" އޭނާ ވިދާޅުވި އެވެ.

ހެކި އެބަހުރި، ދައުވާވެސް ކުރެވޭނެ

ނަމަވެސް، އިމްރާންގެ ވާހަކަފުޅަށް ރައްދު ދެއްވައި، އެ ރިޕޯޓްގައި ހެކިތައް ބަޔާން ކުރެވިފައިވާނެ ކަމަށާއި، އެވަރުން ދައުވާވެސް އުފުލާނެކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ. އެ ރިޕޯޓް ނެރުނުއިރުވެސް، ރާއްޖޭން ބޭރުގައި ހުންނެވި ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަފްރާޝީމް އަވަހާރަ ކުރުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުން ކަމަށާއި އެ ކަން ކުރަން ބޭނުންވި ސަބަބާއި އެ ކަން ކުރުމަށް އެ ފަރާތްތަކުން ހަވާލު ކުރީ އެ ފިކުރުގެ ޖަމާއަތާ ގުޅިފައި އޮތް ޖިނާއީ ކުށް ކުރާ ގޭންގްއަކާ ކަން ކޮމިޝަންގެ ރިޕޯޓުން ސާފުވާ ކަމަށެވެ.

އެ ގޮތުން ހަރުކަށި ފިކުރުމުގެ އިސްވެރިންނަކީ ކޮން ބައެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ރިޕޯޓްގައިވާ ތިން ހެކިންގެ ހެކި ބަހުން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރު ދިވެހި ފުލުހުންނާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އެއްކޮށްފައިވާ މައުލޫމާތުތަކުން ވެސް އެނގޭނެ ކަމަށެވެ.

"ވީމާ މަރު ކޮމިޝަންގެ ތަހުގީގު ފުރިހަމަ ނޫން ކަމަށް ބުނާނެ ތަނެއް ނެތް،" ސުއޫދުގެ ޓްވީޓްގައިވެ އެވެ.

އެހެނަސް، ހޯމް މިނިސްޓަރަށް އަމާޒުކުރައްވައި ސުއޫދު ދެއްވި ރައްދުން އުފެދެނީ އިތުރު ސުވާލުތަކެވެ. ހައްޔަރުކޮށް، ދައުވާ ކުރެވޭ މިންވަރަށް އެ ރިޕޯޓުގައި ހެކި ހުރިނަމަ، ކޮމިޝަނުން އެކަން ނުކުރީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ، ބަލާފާސްކޮށް، މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދި، ދައުވާ ކުރަން ޕީޖީއަށް ފޮނުވުމުގެ ބާރު ކޮމިޝަނުގެ އަތުގައި އެބަ އޮތެވެ. ދީނީ ގޮތުން ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިގެން އައި ދަނޑިވަޅެއްގައި، ސުވާލު އުފެއްދޭނެ ޖާގަ ލިބޭ ގޮތަށް، ވަކި ބައެއްގެ ވާހަކަ މާ ތަފްސީލުކޮށް ހިމަނައި، ރިޕޯޓެއް ނެރުމުގެ ބޭނުމެއް ނުވިސްނޭތީ އެވެ.

