ބައިނަލްއަގްވާމީ ވިޔަފާރީގައި އެމެރިކާ ޑޮލަރު ނޫން ފައިސާއެއް ބޭނުންކުރާ ގައުމުތަކަށް -- ޚާއްސަކޮށް ބްރިކްސް ގައުމުތަކަށް، އެމެރިކާގެ އިންތިޚާބީ ރައީސް، ޑޮނަލްޑް ޓްރަމްޕް އިންޒާރުދެއްވައި ބިރުދައްކަވައިފި އެވެ.
ޓްރަމްޕް ވިދާޅުވީ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއެއް ބޭނުންކުރާ ނަމަ، އެ ގައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 100 ޕަސެންޓް ޓެކްސް ނަންގަވާނެ ކަމަށެވެ.
ޑޮނަލްޑް ޓްރަމްޕްގެ މި އިންޒާރު ގުޅިގައި ވަނީ ބްރިކްސް ގައުމުތަކުން އެމެރިކާ ޑޮލަރު ދޫކޮށްލުމަށްޓަކައި، ވަކި ފައިސާއަކަށް ބަރޯސާކުރުމަށް ކުރެވޭ މަޝްވަރާތަކާ އެވެ.
ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ ގުޅިގެން އުފައްދާފައި އޮތް އިތުތިސާދީ ޖަމާއަތް -- ބްރިކްސްއިން މިހާރު ވެސް މެމްބަރު ގައުމުތަކުގެ މެދުގައި އަމިއްލަ ފައިސާއިން ވިޔާފާރި ކުރެ އެވެ.
ބްރިކްސްގެ މެމްބަރު ގައުމުތަކުގެ ތެރޭގައި އީރާން، މިސްރު، އިތޯޕިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ވެސް ހިމެނެ އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުގައި ޗައިނާ އާއި ރަޝިއާއާ ދެމެދު ކުރެވޭ ވިޔަފާރީގައި މިހާރު ގިނައިން ބޭނުންކުރެވެނީ އަމިއްލަ ފައިސާ އެވެ. އެއީ ޗައިނާގެ ޔުއާން އަދި ރަޝިއާގެ ރުބެލް އެވެ.
އީރާން އާއި ރަޝިއާއާ ދެމެދު ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި 100 ޕަސެންޓަކީ އީރާންގެ ރިޔާލާއި ރަޝިއާގެ ރުބެލް ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، ބްރިކްސް ގައުމުތަކުން އެމެރިކާ ޑޮލަރަށް ބޭނުންހާ ގޮތެއް ހަދާތަން ބަލަން އެމެރިކާ ނޯންނާނެ އެވެ. އެ މީހުންނަށް އޮތީ ޑޮލަރު ދެމެހެއްޓުން ނުވަރަ އެމެރިކާގެ އިގުތިސާދުން ބޭރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އެ މީހުންނަށް -- ބްރިކްސް ގައުމުތަކަށް އޮތް ސުވާލަކީ ބަދަލު ފައިސާއެއް ތައާރަފްކުރާނީތޯ ނުވަތަ އެމެރިކާގެ ތަނަވަސް އިގުތިސާދުން ފައިދާހޯދާނީތޯ އެވެ.
އެމެރިކާ ޑޮލަރު ދަމަހައްޓާނެ ގޮތެއް ބްރިކްސް ގައުމުތަކުން ސާފުކޮށްދޭން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެ ޔަގީކަން ނުދީފި ނަމަ އެމެރިކާގެ އިގުތިސާދުން ފުރުސަތު ނުދެއްވާނެ ކަމަަށްވެސް ވިދާޅުވި އެވެ.