ކުރީގެ މަޖިލީހުގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރާލުމުގެ ފަހަތުގައި އޮތީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެއްކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.
އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ހުލާސާއެއް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްވަވާފައިވާއިރު، ރިޕޯޓާ ހަވާލާދީ ނަޝީދު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގެ ފަހަތުގައި އޮތް ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
މަޒީދު އާއި ސާމިތަކީ ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތު ކުރެވޭ ޖަމާއަތުގެ މީހުންނެވެ. އަދި މަޒީދަކީ ސަލްޓާން ޕާކް ބޮމުގެ ހަމަލާއަށް ފަހު، ޕާކިސްތާނަށް ގޮސް އެ ތަނުަގއި އުޅުނު އަލްގައިދާ އިސް މީހަކާ ބައްދަލުކޮށް އެ ޖަމާއަތުގެ މަސައްކަތް ރާއްޖޭގައި ކުރަމުން އަންނަ މީހެއް ކަމަށް ރިޕޯޓްގައިވެ އެވެ.
އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ރަހުމު ކުޑަ ގޮތަކަށް ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ.
މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން އަފްރާޝީމްގެ މަރު ތަހުގީގު ކުރުމަށް ފަހު އެކުލަވާލި ރިޕޯޓް ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އަދި ރައީސް ސޯލިހު ވަނީ މަޖިލީހާ ފުލުހުންނާއި، ޕްރޮސިކިއުޓާ ޖެނެރަލާއި ކައުންޓަ ޓެރަރިޒަމް ޔުނިޓާއި އޭޖީ އާއި ހިއްސާ ކުރައްވައިފަ އެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށެވެ. އޭނާއަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.
ކޮމިޝަނުގެ ރިޕޯޓުގައި ބުނާ ގޮތުން، ހުމާމާއި އަޒްލިފްގެ އިތުރުން، ހ. ކޯސްޓް އަލީ ޝާން އާއި 18 އަހަރުނުފުރޭ ކުޑަކުއްޖެއްގެ އިތުރުން އެހެން ބަޔަކު އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ބެލެވުނު ނަމަވެސް އެމީހުން ޑރ އަފްރާޝީމްގެ މަރަށް ފަހު ރާއްޖޭން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އަދި އެކި ފަހަރު މަތިން ޑރ އަފްރާޝީމަށް ދުއްތުރާކޮށް ގޯނާ ކޮށްފައިވާކަން ފާހަގަކޮށްފައިވާއިރު، ބައެއް އިލްމުވެރިން ޑރ އަފްރާޝީމަށް ނިސްބަތްކޮށް "ތައުބާވެއްޖެ ނަމަ ރަނގަޅު ވާނެ ކަމަށް" ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތް ހަމަ ނުޖެހުންއޮތީ، މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެން މީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ އަފްރާޝީމް ހިޔާލުހުރި ގޮތުން ކަމަށް ރިޕޯޓުގައި ބުންޏެވެ.
އޭގެ އިތުރުން އަފްރާޝީމްއާ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާ ގިނަ އަދަދެއްގެ ފަރާތްތައް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ސަލަފް ޖަމާއަތް ފާހަގަކޮށްފައިވާއިރު، 2011 ގައި ޔޫޓިއުބްގައި އުފެއްދި "ހަބޭސް ޓީވީ" ގައި އޭނާއަކީ ވަރަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކާފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
އަދި އަޒްލީފްގެ ކަންކަން އެނގި ތިބި އޭނާ ކުރާ ކަންކަން ފޮރުވުމަށް މަސައްކަތް ކޮށްފައިވާ ކަމާއި އެއީ ސިޔާސީ ބަޔަކު ނިވަލުގައި ތިބޭ ކަމަށް ރިޕޯޓުން ފާހަގަކޮށްފައިވާ ކަމަށެވެ.
ޑރ. ޝަހީމަށް ބޮޑެތި ތުހުމަތުތަކެއް
އަދި އެކަމާ ގުޅިގެން، އެ ބުނާ ބަޔެއްގެ ތެރެއިން މީހަކު، އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މެސެޖުކޮށްފައިވާކަމަށް ވެސް މިއަދު ވަނީ ހާމަވެފަ އެވެ.
އެ ގޮތުން ޑރ. ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި ވަނީ އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް ވާ ކަން ރިޕޯޓްގައި ބުނެ އެވެ. އަދި ޑރ. ޝަހީމް ވަނީ އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައި ކަމަށް ރިޕޯޓްގައި ބުނެ އެވެ.
ތަހުގީގު ރިޕޯޓުގައިވާ ގޮތުން، އެހެން ބައެއް ދީނީ އިލްމުވެރިންނާއި ޑރ. އަފްރާޝީމާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ނައްތާލުމަށް ޑރ. ޝަހީމް މެދުވެރިއެއްގެ ރޯލު އަދާކޮށްދެއްވިކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ކޮމިޝަނަށް ޝަހީމް ދެއްވާފައިވާ ބަޔާނުގައިވާ ގޮތުން އަފްރާޝީމް މަރާލި ދުވަހުގެ ރޭގެ ކުރިން އެ ދުވަހުގެ މެންދުރު އިސްލާމީ މަރުކަޒަށް ވަޑައިގަތީ އޭނާގެ އެދިވަޑައިގަތުމުގެ މަތިންނެއް ނޫނެވެ. އަދި މެސެޖް ޝަހީމަށް ފޮނުވީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެއީ ކާކު ކަމެއް ހަނދުމަ ފުޅުގައި ނެތް ކަމަށް ކޮމިޝަނަށް ވިދާޅުވި ކަމަށް ރިޕޯޓްގައި ބުނެ އެވެ.
