ހަބަރު

ހަރުކަށި ފިކުރު ގިންތި ކުރަނީ

Nov 27, 2019

ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަ އެޅުމާއި ހަރުކަށި ފިކުރުގެ މައްސަލަ ހައްލު ކުރަން، ފުރަތަމަ ކަމެއްގެ ގޮތުން ހަރުކަށި ފިކުރަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުންނަށް އިންޒާރުދީ ބިރު ދައްކަމުންދާ ކަމަށް ބުނެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އިމްރާންގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހާޒިރު ކޮށްފައިވާއިރު، ކޮމިޓީގެ ގިނަ މެންބަރުންގެ ސުވާލުތައް އަމާޒުވީ މިހާރު ރާއްޖޭގައި އުފެދިގެން އުޅޭ ދީނީ ހިޔާލު ތަފާތުވުންތަކާގުޅޭ ގޮތުންނެވެ.

އިމްރާން މިއަދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން، ގައުމީ ސަލާމަތީ ބެހޭ މަޖިލީހުގައި ވެސް މަޝްވަރާ ކުރެވުނެވެ.

އެ ބައްދަލުވުމުގައި ވެސް، ހަރުކަށި ފިކުރަކީ ކޮބައިކަން ސާފު ކުރުމަށް ގިނަ ސުވާލުތަކެއް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ބައްދަލުވުން ނިންމާފައި އަޅުގަނޑު އެނބުރި އޮފީހަށް ގޮސް، އެކަމާގުޅޭ ޓެކްނިކަލް ބޭފުޅާއަށް ދެންނެވިން އަޅުގަނޑުމެން އެބަޖެހެއޭ ހަރުކަށި ފިކުރު ކެޓެގަރައިޒް ކުރަން،" އެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަން ހާމަ ކުރައްވަމުން ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވި ގޮތުގައި، ހަރުކަށި ފިކުރު ގިންތި ކުރުމާއެކު، އެކަން ހުއްޓުވައި ހައްލު ކުރަން ހުރިހާ މުއައްސަސާތަކާއެކު ހުރިހާ ރައްޔިތުން ވެސް މަސައްކަތް ކުރަންޖެހޭނެ އެވެ.

ހަރުކަށީ ފިކުރު ފުލުހުން ދަރަޖަ ކުރާ ގޮތާބެހޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ފުލުހުން ބަލަނީ ހަރުކަށި ފިކުރުގެ ތެރެއިން އަނިޔާވެރި އަމަލުތައް ހިންގުން ފަދަ ޓެރަރިޒަމަށް ނިސްބަތްވާ މައްސަލަތައް ކަމަށެވެ.

"ދީނުގައި އޮންނަ ގޮތަށް ފަސް ވަގުތު ނަމާދުކޮށް ދީނުގެ ކަންކަން ފުރިހަމަ ގޮތުގައި އަދާކުރާ މީހަކީ ހަރުކަށި ވިސްނުމުގެ މީހެއްގެ ގޮތުގައި އަޅުގަނޑުމެން ނުބަލަން. ޖުމްލަ ގޮތެއްގައި އަޅުގަނޑުމެން ބަލަނީ ހަރުކަށި ފިކުރުގެ ތެރެއިން އަނިޔާވެރި އަމަލުތައް ހިންގާ އެކަންކަމަށް ހިތްވަރުދޭ މީހުންގެ މައްސަލަތައް،" ހަމީދު ތަފްސީލު ކޮށްދެއްވި އެވެ.

ދީނީ ގޮތުން އުފެދިގެން އުޅޭ ހިޔާލު ތަފާތުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ އެކަމަކީ ހަމައެކަނި ފުލުހުންނަށް ހައްލު ކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އެކަން ފެށިގެން އަންނަނީ މީހުންގެ ވިސްނުމުގެ ސަބަބުންކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ، ސްކޫލްތަކާއި ޒުވާނުންނަށް ހިންގޭ ހަރަކާތްތަކެއްގެ ތެރެއިން އެ ވިސްނުން ބަދަލު ކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.