ހަބަރު

ހަރުކަށި ޖަމާއަތްތަކުގެ މީހުން މިހާރު އެނގޭ: ސީޕީ

Nov 27, 2019
7

ބޭރުގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވަމުންދާ ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ވާގިދީގެން ރާއްޖޭގައި ބޮޑެތި ޖަރީމާތައް ހިންގަމުންދާ މީހުން ދެނެގަނެވިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހާމަ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުވާލުމުގެ ފަހަތުގައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށް އެ މަރުތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.

އަފްރާޝީމްގެ ގަތުލާބެހޭ ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ރާއްޖޭގައި ޖިހާދީ ފިކުރުގެ ޖަމާއަތްތައް ރާވައި ހިންގާ ގޮތް ތަފްސީލް ކޮށްދީފައި ވެއެވެ. އެގޮތުން ހަރުކަށި ޖިހާދީ ފިކުރުގެ ހަރަކާތްތައް ކުރީއްސުރެ، ހިނގަމުންދާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބުނެފައި ވެއެވެ.

ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ހިންގަމުންދާ އަލްގައިދާ ޖަމާއަތް އޮންނަނީ ކުދި ސެލްތަކަކަށް ބަހާލައިފަ އެވެ. ސެލްތަކަށް އޮންނަނީ "އޭ"، "ބީ"، "ސީ" އަދި "ޑީ" ގޮތަށް އަކުރެއް ކަނޑައަޅައިފަ އެވެ. ސެލް "އޭ" ގައި ތިބޭ ބަޔަކަށް ސެލް "ބީ" ގައި ތިބޭ މީހުން ނޭނގޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ކޮންމެ ސެލް އަކަށް އަމީރަކު ހުރެ އެވެ. އަދި އެ ސެލްއަކަށް މީހުން ރެކްރޫޓު ކުރާނީ އެ ސެލްގެ ވެރިއަކަށް ހުންނަ އަމީރެވެ.

"ޖަރީމާތަކުގެ މިޝަންތައް ސެލްއަކާ ހަވާލުކުރާ އިރު، ސެލްގައި ހިމެނޭ އެންމެން ނުގެންދާނެ އެވެ. ގެންދާނީ އެ ސެލްގެ އަމީރު ނުވަތަ ސެލްގެ ދެ ތިން މެމްބަރުންނެވެ،" ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ވަނީ 2014 ގެ ރޯދަ މަހުގެ ކުރިން ރާއްޖޭގައި ހައްދުފަހަނަޅާފައި ތިބި މީހުންގެ ގޮތުގައި ތިބީ އަލްގައިދާ ކަމަށެވެ. އެކަމަކު، ރޯދަ މަހުގެ ތެރޭގައި އަބޫބަކުރު އަލްބަޣްދާދީގެ ހަލީފަތު އިއުލާން ކުރުމާއެކު، ރާއްޖޭގައި އޮތް އަލްގައިދާ ޖަމާއަތުގެ ލީޑަޝިޕް ބައިބައިވި ކަމަށެވެ. -- އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު ބަޣްދާދީ މަރާލާފައިވާ ކަމަށް އެމެރިކާ އިން ދާދި ފަހުން ވަނީ ބުނެފަ އެވެ.

އެ ރިޕޯޓު ބުނާ ގޮތުގައި އަލްގައިދާ ބެހިފައި އޮތް ގޮތަކީ ދައުވަތަށް ވަކި ބަޔަކާއި ފައިނޭންސަށް ވަކި ބަޔަކާއި ދެން ހުރި ހުރިހާ ކަމަކަށް ވަކި ބައެއް ކަމަށް ކޮމިޝަނަށް ބަޔާން ދިން ހެއްކަކު ބުނެފައިވެ އެވެ. އެމީހުންގެ ހަރަކާތްތައް ހުންނާނީ އެހެން މީހުންނަށް އޮޅޭ ފަދަ ގޮތަކަށް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުންނަށް އިންޒާރުދީ ބިރު ދައްކަމުންދާ ކަމަށް ބުނެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އިމްރާންގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހާޒިރު ކޮށްފައިވާއިރު، ކޮމިޓީގެ ގިނަ މެންބަރުންގެ ސުވާލުތައް އަމާޒުވީ މިހާރު ރާއްޖޭގައި އުފެދިގެން އުޅޭ ދީނީ ހިޔާލު ތަފާތުވުންތަކާގުޅޭ ގޮތުންނެވެ.

