ސަލަފް ޖަމިއްޔާ

ސަލަފަށް ފިޔަވަޅު އަޅާ މަޝްވަރާތައް ސިއްރުކޮށްފި

ސަލަފް ޖަމިއްޔާއިން ޓެރަރިޒަމަށް ވާގިދޭ ކަމަށް ބުނެ އެ ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު ކުރިއަށް ގެންދާ މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ސިއްރުކޮށްގެން ކުރިއަށްގެންދަން ނިންމައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވާލި ރިޕޯޓް ދިރާސާކޮށް، އެ މަރާ ގުޅިގެން ގިނަ ކަންކަން ކޮމިޓީން ބެލުމަށް ނިންމައިފަ އެވެ. އެ ކަމަށް ސަބް ކޮމިޓީއެއް ވެސް ނެގި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހިމެނޭ ސަބް ކޮމިޓީގެ މަސައްކަތް އިއްޔެ ނިންމާލި އެވެ. އަދި 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރީ ސަބް ކޮމިޓީގެ ރިޕޯޓާ ގުޅިގެން ގޮތެއް ނިންމުމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަބް ކޮމިޓީން ނިންމީ ސަލަފް ޖަމިއްޔާއަކީ ޓެރަރިޒަމަށް ވާގިދޭ ޖަމިއްޔާއެއް ކަމަށްވާތީވެ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ކަމަށް އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ސަބް ކޮމިޓީގެ ރިޕޯޓް މަޝްވަރާ ކުރުމަށް ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން ވަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްފަ އެވެ. ކޮމިޓީގައި ތިއްބަވާ މެންބަރުންގެ މެދުގައި ވޯޓު ނަގައިގެން ކޮމިޓީ ސިއްރު ކުރުމުގެ ފުރުސަތު މަޖިލީހުގެ ގަވާއިދު ތަން ދެ އެވެ.

ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އަޅަން އުޅޭ ކަމުގެ އިންޒާރު ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ދެއްވި ނަމަވެސް އިދިކޮޅު މެންބަރުން ކަންބޮޑުވުުން ފާޅު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ އެ ޖަމިއްޔާ ފުރަތަމަ ރަޖިސްޓްރީ ކުރެވެނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި މިއަދު ވެސް ދެކެވަޑައިގަންނަވަނީ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަކީ "އަޑިއަށް ދާނެ" ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ފެނުނު ގޮތުގައި އެޖަމާއަތް އެ ދުވަހު ރަޖިސްޓްރީ ނުކޮށްދިން ނަމަ އެ ޖަމާއަތް އަންޑަ ގުރައުންޑުގައި މަސައްކަތް ފެށީސް. މިއަދު ވެސް އެ ޖަމާއަތް އަޅުގަނޑުމެން ހުއްޓުވައިފިއްޔާ އަޑިއަށް ދާނެ." މިއަަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.