ހަބަރު

ފުލުހުންގެ ތެރޭ "އަޑީ ދައުލަތު" ގެ ބިރުވެރިކަމެއް ނެތް: ސީޕީ

Nov 27, 2019
2

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކުރާ "އަޑީ ދައުލަތު"ގެ ބިރުވެރިކަމެއް ފުލުހުންގެ ތެރޭގައި ނެތްކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުންނަށް އިންޒާރުދީ ބިރު ދައްކަމުންދާކަމަށްބުނެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ހާޒިރުކޮށްފައިވާއިރު، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަމީދު ވިދާޅުވީ ދީނީ ހަރުކަށީ ފިކުރު ފުލުހުންގެ ތެރެއަށް ފެތުރި އެކަމަށް ވާގިދޭ ބަޔަކު ފުލުހުންގެ މުއައްސަސާގެ ތެރޭގައި މަސައްކަތް ކުރަމުންނުދާ ކަމަށެވެ.

"އަނދިރި ދައުލަތުގެ މާނައަކީ ކޮބައިކަމެއް އަޅުގަނޑަށް ދަންނަވަން ދަތި. އެކަމަކު ދީނާ ގުޅުވައިގެން އަނިޔާވެރި އަމަލުތައް ހިންގުމާއި، އަދި އޭގެ އަނެއް ކޮޅުގައި އޮންނަ ދީނީ މިނިވަންކަމަށް ހިތްވަރުދީ އެއިން އެއްވެސް ކަމަކަށް ވާގިދޭ ބަޔަކު ފުލުހުންގެ މުއައްސަސާގެ ތެރޭގައި ނޫޅޭކަން އަޅުގަނޑު ދަންނަވަން،" ހަމީދު ވިދާޅުވި އެވެ.

އެ ސުވާލު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ތަކުރާރުކުރެއްވުމުން، ހަމީދު ވިދާޅުވީ "އަނދިރި ދައުލަތެއްގެ ބިރުވެރިކަމެއް ފުލުހުންގެ ތެރޭގައި ނެތް" ކަމަށެވެ.

ސައީދު ކުރެއްވި އިތުރު ސުވާލަކަށް ޖަވާބު ދެއްވަމުން، ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވެއްޓިގެން ހިނގައިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ނަމަވެސް، އެކަމާ ގުޅުވައިގެން، އެކި އެކި ސިޔާސީ ބޭފުޅުން ވާހަކަ ދައްކަވާއިރު، މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވާންޖެހޭކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު މިހިނގާ ކަންތައްތަކާ ގުޅޭގޮތުން ސިޔާސީ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބައެއް ފަހަރު ދައްކަވާ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަމާއި ކަންބޮޑުވުން އެބަ އިތުރުވެގެންދޭ. އެހެންވީމާ، އެކަހަލަ ވާހަކަތައް ދެއްކުމުގައި މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވާންޖެހޭކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ހަމީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ބައެއް އާންމުންނަށްވެސް ބިރު ދެއްކުމާއި އިންޒާރު ދިނުމުގެ ބައެއް އަމަލުތައް މިފަހުން އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، އެ ކަންކަން ވަރަށް ސީރިއަސްކޮށް ފުލުހުން ބަލަމުން އަންނަ ކަމަށާއި، މިހާރު ވެސް އޭގެ ތެރެއިން ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ދީނީ ގޮތުން އުފެދިގެން އުޅޭ ހިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ އެކަމަކީ ހަމައެކަނި ފުލުހުންނަށް ހައްލު ކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އެކަން ފެށިގެން އަންނަނީ މީހުންގެ ވިސްނުމުގެ ސަބަބުންކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ، ސްކޫލްތަކާއި ޒުވާނުންނަށް ހިންގޭ ހަރަކާތްތަކެއްގެ ތެރެއިން އެ ވިސްނުން ބަދަލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.