ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ހަރަކާތްތައް ނުހުއްޓުވިއްޖެނަމަ ރާއްޖެ ހަރާބުވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގު މައްޗަށް އެކުލަވާލި ރިޕޯޓްގެ ހުލާސާއެއް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް އިއްވައިފަ އެވެ. ރިޕޯޓްގައި ބުނާ ގޮތުން އަފްރާޝީމް މަރާލީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ރާވައިގެންނެވެ.
ރިޕޯޓްގެ ހުލާސާ ތަޅުމަށް އިއްވުމަށް ފަހުގައި، ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ހަރަކާތްތައް އަވަހަށް ތަހުގީގުކޮށް ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، ރާއްޖެ ހަރާބުގެ މަގަށް ދާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ދިވެހިރާއްޖޭގައި ހިނގާ ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް އަވަހަށް ތަހުގީގު ކުރެވި ހުއްޓުމަކަށް ނުގެނެވިއްޖެ ނަމަ އަޅުގަނޑުމެންގެ ރާއްޖެ ހަރާބުގެ މަގަށް ދާނެ ކަމީ އަޅުގަނޑުގެ ހިތުގައި މިހާރު ޝައްކު ހިނގާ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުންނާއި، ފުލުހުންނާއި ދައުލަތުގެ ކަމާ ބެހޭ އެހެން މުއައްސަސާތަކުން ވެސް ރިޕޯޓްގެ މައްޗަށް އަމަލު ކުރުން އަވަސް ކުރުމަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.
ރަހުމު ކުޑަ ގޮތަކަށް ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ.
އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ ހ. ހިލްޓަން އަޒްލީފް ރައުފް އާއި، އެ މައްސަލާގައި ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމް އާއި، ސާބިތު ނުވި އަލީ ޝާން (ސަޓޯ) އާއި އޭރު އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއް ކަމަށް ކޮމިޝަންގެ ރިޕޯޓްގަައިވެ އެވެ.
މަޒީދު އާއި ސާމިތަކީ ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތު ކުރެވޭ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުގެ މީހުންނެވެ. އަދި މަޒީދަކީ ސަލްޓާން ޕާކް ބޮމުގެ ހަމަލާއަށް ފަހު، ޕާކިސްތާނަށް ގޮސް އެ ތަނުަގއި އުޅުނު އަލްގައިދާ އިސް މީހަކާ ބައްދަލުކޮށް އެ ޖަމާއަތުގެ މަސައްކަތް ރާއްޖޭގައި ކުރަމުން އަންނަ މީހެއް ކަމަށް ރިޕޯޓްގައިވެ އެވެ.
ކޮމިޝަނުގެ ރިޕޯޓުގައި ބުނާ ގޮތުން، ހުމާމާއި އަޒްލިފްގެ އިތުރުން، ޝާން އާއި، ކުޑަކުއްޖާގެ އިތުރުން ވެސް ބަޔަކު އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ބެލެވުނު ނަމަވެސް އެމީހުން ޑރ އަފްރާޝީމްގެ މަރަށް ފަހު ރާއްޖޭން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތް ހަމަ ނުޖެހުންއޮތީ، މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެން މީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ އަފްރާޝީމް ހިޔާލުހުރި ގޮތުން ކަމަށް ރިޕޯޓުގައި ބުންޏެވެ.
އޭގެ އިތުރުން އަފްރާޝީމްއާ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާ ގިނަ އަދަދެއްގެ ފަރާތްތައް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ސަލަފް ޖަމާއަތް ފާހަގަކޮށްފައިވާއިރު، 2011 ގައި ޔޫޓިއުބްގައި އުފެއްދި "ހަބޭސް ޓީވީ" ގައި އޭނާއަކީ ވަރަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކާފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.