ރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމާ ގުޅުވައި ސަލަފަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު

ޓެރަރިޒަމްގެ ހަރަކާތްތަކަށް ސަލަފު ޖަމިއްޔާ ވާގިދޭ ކަމަށް ބުނެ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގެ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ކުރިއަށް ހިނގަމުންދާ ކަމަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޓީން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވާލި ރިޕޯޓް ދިރާސާކޮށް، އެ މަރާ ގުޅޭ ގިނަ ކަންކަން ބެލުމަށް އެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނަގައިފަ އެވެ.

ސަބް ކޮމިޓީގެ މަސައްކަތް ވަނީ އިއްޔެ ނިންމާލައިފަ އެވެ. އަދި 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސަބް ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ހުށަހަޅާ އެއާ މެދު ގޮތެއް ނިންމާނެ އެވެ.

އެ ކަމަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަބް ކޮމިޓީގެ ރިޕޯޓް ދިރާސާކޮށް ނިންމައި 241 ކޮމިޓީން އެކުލަވާ މައި ރިޕޯޓް ދާދި އަވަހަށް މަޖިލީހުގެ ތަޅުމަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މަރު ކޮމިޝަންގެ ރިޕޯޓުން ފާހަގަ ކުރެވުނީ އެ ޖަމިއްޔާއިން ޓެރަރިޒަމަށް ވާގިދޭ އަމަލުތައް ކުރި ކަމަށާއި އެހެންކަމުން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ސަބް ކޮމިޓީން ނިންމި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެ ކޮމިޓީ ރިޕޯޓްގައި އެބަ ފާހަގަ ކުރޭ، ޓެރަރިޒަމްގެ އަމަލުތަކަށް ވާގިދޭ ޖަމާއަތްތަކާ ގުޅޭ ގޮތުގައި އެ ކޮމިޓީން ދެކޭ ގޮތެއް، އެ ކޮމިޓީން ދެކޭ ގޮތުގައި، އެ ރިޕޯޓް ބަޔާން އެބަ ކުރޭ ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި، އެހެންވީމާ އެ ޖަމާއަތާ ގުޅޭ ގޮތުން އެ ޖަމިއްޔާއާއަށް ފިޔަވަޅު އެޅުމަށް ސަބް ކޮމިޓީން މައި ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ނިޒާމީ ނުކުތާއެއް ނަންގަވައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައި ވިދާޅުވީ މިހާރު މަޖިލިސް ތެރެއިން ކުރަން އުޅެނީ "ދީނީ އިލްމުވެރިންގެ އަނގައިގައި ޓޭޕް އެޅުން" ކަމަށެވެ. ވިދާޅުވީ ދީނީ ހަރުކަށި ކަމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވީ ހިނދު، ހަމަ އެ ގޮތަށް ލާދީނިއްޔަތު ފެތުރުމަކީ ވެސް ނުރައްކާތެރި މައްސަލައެއް ކަމަށެވެ.

ޝިޔާމްގެ ވާހަކައަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާާޅުވީ އިސްލާމިކް މިނިސްޓްރީއެއް ފުރަތަމަ އުފެއްދީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި ސަލަފް ޖަމިއްޔާ ފުރަތަމަ ރަޖިސްޓްރީ ކުރެވުނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އެކަމަކު ކުރީގެ ރައީސުން ހިމެނޭ ގޮތަށް ގިނަ ސިޔާސީ ލީޑަރުން އެމަނިކުފާނަށް ލަފާ ދެއްވީ އެ ކަން ނުކުރެއްވުމަށް ކަމަށެވެ.

އެހެންވިޔަސް އެމަނިކުފާނު ދެކެވަޑައިގަތީ ސަލަފް ޖަމާއަތް އެ ދުވަހު ރަޖިސްޓްރީ ކޮށް ނުދިންނަމަ، "އަންޑަގްރައުންޑްގައި" އެ ޖަމާއަތުގެ ހަރަކާތްތައް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިއަދުގެ ވެސް އެމަނިކުފާނު ދެކެވަޑައިގަންނަވަނީ އެ ޖަމާއަތް ހުއްޓުވައިފިނަމަ "އަނޑިއަށް" ދާނެ ކަމަށެވެ.

"މި ދިވެހިރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަށް ޖާގަ ދިނުމުގެ މަސައްކަތެއް މި މަޖިލީހުގެ ތެރެއިން، ހަމަ ގައިމު ވެސް ރިޔާސަތުގައި އަޅުގަނޑު އިނދެގެން އެ ފުރުސަތެއް ނުދޭނެ، އަޅުގަނޑުމެންގެ ހަމައެކަނި ކަންބޮޑުވުމަކީ ހަނގުރާމައަށް މީހުން ފޮނުވާތީވެ، ޓެރަރިޒަމް ނެޓްވޯކްއެއް ހިންގަން އުޅޭތީވެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް ޖަމިއްޔާތަކުގެ ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ސަލަފް ޖަމާއަތް އުވާލަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.