ރަޝިއާ އާއި ޔުކްރޭންގެ މަންދޫބުން ތުރުކީގެ ވެރިރަށް އިސްތަންބޫލްއަށް ޖަމާވެއްޖެ އެވެ. ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ސުލްހަވުމަށް ގޮތެއް ހޯދަން ކުރިއަށް އޮތް ދެ ދުވަހު މަޝްވަރާ ކުރިއަށް ގެންދާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
ޔުކްރޭނަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކަށް މަސް ދުވަސް ވެފައިވާއިރު ކޮޅުމަތި އަދި ވެސް އޮތީ ބަނަކޮށެވެ. ދެ ގައުމުގެ ވެރިން މަޝްވަރާ ކޮށްގެން ނޫން ގޮތަކަށް މައްސަލަ ހައްލު ނުވާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެ އެވެ.
ތުރުކީގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުން ބައްދަލުވުން ބޭއްވޭނީ ނޫސްވެރިންނަށް ސިއްރުންނެވެ. މަޝްވަރާ ތަކުގައި ރަޝިއާއަށާއި ޔުކްރޭނަށް މުހިންމު ނުކުތާތަކަށް މަޝްވަރާ ކުރެވޭތީ ނޫސްވެރިން ނުވައްދާ ގޮތެއް ހަމަޖެއްސީ އެވެ.
ސުލްހައިގެ މަޝްވަރާތައް ތުރުކީއަށް ފޯރުމުގެ ކުރިން ބެލަރޫސްގައި އެތައް ފަހަރަކު ވަނީ ދެ ގައުމުގެ މަންދޫބުން ބައްދަލު ކުރައްވާފަ އެވެ. އެހެން ނަމަވެސް އަލިމަގެއް ފެނިފައެއް ނުވެ އެވެ.
ރަޝިއާ އާއި ޔުކްރޭން ސުލްހަ ކުރަން ތުރުކީން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ދެ ގައުމުގެ ވެރިންނާ ދޭތެރެ ދޭތެރެއިން ފޯނު ކުރައްވައި ވަޒީރުންގެ ފެންވަރުގައި ވަނީ ދެ ގައުމަށް ހެޔޮ ގޮތް އިޚުތިޔާރު ކުރަން ދަންނަވާފަ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާއެކު އޮންނަ ބަދަހި ގުޅުމެއްގެ ސަބަބުން މަޝްވަރާތައް ތުރުކީގައި ވާއްވަން ހަމަޖައްސާފައި ވާއިރު ޔުކްރޭނުން އެންމެ ބޮޑަށް މަސައްކަތް ކުރާނީ ހަނގުރާމަ ހުއްޓުވާލުމަށެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް އޮތީ ރަޝިއާ ބުނާ ގޮތެއް ހެދުމެވެ. އެނޫން ގޮތެއްގައި ގައުމު ހަލާކު ވަންދެން ތިބުމެވެ.