ހަބަރު

އަފްރާޝީމްގެ ގަތުލު: ހައްޔަރުކުރާނެ މީހަކު ކޮމިޝަނަކަށް ބުނެ ނުދެވުނު

Nov 26, 2019
6

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ވަގުތުން ވަގުތަށް ހައްޔަރުކޮށް ދައުވާ ކުރެވޭނެ މީހަކު އެ ކޮމިޝަނަށް ދެއްކިފައި ނުވާކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ހައްދުފަހަނަ އެޅުމާއި ދީނީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ފުލުހުން ނުކުޅެދިފައިވާކަމަށް ތުހުމަތުކޮށް، މިއަދު ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރަށް ވަނީ ގިނަ މެންބަރުންގެ ސުވާލުތައް އަމާޒުވެފަ އެވެ.

އެގޮތުން، އަފްރާޝީމްގެ ރިޕޯޓާ ގުޅިގެން ހާމަވެފައިވާ މައުލޫމާތުތަކަށް ފުލުހުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އިމްރާން ވިދާޅުވީ، އެ ރިޕޯޓް ނެރުމާއެކު މަރުތައް ބަލާ ކޮމިޝަނުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އާއި ފުލުހުންގެ އިސްވެރިންނާއެކު ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވި ކަމަށެވެ.

އަދި އެ ރިޕޯޓަށް ލިބިފައިވާ ހެކިތަކާއި ބަޔާންތަކުގެ އަލީގައި ވަގުތުން ވަގުތަށް ހައްޔަރުކޮށް، ދައުވާ ކުރެވޭނެ މީހަކު ނުވަތަ ބަޔަކު ތިބިތޯ ވަރަށް ސާފުކޮށް ކޮމިޝަނުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

"އެންމެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޝަނުން ވިދާޅުވީ އެފަދަ މީހަކު ހުރިކަމަށް ދަންނަވަން ދައްޗޭ. ދެން އަޅުގަނޑު ދެންނެވި، 24 ގަޑިއިރު ތެރޭގައި އެ ރިޕޯޓު އަލުން ދިރާސާކޮށް އެފަދަ މީހަކު ނުވަތަ ބަޔަކު ތިބިތޯ ބައްލަވާ ދެއްވަން. އެކަމަކު އަދި މިހާތަނަށް އެކަން ފާހަގަކޮށްފައެއް ނުވޭ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި، ރިޔާސީ ކޮމިޝަންގެ 121 ގެ ރިޕޯޓުގައި ހައްޔަރުކުރެވޭނެ އަދި ދައުވާއެއް އުފުލޭނެ މީހަކު ނެތުމަކީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

މަރުތައް ބަލާ ކޮމިޝަނަށް މީހުން ހައްޔަރުކުރުމާއި، ދައުވާ ކުރަން ފޮނުވުން ފަދަ ގާނޫނީ ބޮޑެތި ބާރުތަކެއް ލިބިފައިވީ ނަމަވެސް، އެ ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެ ދެ ބައްދަލުވުމުގައިވެސް ދެއްވާފައިވާނެކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވި ގޮތުގައި، ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)އަށް އެ ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއްކޮށްފައިވީ ނަމަވެސް، އޭނާގެ މައްސަލަ އިސްތިއުނާފު ކުރާނެ ވަރުގެ އިތުރު ހެއްކެއް އެ ރިޕޯޓުގައި ނެތް ކަމަށް ޕީޖީ ވިދާޅުވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ކުރެވިފައިނުވަނީ ފުލުހުންގެ ތެރޭގައި އެފަދަ ފިކުރުގެ ބަޔަކު އުޅޭތީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކަންކަން ބެލުމުގައި ފުލުހުން ފެއިލްވެފައިވާކަންވެސް ގަބޫލުކުރައްވަން އިމްރާން މިއަދު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

"ދީނީ ހަރުކަށި ފިކުރުގެ އަމަލުތައް 2007 ވަނަ އަހަރުން ފެށިގެން މިދަނީ ތަކުރާރުވަމުން. އެކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަން ގަބޫލުކުރަން. އެކަމަކު އެއީ ހަމައެކަނި ފުލުހުންގެ ޒިންމާއެއް ނޫން. އެކަން ކުރެވޭނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެކުގައި މަސައްކަތްކޮށްގެން،" ހަރުކަށި ފިކުރު މުއައްސަސާތަކަށް ފެތުރިފައިވާކަން ގަބޫލުނުކުރައްވާކަން ތަކުރާރުކުރައްވަމުން އިމްރާން ވިދާޅުވި އެވެ.