ރިޕޯޓް

ދީނީ އަރައިރުން "ހަނގުރާމަ"އަކަށް: ހުރިހާ މޮޅެއް ހަރުކަށި ފިކުރަށް

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވަމުން އައި ވަރަކަށް މަލަމަތިން ފެންނަމުންދިޔަ ބަނަ ވިލާގަނޑު ވެރިކަން ފުރޮޅިގެން ދިޔުމާއެކު މިހާރު އެވަނީ ވަރުގަދަ ތޫފާނާކަށް ބަދަލުވެފަ އެވެ. އެއް ބަޔެއްގެ ނަޒަރުގައި ހައްދުފަހަނަ އެޅުން ފެތުރުމާއި ޖިހާދުގެ ނަމުގައި ބޭރުގެ ހަނގުރާމަވެރިން ފޮނުވުމުގެ މުގުލުގައި ތިބީ ދީނީ އިލްމުވެރިންނާއި ދީނީ ޖަމާއަތްތަކެވެ. އޭގެ އަނެއް ފަރާތުން އަމާޒުކުރާ އިނގިލި ނިސްބަތްވަނީ ހުޅަނގުން ވާގިލިބިގެން ދީނީ މިނިވަންކަން ހޯދަން ކުރާ ހީލަތްތެރި މަސައްކަތަކަށެވެ.

ދީނުގެ ނަމުގައި ނުރައްކާތެރި އަމަލުތަކަށް ހިތްވަރުދޭ ތުހުމަތުތަކުން ކުރިފަޅާ މިހާރުވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ހަޑިމުޑުދާރު އިލްޒާމް ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށްފަ އެވެ. ބަދަލުހފުމުގެ ރޫހެއްގައި ވިޔަސް ދީނީ ޖަމާޢަތްތައް އުވާލުމާ ދިމާލަށް މިސްރާބު އެނބުރިފައިވާއިރު، މުޅި ގައުމު ވަނީ ނުތަނަވަސް ކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ދެކޮޅުގައި ތިއްބަސް، އެއް މަގުސަދެއް

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅިގެންދިޔަ ގަރާރަކާއެކު މެންބަރުންގެ ކަންބޮޑުވުމާއި ނުރުހުން ބަންޑުންވެގެން ދިޔަ އެވެ. އަމިއްލައަށް ފަތުވާތައް ނެރެ، ލޭ ހުއްދަކޮށް މީހުންމެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ދީނާ ގުޅުންހުރި ކަމެއްނޫން ކަމަށާ އެކަންކަމަށް އަރައިގަތުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ގިނަ މެންބަރުން އިއްޔެވެސް ވަނީ ސިފަ ކުރައްވައިފަ އެވެ.

މެންބަރުންގެ ވާހަކަތަކުގެ އިތުރުން މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްތަކުން ސާފުވާކަމަކީ ހައްދުފަހަނައެޅުމާ ދީނީ ހަރުކަށި ފިކުރު ފަތުރަން ވަރަށް ފުޅާ ނެޓުވޯކެއްގެ ތެރެއިން މަސައްކަތްތަކެއް ކުރެވެމުންދާ ކަމެވެ. އެކަމާ ދެކޮޅަށް އަބަދުވެސް އެންމެ ހަރުއަޑުން ވަކާލާތުކުރައްވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ޖަލްސާގައި އަންދާޒާކުރެއްވީ އެ ނެޓްވޯކުގައި 200 އެއްހާ މީހުން އުޅޭ ކަމެވެ. ދެން އުފެދޭ ސުވާލަކީ އާބާދީގެ ނިސްބަތުން އެހާ މަދު ބަޔަކު ނުހުއްޓުވިގެން ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި ދީނީ އިލްމުވެރިންނާއި ޖަމާއަތްތަކުގެ އަރައިރުމުގެ ތެރެއިން ހަގީގީ މައްސަލައަށް ހައްލެއް ލިބިދާނެތޯ އެވެ.

އިލްމުވެރިންގެ އަގު ވައްޓާލުން، އިތުރު ނުރައްކަލެއްގެ ފެށުން

ހާއްސަކޮށް ސޯޝަލް މީޑިއާގައި ހުއްޓުމެއްނެތި ކުރަމުންދާ ޒުވާބުގައި މުޖުތަމައުގެ ތެރޭގައި އުފެދިފައިވާ ބައިބައިވުން ވަރަށް ސާފުކޮށް ސިފަވެގެންދެ އެވެ. ދީނީ އިއްލުމުވެރިންނަށް ޒަމާނުއްސުރެ ދެވިފައިވާ ހާއްސަ ގަދަރާއި އިއްޒަތް ނަޝީދު ސިފަކުރެއްވި "ފިކުރީ ހަނގުރާމަ"އިގެ ތެރެއިން ގެއްލިގެން ގޮސްފައިވާކަމީ ހިތާމަކުރުމަށްވުރެ ބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

އެފަދަ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުވެފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ސިޔާސީ އެކި ފަރާތްތަކުން ދީނީ އިލްމުވެރިންގެ އަގު ވައްޓާލައި ބޭޒާރުކޮށްލުމަށް ކުރަމުންދާ މަސައްކަތުން މިހާރު އޮތް ބިރުވެރި ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށެވެ.