މަޝްހޫރު ގާނޫނީ ވަކީލަކު ނަން ނުޖަހަން އެދި ވިދާޅުވީ ސުއޫދު ވިދާޅުވި ގޮތަށް، އެ ރިޕޯޓުގައި ފިޔަވަޅު އެޅިދާނެ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ޖިނާއި ގޮތުންނާއި، އިދާރީ ގޮތުން އެޅިދާނެ ފިޔަވަޅުތައް ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ކޮމިޝަނަށް ދޮގު ބަޔާން ދިނުމަކީ ޖިނާއީ ކުށެއް. ދެން އޮތީ ބައެއް ޖަމާއަތްތަކުން ކޮށްފައިވާ ރިޕޯޓުގައިބުނާ ކަންކަމަށް އިދާރީ ފިޔަވަޅު އެޅުން،" ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ސަލަފް ޖަމިއްޔާއަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ދީނަށް ފުރައްސާރަކޮށްގެން، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލި ގޮތަށް، ސަލަފަށް ފިޔަވަޅު އެޅުމަކީ ހަމައެކަނި އެ ޖަމިއްޔާ އުވާލުންކަމަށް ހެދުމަކީ ގޯހެއްކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ޖަމިއްޔާއެއް ކުށެއް ނުކުރާނެ ދެއްތޯ؟ ކުށް ކުރާނީ އެ ޖަމިއްޔާގައި އުޅޭ ބަޔަކު. ދެން ކޮންމެ ފަހަރަކު މިކަހަލަ ކަންކަމުގައި ހަމައެކަނި ޖަމިއްޔާ އުވާލައި، އެތަނުގެ ތެރެއިން ކަންކުރި ބަޔަކު މިނިވަންވުމަކީ ވަރަށް ހެއްވާކަމެއް. ކުށް ކުރާނެ މާ މޮޅު ގޮތެއްނޫންތޯ އެއީ. ޖަމިއްޔާއެއް އުފައްދައި، އޭގެ ތެރެއިން ކުށްތަކަށް އަރައިގަތީމާ، ޖަމިއްޔާ މި އުވާލަނީ. މީހަކަށް ފިޔަވަޅެއް ނާޅާ،" އޭނާ ތަފްސީލުކޮށްދެއްވި އެވެ.

ނަމަވެސް، އޭނާވެސް ފާހަގަކުރެއްވީ، މިހާރު ރައްޔިތުންގެ މަޖިލީހުންވެސް ފިޔަވަޅު އެޅުމަށް އަރުވާޖަހާފައިވާ ދެ ކަމުގެ ވާހަކަ އެވެ. ސަލަފް ޖަމިއްޔާ އުވާލުމާއި، ޑރ. ޝަހީމަށް ފިޔަވަޅު އެޅުމެވެ. އެ ދެ ކަންތައްވެސް އަފްރާޝީމްގެ މައްސަލާގައި 11 ރެކޮމެންޑޭޝަނެއް ހިމަނާފައިވާ ސަލާމަތީ ހިދުމަތްތަކަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީގެ ރިޕޯޓް އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް، ސިޔާސީ ހިޔަނި ނޭޅޭ، މުޅި ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މުގުލަށް ދެވިދާނެކަމާމެދު މިހާރު މާބޮޑަށްވެސް ވަނީ ސުވާލު އުފެދިފަ އެވެ. އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަރުކަށި ފިކުރުގެ ޖަމާއަތުގެ އިސް މީހުންގެ ތެރެއިން ބައެއް މީހުން ދުނިޔޭގައި ނެތްއިރު، އަނެއް ބަޔަކު ސީރިއާއަަށް ގޮސްފައިކަމަށް ވަނީ ބުނެފަ އެވެ. އެކަމުގައި ރައްޔިތުންގެ މަޖިލީސް ފެންނަނީ މުޅީން އެހެން އެޖެންޑާއެއްގައި އުޅޭ މަންޒަރެވެ. ހައްޔަރުކުރާނެ މީހަކު ނެތް ކަމަށް ހޯމް މިނިސްޓަރު އެ ވިދާޅުވީ އެވެ. އިތުރު މީހަކަށް ދައުވާ ކުރުން އެއްކިބާކޮށްފައި، މިހާރު ސަލާމަތްވެފައިތިބި ބަޔެއްގެ މައްސަލަތައް އިސްތިއުނާފުކޮށްލެވޭނެހާ ވަރުގެ ހެއްކެއް ނެތްކަމަށް ޕީޖީ އެވަނީ ވިދާޅުވެފަ އެވެ.

ޑރ. ޝަހީމަށާއި، ސަލަފަށް ފިޔަވަޅު އަޅާ ނިމުމުން، އެ ރިޕޯޓަށް ހަދާނެގޮތެއް ސާފުކުރަންޖެހޭނީ އެމްޑަބްލިއުއެސްސީ ގާތުންނެވެ.