އެކަމަކު ޝަހީމާއި އެ މީހާއި އަފްރާޝީމާ ދެމެދު މެސެޖް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، މެންދުރު އިސްލާމީ މަރުކަޒަށް ވަޑައިގަތުމަށާއި އެ ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމަށް އަފްރާޝީމް އެރުމަށް އެދިވަޑައިގަތީ އޭރުގެ އިސްލާމިކް މިނިސްޓަރު ޝަހީމް ކަމަށް އެނގޭ ކަމަށް ރިޕޯޓްގައި ބުނެ އެވެ.
އެ ދުވަހުގެ ރޭ އަފްރާޝީމް ޓީވީ ޕްރޮގްރާމަށް އަރަން އެ މީހަކު އެދުނު ސަބަބާއި އެދުނީ އޭނާ ތައުބާވެ މީޑިއާގައި އެކަން އާންމުކޮށް އިއުލާން ކުރުމަށް ކަން ޝަހީމަށް އެނގިވަޑައިގަންނަވާ ކަން އެ މެސެޖްތަކުން އެނގޭ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ. އަދި ޕްރޮގްރާމަށް އެރޭ ގޮތް ނުވެއްޖެނަމަ އިސްލާމިކް މިނިސްޓްރީގައި ޕްރެސް ކޮންފެރެންސް އެއް ބާއްވަން ވެސް އޭނާ އެދިވަޑައިގެންނެވި ކަމަށް ވެ އެވެ.
އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ އަޒްލިފް އާއި ހުމާމާއި ސަޓޯއާއި 18 އަހަރު ނުވާ ކުއްޖާގެ އިތުރުން ހަތް މީހަކު ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނަސް އެ މީހުން ވަނީ އަފްރާޝީމް މަރާލި ދުވަހުގެ ރެއާ ޖެހިގެން އައި ދުވަހުގެ ހެނދުނު ސީރިއާއަށް ފުރައިގެން ގޮސްފައި ކަމަށް ރިޕޯޓްގައި ބުނެ އެވެ.
ހަމަ އެ ދުވަހުގެ ހެނދުނު ޑރ. ޝަހީމް ވެސް ރާއްޖެ ދޫކުރައްވައި ބޭރަށް ފުރާވަޑައިގެންފައިވާ ކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރައްވާފައިވެ އެވެ.
ރިޕޯޓާ ހަވާލާދީ ނަޝީދު އިތުރަށް ވިދާޅުވީ އަފްރާޝީމްގެ މަރުގެ ތަހުގީގާ ގުޅޭގޮތުން، ފުލުހުންގެ ފަރާތުން ސީސީޓީވީ ފޫޓޭޖުތަކާއި ފޯނު ކޯލް ލޮގު ފަދަ ބައެއް މައުލޫމާތުތައް ކޮމިޝަނަށް ލިބިފައިނުވާ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އަފްރާޝީމް އަވަހާރަކޮށްލުމަށް ހަތަރު މިލިއަނާއި ހަ މިލިއަން ރުފިޔާގެ އަދަދެއް ހޭދަކޮށްފައިވާކަމަށް ކޮމިޝަނުގެ ތަހުގީގަށް އެނގައިފާއިރު، އެ ފައިސާތައް ދަތުރުކުރި މަގު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މިހާރުވެސް ބެލޭނެ ކަމަށެވެ. އަދި އެ މައްސަލާގައި ނުސީދާ ގޮތުން ހަރަކާތްތެރިވި ބަޔަކު ތިބި ކަމަށާއި، އެމީހުން ކުރިކަމަކާއި އެ މީހުންގެ ދައުރު އިތުރަށް ތަހުގީގު ކުރަންޖެހޭކަމަށް ރިޕޯޓުގައި ބުނެފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި ކަމުގައި ވަރަށް ގިނަ ބަޔެއްގެ މައްޗަށް ދައުވާ އުފުލޭނެ މިންވަރަށް ހެއްކާ ގަރީނާ މި ރިޕޯޓުގައި ހުރިކަމަށް އަޅުގަނޑަށް ގާނޫނީ ލަފާ ލިބޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރުގެ ހަރާކާތްތައް މިހާރުން މިހާރަށް ނުހުއްޓުވިއްޖެނަމަ ރާއްޖެ ހަރާބުގެ މަގަށްދާނެކަމަށާއި، އަފްރާޝީމްގެ ރިޕޯޓަށް އަމަލުކުރުން ކަމާބެހޭ ހުރިހާ އިދާރާތަކުން އަވަސް ކުރަންޖެހޭ ކަމަށެވެ.