"އިލްމުވެރިންގެ އަގު ވައްޓާލައި އެމީހުންނަށް ރައްޔިތުންގެ އިތުބާރު ގެއްލުވާލުމުން ދީނީ ކަންކަން އޮޅުންފިލުވަން އާންމުން ދާނީ ކޮން ބައެއްގެ ގާތަށްތޯ؟ މިހާރުވެސް ހައްދު ފަހަނައެޅުން އިތުރުވަނީ ދީނީ ހޭލުންތެރިކަން ކުޑަ ވީމަ،" ޝަހީމް ވިދާޅުވި އެވެ.

އެހެން ދީނީ އިލްމުވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ޕަބްލިކްގެ ތެރެއަށް ނުކުމެ ސޯޝަލް މީޑިއާގައި ހަރަކާތްތެރި ނުވި ނަމަވެސް ހަރުކަށި ފިކުރާ ދެކޮޅަށް މިހާރުވެސް ގިނަ ދީނީ އިލްމުވެރިން ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. ނަމަވެސް، ހުރިހާ އިލްމުވެރިންނަށް އަމާޒުކޮށް މަޖިލީހުގެ ތަޅުމާއި ސިޔާސީ އެކި ޕޯޑިއަމް ތަކުގައި ކުރެވޭ ތުހުމަތުތަކުން އެފަދަ އިލްމުވެރިން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ދީނީ ނަސޭހަތުގެ އަގެއް މިހާރު ނޯންނާނެ ކަމަށެވެ.

ޝަހީމްވެސް ފާހަގަކުރެއްވީ އެ ނުކުތާ އެވެ. ރަނގަޅު ދީނީ ތައުލީމު ލިބިވަޑައިގެން ތިއްބެވި ފުރިހަމަ އިލްމުވެރިންގެ އަގު ނުހިފެހެއްޓިއްޖެ ނަމަ، ދީނުގެ ނަމުގައި ނުބައި މަގުތަކުން މީހުން ގެންދިއުމުގެ ހިތްވަރު ލިބެނީ ހަރުކަށި ފިކުރު ފަތުރަމުންދާ "އަޑީ ދައުލަތު"ގެ ވެރިންނަށް ކަމެވެ.

"އަޅުގަނޑުމެންނަށް މިހާރު ފެނިގެން މި ދަނީ މުޅީން އެހެން އެޖެންޑާ އެއްގެ ދަށުން ވަކި ބަޔަކަށް ޓާގެޓްކޮށްގެން ފިޔަވަޅު އަޅަން މަސައްކަތްކުރާ ތަން. މިސާލަކަށް ދަންނަވަންޏާ ސަލަފު ޖަމިއްޔާ އަދު ނޫން މާދަން އުވާލާނެ ކަމަށް މި ބަލަނީ. އެކަމަކު، ސަލަފް އަކީ ގިނަ އަހަރުތަކެއް ވަންދެން އިސްލާމިކް މިނިސްޓްރީި އަށް ވުރެ ބޮޑަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން އައި ޖަމިއްޔާއެއް. އެ ތަނުގައި ސިޔާސީ ކަންކަމުގައިވެސް ނޫޅުއްވާ ވަރަށް ރަނގަޅު އިލްމުވެރިންތަކެއް އެބަ ތިއްބެވި." ޝަހީމް ވިދާޅުވި އެވެ.

ގައުމު ނުތަނަވަސް ކަމުގައި، މިނިސްޓްރީ ހިމޭނުން

އިސްލާމް ދީނާ ގުޅޭގޮތުން މުޅި ގައުމުގައި މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ކަންބޮޑުވުމަށް ޖަވާބުދާރީވެ ހައްލެއް ހޯދުމުގެ ޒިންމާ އެޅިފައި އޮތް އިސްލާމިކް މިނިސްޓްރީއަށް ކަމެއް ވެގެން އުޅޭހެންވެސް ހީނުވާ ކަަހަލަ އެވެ. މިހާރު އުފައްދާފައިވާ ސުވާލުތަަކަށް ޖަވާބުނުދިނުމުގެ އިތުރުން ބަޔާނެއްހާ ހިސާބުވެސް ނެރެފައި ނުވުމަކީ ޑރ. ޝަހީމްވެސް ހިއްސާކުރައްވާ ކަންބޮޑުވުމެކެވެ.