ހަމީދު މިއަދު ވިދާޅުވި ގޮތުގައި އެފަދަ ހަރުކަށި ޖަމާއަތްތަކުގެ ތެރެއިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދަނީ ކިހާ އަދަދެއްގެ މީހުން ކޮން ގޮތަކަށްކަން ވެސް ފުލުހުންނަށް މިހާރު އެނގެ އެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެއީ ކޮން ބަޔެއްކަން. އަދި އެ މީހުންގެ ސެލްތައް މަސައްކަތް ކުރަމުންދާ ގޮތުގެ މައުލޫމާތާއި އެއީ ކިހާ އަދަދެއްގެ ބައެއްކަން ވެސް މިހާރު އެނގޭ،" ސީޕީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެއީ ކޮން ބަޔެއްކަން. އަދި އެ މީހުންގެ ސެލްތައް މަސައްކަތް ކުރަމުންދާ ގޮތުގެ މައުލޫމާތާއި އެއީ ކިހާ އަދަދެއްގެ ބައެއްކަން ވެސް މިހާރު އެނގޭ،" ސީޕީ މިއަދު ހާމަކުރެއްވި އެވެ.
މުހައްމަދު ހަމީދު | ޕޮލިސް ކޮމިޝަނާ

ކޮމިޝަނާ ވިދާޅުވި ގޮތުގައި، އެންޓި ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުން ފުލުހުންނަށް ލިބުނު އިތުރު ބާރުތަކާއެކު ފުރިހަމަ ތަހުގީގެއްކޮށް އެ ކަންކަން ސާބިތު ކުރެވޭ މިންވަރަށް ހެކި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"އެ މީހުންނާމެދު ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން މިދަނީ. ވަރަށް އަވަހަށް އެކަމަށް ހައްލެއް ގެނެވޭނެ،" ހަމީދު ވިދާޅުވި އެވެ.

އަފްރާޝީމްގެ ރިޕޯޓާ ގުޅިގެން ފުލުހުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް، އަފްރާޝީމްގެ ގަތުލާ ގުޅިގެން އެއްވެސް އިތުރު މީހަކު ހައްޔަރުކޮށް، ނޫނީ ދައުވާ ކުރެކަށް ނެތް ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް، ރައީސް ސޯލިހު ވެސް އިންނަވާ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި ވިދާޅުވެފައިވާކަން ހަމީދު މިއަދު ހާމަކުރެއްވި އެވެ.

"އެކަމަކު ފުލުހުން މިތިބީ އެ ކޮމިޝަނުން ފިޔަވަޅެއް އަޅަންޏާ، އެކަމަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދޭން. ރިލްވާންގެ ރިޕޯޓާ ގުޅިގެން ވެސް މީހުން ހައްޔަރު ކުރަން އަމުރު ހޯދުމާއި، ތަންތަން ބަލާ ފާސް ކުރުމުގައި އެ ކޮމިޝަނަށް ފުލުހުން ވާނީ އެހީތެރިވެފައި. ކޮމިޝަން އޮތްހާ ދުވަހަކު ފިޔަވަޅު އެޅުމާ ނޭޅުމަކީ އެ ކޮމިޝަނުގެ ކަމެއް،" ހަމީދު ވިދާޅުވި އެވެ.

އަފްރާޝީމްގެ ރިޕޯޓުގައި ވަގުތުން ވަގުތަށް ހައްޔަރުކޮށް ދައުވާ ކުރެވޭނެ މީހަކު އެ ކޮމިޝަނަށް ދެއްކިފައި ނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން ވެސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އިމްރާންގެ ވާހަކަފުޅަށް ރައްދު ދެއްވައި، އެ ރިޕޯޓްގައި ހެކިތައް ބަޔާން ކުރެވިފައިވާނެ ކަމަށާއި، އެވަރުން ދައުވާ ވެސް އުފުލާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ. އެ ރިޕޯޓް ނެރުނުއިރުވެސް، ރާއްޖޭން ބޭރުގައި ހުންނެވި ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަފްރާޝީމް އަވަހާރަ ކުރުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުން ކަމަށާއި އެ ކަން ކުރަން ބޭނުންވި ސަބަބާއި އެ ކަން ކުރުމަށް އެ ފަރާތްތަކުން ހަވާލު ކުރީ އެ ފިކުރުގެ ޖަމާއަތާ ގުޅިފައި އޮތް ޖިނާއީ ކުށް ކުރާ ގޭންގްއަކާ ކަން ކޮމިޝަންގެ ރިޕޯޓުން ސާފުވާ ކަމަށެވެ.

އެ ގޮތުން ހަރުކަށި ފިކުރުމުގެ އިސްވެރިންނަކީ ކޮން ބައެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ރިޕޯޓްގައިވާ ތިން ހެކިންގެ ހެކި ބަހުން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރު ދިވެހި ފުލުހުންނާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އެއްކޮށްފައިވާ މައުލޫމާތުތަކުން ވެސް އެނގޭނެ ކަމަށެވެ.

"ވީމާ މަރު ކޮމިޝަންގެ ތަހުގީގު ފުރިހަމަ ނޫން ކަމަށް ބުނާނެ ތަނެއް ނެތް،" ސުއޫދުގެ ޓްވީޓްގައިވެ އެވެ.