ދުނިޔެ

ޕޫޓިން އަންނަ މަހު ރަސްމީ ދަތުރެއްގައި ތުރުކީއަށް

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަންނަ މަހު ތުރުކީއަށް ރަސްމީ ދަތުރެއް ކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން މިހެން ވިދާޅުވީ މިހާރު ތުރުކީއަށް ވަޑައިގެން އުޅުއްވާ ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީއާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ޔުކްރޭން ހަނގުރާމަ މީގެ 500 ދުވަސް ކުރިން ފެށި ފަހުން ޕޫޓިން ތުރުކީއަށް ވަޑައިގެންފައެއް ނުވެ އެވެ. އެހެންނަމަވެސް، މި މުއްދަތުގެ ތެރޭގައި މި ދެ ލީޑަރުން އެކި ފަހަރު އެކި ތަނުން ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

ޕޫޓިން ތުރުކީއަށް ވަޑައިގަންނަވާ ސީދާ ސަބަބެއް އުރުދުޣާން ވިދާޅެއް ނުވެ އެވެ. އެހެންނަމަވެސް، ދެ ލީޑަރުންގެ މަޝްވަރާއަށް މައުލޫތަކެއް މިހާރު ވެސް ހުރީ ތައްޔާރުކޮށްފަ އެވެ.

ތުރުކީ އާއި އދ މެދުވެރިގެން ފަށާފައި އޮތް ޔުކްރޭން ގޮވާން ޑީލް މިހާރު އޮތީ މެދުކަނޑާލާފަ އެވެ.

ކަޅުކަނޑުގެ ބަނދަރުތައް ހުރަސްކޮށް ގޮވާން ބޯޓުފަހަރު ދަރުކުރާއިރު، ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަަބަބުން އެއިން އުޅަނދަކަށް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީން މި ދެ ގައުމުން އޮތީ ދީފަ އެވެ. ނަމަވެސް، ގޮވާން ޑީލުގެ ހަގީގީ ބޭނުން ހާސިލުނުވާ ކަމަށް ވިދާޅުވެ ޕޫޓިން ވަނީ އެ އެއްބަސްވުމަށް އަމަލުކުރެއްވުން ވަގުތީ ގޮތުން މެދު ކަނޑުއްވާލައްވާފަ އެވެ.

ޕޫޓިން ތުރުކީއަށް ވަޑައިގެން އުރުދުޣާންއާ އެކު ކުރައްވާ މަޝްވަރާތަކުގައި ގޮވާން ޑީލާ ބެހޭ ގޮތުން އަލުން މަޝްވަރާ ކުރައްވާނެ އެވެ. މިއީ އދ އިން ތުރުކީއަށް ވަރަށް ބޮޑަށް ބާރުއަޅަމުންދާ ކަމެކެވެ.

ހަނގުރާމައިގެ އަސީރުން ބަދަލުކުރުމުގައި މިހާރަށް ވުރެ ލުއި އަދި އަވަސް ގޮތްތަކެއް ހަމަޖެއްސެވުމާ ބެހޭ ގޮތުން ވެސް އުރުދުޣާން މަޝްވަރާކުރައްވާނެ އެވެ. އަދި ވަކިން ޚައްސަކޮށް ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ވެސް ދެ ރައީސުން މަޝްވަރާކުރައްވާނެ އެވެ.

އުރުދުޣާންއާ ބައްދަލުކުރެއްވުމަށް ފަހު ޒެލެންސްކީ ނޫސްވެރިންނަށް ވިދާޅުވީ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ޔުކްރޭނާ މެދު ތުރުކީގެ ވިސްނުން ވަރަށް ސާފު ކަމަށާއި ވަރަށް ބޮޑަށް ހިތްހަަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ޔުކްރޭން ގޮވާން ޑީލަށް ރަނގަޅު ގޮތެއް ހޯއްދަވައި ދެއްވުމަށް އުރުދުޣާންއަށް ދެންނެވި ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.