ހަބަރު

މިނިސްޓަރަށް ވަކިވަކި ފުލުހުންނަށް އަމުރު ނުކުރެވޭ ގޮތަށް ބިލެއް ފޮނުވައިފި

ވަކިވަކި ފުލުހުންނަށް ހޯމް މިނިސްޓަރު އަމުރު ނުކުރެވޭ ގޮތަށް ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމައްޓަކައި ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" ގެ ނަމުގައި ބިލެއް އެކުލަވާލީ ގާނޫނު އަސާސީގައި ބަޔާން ކުރާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއް ކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.

ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ހޯމް މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަށް މިހާރުގެ ފުލުހުންގެ ގާނޫނުގައިވާ ވަރަށްވުރެ ސާފުކޮށް ބަޔާން ކުރުން އެ ބިލްގައި ހިމެނެ އެވެ. އެ ގޮތުން ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރު ނުކުރެވޭނެ ކަމުގައި ބިލްގައި ކަނޑައަޅާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ކޮމިޝަނާ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހުން އައްޔަން ކުރުމުގެ އިޖުރާއަތް އިތުރަށް ހަރުދަނާކޮށް، މަގާމުގެ ޝަރުތުތައް އިތުރަށް ބިލްގައި ތަފްސީލް ކޮށްފައިވާ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ. އަދި ފުލުހުންގެ ހިދުމަތް ހިންގުމަށް ކޮމިޝަނަރަށް ލަފާ ދޭ ބަޔަކު ތިބެން ވާނެ ކަމަށް ބިލްގައިވެ އެވެ.

އޭގެ އިތުރުން ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރު ބޭނުން ކުރުމުގެ އިހްތިޔާރު ލިބިގެން ވަނީ ކަމާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ދާއިރާގެ ތެރޭގައި ކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކުރުން ހިމެނެ އެވެ. ކުށްކުރުން ހުއްޓުވުމާއި އަމަން ބެލެހެއްޓުމުގައިފުލުހުންނަށް ލިބިދޭ ބާރުތައް ތަފުސީލްކޮށް ބަޔާން ކުރުން ވެސް ހިމެނެ އެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން މެނުވީ އެއްވުންތައް ރޫޅާލުމުގައި އަމަލުކޮށްގެން ނުވާނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ނުޖެހޭ ހާލަތެއްގައި ބާރުގެ ބޭނުން ނުކުރުމަށް ކަނޑައެޅިގެން ގާނޫނުގައި ބަޔާން ކުރުން ވެސް ހިމެނެ އެވެ. އެ ގޮތުން ބާރުގެ ބޭނުން ކުރަން ޖެހޭ ހާލަތުގައި ބޭނުން ކުރާ ބާރަކީ ކުރިމަތިވެފައިވާ ނުރައްކަލާ އެކަށޭނަ ނިސްބަތް ހަމަ ބާރަކަށް ވާން ވާނެ ކަމަށެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަކުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވޭނެ އުސޫލެއް ތައާރަފު ކުރުމާއި ފުލުހުންގެ ހިދުމަތް މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް އޮންނަ 241 ކޮމިޓީގެ ދައުރު ބަޔާން ކުރުން ވެސް ބިލްގައި ހިމަނާފައިވެ އެވެ. އަދި ތަހުގީގުތައް ހިންގުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރު ވެސް ބިލްގައިވާ ބަޔާންކޮށްފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.