ހަބަރު

ފުލުހުންގެތެރޭ ހަރުކަށި ފިކުރެއް ނެތް: އިމްރާން

Nov 26, 2019
2

ހައްދުފަހަނަ އެޅުމާއި ދީނީ ހަރުކަށި ފިކުރު ފުލުހުންގެ މުއައްސަސާގެ ތެރެއަށް ފެތުރިފައިވާ ކަމަށް ބުނެ އަމާޒު ވެފައިވާ ތުހުމަތުތަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އިންކާރު ކުރައްވައިފި އެވެ.

ހައްދުފަހަނަ އެޅުމާއި ދީނީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ފުލުހުން ނުކުޅެދިފައިވާ ކަމަށް ތުހުމަތުކޮށް، މިއަދު ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރަށް ވަނީ ގިނަ މެންބަރުންގެ ސުވާލުތައް އަމާޒުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ކުރެވިފައި ނުވަނީ ފުލުހުންގެ ތެރޭގައި އެފަދަ ފިކުރުގެ ބަޔަކު އުޅޭތީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކަންކަން ބެލުމުގައި ފުލުހުން ފެއިލް ވެފައިވާކަން ވެސް ގަބޫލު ކުރައްވަން އިމްރާން މިއަދު ވަނީ ދެކޮޅު ހައްދަވާފަ އެވެ.

"ދީނީ ހަރުކަށި ފިކުރުގެ އަމަލުތައް 2007 ވަނަ އަހަރުން ފެށިގެން މިދަނީ ތަކުރާރުވަމުން. އެކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ގަބޫލު ކުރަން. އެކަމަކު އެއީ ހަމައެކަނި ފުލުހުންގެ ޒިންމާއެއް ނޫން. އެކަން ކުރެވޭނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެކުގައި މަސައްކަތް ކޮށްގެން،" އިމްރާން ވިދާޅުވި އެވެ.

އޭގެ އިތުރުން، ހަރުކަށި ފިކުރު ފުލުހުންގެ ތެރޭގައި ފެތުރޭތޯ ބެލުމުގެ މަސައްކަތް ފުލުހުންގެ އިސްވެރިންނާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށާއި، އެފަދަ ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވެސް އިމްރާން މިއަދު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

އިމްރާން ވިދާޅުވި ގޮތުގައި މިހާރުގެ ގާނޫނުތައް ތަންފީޒު ކުރުމުގައި ފުލުހުންނަށް އެއްވެސް ހުރަހެއް ނެތެވެ. އަދި ޓެރަރިޒަމް ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހުތަކާއެކު، ޓެރަރިޒަމް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާއަތްތަކުގެ ބަޔަކު ހައްޔަރުކޮށްފައި ވެއެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ރިޕޯޓާ ގުޅިގެން ހާމަވެފައިވާ މައުލޫމާތުތަކަށް ފުލުހުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އިމްރާން ވިދާޅުވީ، އެ ރިޕޯޓް ނެރުމާއެކު މަރުތައް ބަލާ ކޮމިޝަނުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އާއި ފުލުހުންގެ އިސްވެރިންނާއެކު ދެ ފަހަރެއްގެ މަތިން ބައްދަލު ކުރެއްވި ކަމަށެވެ.

އަދި އެ ރިޕޯޓަށް ލިބިފައިވާ ހެކިތަކާއި ބަޔާންތަކުގެ އަލީގައި ވަގުތުން ވަގުތަށް ހައްޔަރުކޮށް، ދައުވާ ކުރެވޭނެ މީހަކު ނުވަތަ ބަޔަކު ތިބިތޯ ކޮމިޝަނުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ.

"އެންމެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޝަނުން ވިދާޅުވީ އެފަދަ މީހަކު ހުރި ކަމަށް ދަންނަވަން ދައްޗޭ. ދެން އަޅުގަނޑު ދެންނެވި، 24 ގަޑިއިރު ތެރޭގައި އެ ރިޕޯޓު އަލުން ދިރާސާކޮށް އެފަދަ މީހަކު ނުވަތަ ބަޔަކު ތިބިތޯ ބައްލަވާ ދެއްވަން. އެކަމަކު އަދި މިހާތަނަށް އެކަން ފާހަގަ ކޮށްފައެއް ނުވޭ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި، ރިޔާސީ ކޮމިޝަންގެ 121 ސޮފުހާގެ ރިޕޯޓުގައި ހައްޔަރުކުރެވޭނެ އަދި ދައުވާއެއް އުފުލޭނެ މީހަކު ނެތުމަކީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ.