ސައުދީ އަަރަބިއްޔާ

ސައޫދީން 400 މިލިއަން ޑޮލަރު ޔުކްރޭނަށް

ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއަށް ފޯނުކުރައްވައި އުފާވެރި ޚަބަރެއް ދެއްވައިފި އެވެ.

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމުގެ ގޮތުން 400 މިލިއަން ޑޮލަ އެހީގެ ގޮތުގައި ތައްޔާރަށް ހުރި ވާހަކަ އެވެ.

ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދިއުމަކީ ދުނިޔޭގެ މަސްލަހަތަށް ވަރަށް ބޮޑު ދެރައެއް ކަމަށް މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ލެޒެންސްކީއަށް ދެންނެވި އެވެ. އަދި ބައިނަލްއަގުވާމީ ސިޔާސަތުތަކުގެ ތެރެއިން ރަޝިއާ، ޔުކްރޭން ސުލްހަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްބީއެސް ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުވެން އޮތީ މަޝްވަރާކޮށްގެންނަމަ އެ ބަޔަކަށް ސައޫދީން ދައުވަތު ދޭނެ އެވެ. އަދި އެއްމޭޒެއް ދޮށަން މަޝްވަރާއަށް ގޮވާލާނެ އެވެ.

ޒެލެންސްކީ ސައޫދީއަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވި އެވެ. އޭނާ ވިދާޅުވީ ޔުކްރޭންއާ މެދު ސައޫދީ ދެކޭ ގޮތް ރަނގަޅު ކަމަށާއި ހިތްޕުޅުހަމަޖެހޭ ކަމަށެވެ.

ޔުކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިއާއާ ގުޅުވާލުން ކުށްވެރި ކުރުމަށް އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ސައޫދީން ޔުކްރޭނަށް ތާއީދުކުރި ކަމަށްޓަކައި ވެސް ޒެލެންސްކީ ޝުކުރު ދެންނެވި އެވެ.

އެމްބީއެސްއާ އެކު ފޯނުން މަޝްވަރާ ކުރެއްވުމަށްފަހު ޒެލެންސްކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސީރުން ބަދަލުކުރުން -- ހަނގުރާމައިގައި ހައްޔަރުކުރެވޭ މީހުން ދޫކޮށްލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި ޔުކްރޭނަށް އެހީ ހޯދުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

މުހައްމަދު ބިން ސަލްމާން ވިދާޅުވި ގޮތުގައި ރަޝިއާގައި ހައްޔަރުކޮށްފައި ތިބި ޔުކްރޭން މީހުން ދޫކޮށްލުމާ ބެހޭ ގޮތުން ރައީސް ޕޫޓިންއާ މަޝްވަރާ ކުރައްވާނެ ކަމަށާއި ވަރަށް ބޮޑު ކަމެއް ގޮތުގައި އެކަމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ އުނދަގޫތަކުން ސަލާމަތް ވެވެން އޮތީ ހަނގުރާމާ ހުއްޓުވައިގެންނެވެ.

ސައޫދީ އާއި ތުރުކީ ފެންނަނީ ހަނގުރާމަ ހުއްޓުވަން އިސް ސަފުގައި ހަރަކާތްތެރިވާ ދެ ގައުމުގެ ގޮތުގަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުވެން އޮތް ހުރިހާ ގޮތެއް ބައްލަވާނެ އެވެ. އަދި މާޔޫސްވެ ވަޑައިގެން އުންމީދު ކަނޑުއްވައި ނުލައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.