ޝަހީމް ވިދާޅުވާ ގޮތުގައި އިސްލާމިކް މިނިސްޓްރީ މިހާރު ފެންނަނީ ވަރަށް ބަލިކަށިކޮށް ކަމަށެވެ. އަދި މިކަހަލަ ހައްސާސީ ދަނޑިވަޅެއްގައި އެންމެން އެއްތަންކޮށް ކުރިމަތިވެގެން އުޅޭ ހަގީގީ މައްސަލައަށް ސަމާލުކަން އަނބުރާ ހޯދައި، ހައްލުކުރުމަށް އިސްނަގަން ޖެހޭނީ އެ މިނިސްޓްރީ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ކޮބައިތޯ އިސްލާމިކް މިނިސްޓްރީ؟ ކޮބައިތޯ އިސްލާމިކް މިނިސްޓަރު؟ މި ކަހަލަ ދަނޑިވަޅެއްގައި ޖަވާބެއް ހޯދަން ރައްޔިތުން އެނބުރޭނީ އެ މިނިސްޓްރީއާ ދިމާލަށް ނޫންތޯ؟ އެކަމަކު، އަދި މިހާތަނަށް ބަޔާނެއް ވެސް ނެރުއްވި ތަނެއް ނުފެނުނު." ތަފާތު ތިން ސަރުކާރެއްގައި އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ ޝަހީމް ފާހަގަކުރެއްވި އެވެ.

އަރައިރުން ނުވެ އެކުގައި މަސައްކަތް ނުކުރެވޭނެ؟

އާންމު ރައްޔިތެއްގެ ނަޒަރުން ބަލާނަމަ އެންމެ ކަންބޮޑުވާ މައްސަލައަކީ މިހާރު ގައުމުގައި ފެންނަމުންދާ މަންޒަރެވެ. އެއީ، ހަރުކަށި ފިކުރު ފެތުރުމާއި، މީހުން ގަތުލު ކުރުމާއި، ޅަ ދަރީންނާ ކައިވެނިކޮށް ޖިންސީ ގޯނާ ކުރުމަށްވުރެ ބޮޑު މައްސަލައެކެވެ. އެއީ އެ ބިރުވެރި އަދި ނާމާން މައްސަލަ އަޅާނުލައި އެއްފަރާތުގައި ބާއްވާފައި، އެކަމަށް ފިޔަވަޅު އަޅައި ހައްލު ހޯދޭނެ އެންމެން އެކަކު އަނެކަކާ ޒުވާބުކޮށް އަރައިރުންވަމުން ދާ ދިއުމެވެ.

މުޅި ގައުމު މިހާރު ގަބޫލުކުރަން މަޖުބޫރު ވެފައިވާ ހަގީގަތަކީ ދީނުގެ ނަމުގައި ނާޖާއިޒު މަންފާތަކެއް ހޯދަން ހަރުކަށި ފިކުރު ފަތުރަމުންދާ ކަމެވެ. ހިޔާާލު ތަފާތުވެ ދެ ބަސްވާ ދަނޑިވަޅު ތަކުގައި އަމިއްލައަށް މަރުގެ ހުކުމް ކަނޑައަޅައި އެއްވެސް ރަހުމެއް ނެތި މީހުން މަރާފައިވާކަމެވެ. ރާއްޖޭގައި ހެދިފައިހުރި ގާނޫނު ތަކަށް ފާޅުގައި ގޮންޖަހައި ވަކި ދައުލަތެއްގެ ގޮތުގައި ހިންގަމުންދާ ކަމެވެ.

ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް، އެ އަރައިރުމުގެ ތެރެއިން ދެ ފަރާތުންވެސް ދައްކަނީ އެއް ވާހަކައެކެވެ. ހުއްޓުވަން ބޭނުންވަނީ ދީނުގެ ނަމުގައި ބަޔަކު މަގު ފުރައްދައިގެން ހިންގަމުންދާ ޖަރީމާތަކެވެ. ދިވެހި ފަސްގަނޑުން ފޮހެލަން ބޭނުންވަނީ އެ ނުރައްކާތެރި ފިކުރު ކަމެވެ. އެހެންވީއިރު، އެއް ބަޔަކު އަނެއް ބަޔެއްގެ ބޮލަށް ފޫޅު ކަނޑައި އިލްޒާމު އެޅުވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ހާސިލްކުރަން ބޭނުންވަނީ އެއް މަގްސަދެއް ނަމަ، އެންމެން އެކުގައި މަސައްކަތް ނުކުރަންވީ ކީއްވެ ބާއެވެ؟

