އިއްޔެ އާއި މިއަދު 11 އަތޮޅެއްގެ 34 ރަށަކަށް އުދަ އަރާ އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނެފި އެވެ.
އެންޑީއެމްއޭ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން މިހާތަނަށް 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އަދި ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުންނެވެ.
މިވަގުތު ތިން ރަށަކުން ހަ އާއިލާއެެއް ތިބީ ކައުންސިލް އިދާރާގައި ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައެވެ. އަދި އެ މީހުންނަށް ބޭނުންވާ ތަކެއްޗާއި އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް ސިފައިންނާއި ގުޅިގެން ކުރަމުންދާ ކަމަށް ބުންޏެވެ.
އެމްޑީއެމްއޭ އިން ބުނީ ށ. ބިލެތްފަހިއަށް "ރޯޅި" އެއް އަރާ ތިން ގެއަކަށް ގެއްލުން ވެފައިވާ ކަމަށެވެ.
އައްޑޫ ސިޓީ މަރަދޫއަށް އުދައަރާ 50 ގެއަކަށް ގެއްލުންވެފައިވެއެވެ. އަދި އެއް އާއިލާއެއް މިވަގުތު ތިބީ ކައުންސިލް އިދާރާގައެވެ.
މަރަދޫފޫދޭގެ 30 ގެއަކަށް ވަނީ އުދައިގެ ސަބަބުން އެކި ވަރުގެ ގެއްލުން ވެފައެވެ. އަދި ހިތަދޫއަށްވެސް އުދައަރާ ގެއްލުން ވެފައިވެއެވެ.
މިއަދުވެސް އދ. ފެންފުއްޓަށް ވަނީ އުދަ އަރާފައެވެ. އިއްޔެ އެ ރަށުގައި ވަނީ ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. ރާޅުގަނޑުގެ ތެރެއަށް ދެ ޒުވާނަކު ދަމައިގަނެ އެއް ޒުވާނަކު ވަނީ ނިޔާވެފައެވެ.
އދ. ދިއްދޫގެ 8 ގެއަކަށް ވަނީ އުދައިގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ވެފައެވެ.
މީގެ އިތުރުން ތިމަރަފުށީގެ 30 ގެއަކަށް ވަނީ ގެއްލުން ވެފައެވެ. އެއް އާއިލާއެއް ތިބީ ވަގުތީ ހިޔާގައި ކައުންސިލް އިދާރާގައެވެ.
ތ. ދިޔަމިގިލިން ފަސް ގެއަކަށް އަދި އެ އަތޮޅުު ވޭމަންޑޫ އިން 10 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ. ތ. ކިނބިދޫ އިން 58 ގެއަކަށް އަދި ގާދިއްފުށިން 35 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ.
އެ އަތޮޅު މަޑިފުށިން 60 ގެއަކަށް އަދި އޮމަދޫ އިން 15 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ. ތ. ގުރައިދޫއަށްވެސް މިއަދު ވަނީ އުދަ އަރާފައެވެ.
ލ. މާވަށާއި މާބައިދޫ އަދި ގއ ކޮލަމާފުއްޓާއި މާމެންދޫއަށްވެސް އުދައިގެ އަސަރު ކޮށްފައިވެއެވެ. އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު މަޑަވެލީގެ ހަތަރު އާއިލާއެއް މިވަގުުތުވެސް ތިބީ ވަގުތީ ބޯހިޔާވަހި ކަމުގައެވެ. ގދ. ރަތަފަންދޫ އިން 110 ގެއަކަށް އަދި ހޯނޑެއްދޫ އިން 40 ގެއަކަށް އުދައިގެ ސަަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ. އަދި ފަރެސްމާތޮޑާ އާއި ފިޔޯރީއަށްވެސް ވަނީ އުދަ އަރާފައެވެ.
ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އަދި އއ. ފެރިދޫ އާއި ތޮއްޑޫއަށްވެސް ވަނީ އުދަ އަރާފައެވެ.
ރ. މީދޫ އާއި އުނގޫފާރާއި މަޑުއްވަރީ އާއި މާކުރަތާއި ފައިނު އަދި ހުޅުދުއްފާރަށް އުދައަރާ އޮޑިހަރުގެ ތަކާއި ސިނާއީ މަސައްކަތްކުރާ ސަރަހައްދުތަކަށް އަދި ވިޔަފާރިތަކަށް ވަނީ ގެއްލުން ވެފައެވެ.
ޅ. ކުރެންދޫ އާއި އެ އަތޮޅުގެ ވެރިރަށް ނައިފަރަށްވެސް އުދަ އަރާފައިވެއެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދެ ރަށުގައި ވަނީ ފެންބޮޑުވެފައެވެ.