ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ނުރުހުން އިމްރާނަށް

ފުލުހުންގެ ނިޒާމްގެ ތެރޭގައި ހުންނަ "ލޫޕްހޯލްސް" ނުވަތަ ބާގަނޑުތައް ހޯދައިގެން ގަސްދުގައި ގޯސް ހަދާ ފުލުހުންގެ މައްސަލައެއް ރިޕޯޓް ކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރުހުން އިމްރާންއަށް އަމާޒުވެއްޖެ އެވެ.

ފުލުހުން ގަސްދުގައި ގޯސް ހަދާކަމަށް ބުނާ ވާހަކަތައް އެންމެ ފުރަތަމަ މަޖިލީހުގައި ފެންމަތި ކުރެއްވީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އެވެ. ނަމަވެސް އެ ވާހަކަތައް މިނިސްޓަރު އިމްރާން މިދިޔަ ހަފްތާގައި ވަނީ ދޮގު ކުރައްވާފަ އެވެ.

އެހެން މައްސަލައަކާ ގުޅޭ ގޮތުން މިއަދު އިމްރާން މަޖިލީހަށް ހާޒިރު ކުރުމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ އަނެއްކާ ވެސް އެ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އިމްރާން މިއަދު ވެސް ވިދާޅުވީ ގަސްދުގައި ގޯސް ހަދާ ފުލުހެއްގެ މައްސަލައެއް ރިޕޯޓްކޮށްފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް ހުށަހަޅައިފި ނަަމަ އެ މައްސަލައެއް ބަލާނެ ކަމަށެވެ. ހަމަ އެހެންމެ ފުލުުހުންގެ މުޅި މުއައްސަސާއަށް ނިސްބަތްކޮށް އެފަދަ ވާހަކަތައް ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އިމްރާން ޖަވާބުދާރީވެ ނިންމާލެއްވި ތަނާ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ގަސްދުގައި ގޯސް ހަދާކަމަށް ބަންޑާރަ ނައިބު ވިދާޅުވުމަކީ އެކަން ރިޕޯޓް ކުރުން ކަމަށެވެ.

"އިއްޒަތްތެރި ވަޒީރު. ރިޕޯޓު ކުރެވިފައި ނެތްކަމަށް ވިދާޅުވި ނަމަވެސް މިތަނުގައި ބަންޑާރަ ނައިބު ހުވާގެ މަތީގައި ހުންނަވައި، އައިސް ވިދާޅުވީމަ އަޅުގަނޑު ދެކޭނީ އެއީ ހުރިހާ ތަނަކަށް ރިޕޯޓު ކުރެވުނީ ކަމަށް އެ މައްސަލަ އަޅުގަނޑު ދެކޭ ގޮތުގައި ރިޕޯޓު ނުކުރެވި ސިޓީ އަކުން ފޮނުވައި ރިޕޯޓު ނުކުރެވި ވާކަމަށް ބައްލަވައި، އަމަލު ނުކުރައްވައި ހުންނެވުމަކީ ރަނގަޅު ގޮތް ކަމަށް އަޅުގަނޑަށް ނުފެނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގަސްދުގައި ފުލުހުން ގޯސް ހަދާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ބަންޑާރަ ނައިބާއި ހޯމް މިނިސްޓަރު ދެގޮތަށް ވާހަކަ ދައްކާވާތީ ރައީސް ނަޝީދު މިދިޔަ ހަފްތާގައި ވަނީ ފާޑު ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާ ކަމަށެވެ.