ޑރ. ޝަހީމްވެސް ތަކުރާރު ކުރައްވަނީ އެ ވާހަކަ އެވެ. ޖިހާދުގެ ނަމުގައި ބޭރުގެ ހަނގުރާމަތަކަށް މީހުން ފޮނުވުމާއި މީހުން މެެރުމާއި ކުޑަކުދީންނާ ކައިވެނި ކުރުން ފަދަ ކަންކަމަކީ ރާއްޖޭގައި އުޅޭ ފުރިހަމަ އެއްވެސް ދީނީ އިލްމުވެރިއަކު ހިތްވަރުދީ ގަބޫލުކުރާނެ ކަންކަމެއް ނޫނެވެ. އެކަން އެގޮތަށް ވާނަމަ، މަޖިލީހުގެ ތަޅުމުގައިވެސް މެންބަރުން އަޑުގަދަ ކޮށް ވިދާޅުވަމުން ގެންދެވީ ހަމަ އެ ވަހާކަ އެވެ. އެކަމަކު، އެ ދެ ބައި މީހުން މިހާރު ފެންނަނީ ދުޝްމިނުން ގެ ގޮތުގަ އެވެ.

ކުރިން ވާހަކަ ދެއްކެވި އިލްމުވެރިޔާ ވިދާޅުވީ ހަރުކަށި ފިކުރުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. މިވަގުތު ސިޔާސީ ބޭފުޅުންނަށް ކިތަންމެ ގަބޫލުކުރަން ދަތިވިޔަސް އެ މަސައްކަތުގައި ދީނި އިލްމުވެރިންގެ ދައުރު ވަރަށް މުހިންމު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހަކަސް، ސަރުކާރަކަސް، ފުލުހުންނަކަސް، ސިފައިން ކަމަަށް ވިޔަސް މިކަން ހައްލުކުރެވޭނީ އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އެންމެން އެކައްޗެއް ކިޔައިގެން އެކުގައި މަސައްކަތް ކުރެވިގެން. ކިތަންމެ ބޮޑަށް ފިޔަވަޅު އަޅައި އުވާލަން ބޭނުންވިޔަސް އެކަމުގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ ދައުރު ވަރަށް މުހިންމުވާނެ." އޭނާ ވިދާޅުވި އެވެ.

ޝަހީމް ވެސް އިއްތިފާގުވެ ވަޑައިގަންނަވާާ ގޮތުގައި އެންމެން ސުލްހަވެ، ކުރިމަތީގައި ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ ބިރުވެރި މައްސަލަ ހައްލުކުރުމަށް މަޝްވަރާގެ މޭޒަށް އަންނަންޖެހޭ ކަމެވެ. އެކަން ފަހިކޮށްދޭން އިސްލާމިކް މިނިސްޓްރީން އިސްނެގުމަށް ޝަހީމް ގޮވާލެއްވި އެވެ.

ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި ދެ ފަރާތުންވެސް އިއްތިފާގުވާ އިތުރު އެހެން ވާހަކައެއް އަޑުއިވުމާއެކު ނުތަވަސްކަމާއި ބިރުވެރިކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އިއްޔެ މަޖިލީހުގެ ތަޅުމުންވެސް އިވިގެން ދިޔައީ ލޭ އޮހޮރުވުމާއި ހަނގުރާމައިގެ ތުންފަތް މަތީގައި ރާއްޖެ އޮތް ކަމުގެ ބިރުވެރި އިންޒާރެވެ. ފަހަރުގައި މަޖިލީހުން އެންމެ ފުރަތަމަ ފިޔަވަޅު އަޅާ ދީނީ އިލްމުވެރިޔަކަށް ވުމުގެ ފުރުސަތު ބޮޑު ޑރ. ޝަހީމްވެ ހަމަ އެ ނުރައްކަލުގެ ރަނގަބީލު ޖެއްސެވި އެވެ. މިހާރު ގައުމު މިދާ މިސްރާބުގައި ކުރިއަށްދާ ނަމަ ވަރަށް ކައިރި މުސްތަގުބަލެއްގައި ލޭ އޮހޮރުވުމާއި ހަމަނުޖެހުމުގެ ތެރެއަށް ގައުމު ވެއްޓިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ޝަހީމް ވެސް ވިދާޅުވި އެވެ.

އަނެއްކާވެސް ތަކުރާާރު ކުރަން ޖެހެނީ މިވާހަކަ އެވެ. އެއް މައްސަލައެކެވެ. އެއް ކަންބޮޑުވުންްތަކެކެވެ. އެއް އިންޒާރެކެވެ. އެއް މަގުސަދެކެވެ. ދެން ޒުވާބު ހުއްޓާފައި އެކުގައި އިށީނދެ، މަސައްކަތް ކުރަން ފަށާ ވަގުތު އަދިވެސް ނުޖެހެނީ ހެއްޔެވެ؟