ވާހަކަ

މިލްކުވާނެބާ

(6 ޑިސެމްބަރ 2024 އާ ގުޅޭ)

އެންމެފަހުން އިޒީކިއަލް ކުރާން ބޭނުންވެ ނުކެރިފައި ހުރި ސުވާލުތައް ކޮށްފި އެވެ. ދެމެދުގައި އެތައްކަމެއް ޚިއްޞާކުރެވުނުއިރު ވެސް މާޔާ ނުދައްކާ އޮތް ވާހަކައަކީ އެއީ އެވެ. އިޒީކިއަލް ވަރިކުރީމާ އޭނާގެ ދިރިއުޅުން އަނދިރިވެގެން ދިޔަވަރު މާޔާ ކިޔާނުދޭން ހުރީކީ ނޫނެވެ. އިޒީކިއަލް ވެސް ނާހާތީ އެ ވާހަކަތައް ނުދެއްކިފައި ހުރީ އެވެ. ހާލަތު ބަދަލުވެގެން އައި ނަމަވެސް މާޔާގެ ހަނދާނުން އެއްވެސް ކަމެއް ފިލައިގެން ނުދެ އެވެ. އެ ހަނދާންތައް ފިލައި ނުވެސް ދާނެ އެވެ.

"ފަހުން އެ ވާހަކަދައްކަމާ." އިރުކޮޅަކު ވިސްނަން ހުރެފައި މާޔާ ބުންޏެވެ.

"މިޔާ..." މާނަވީ ގޮތަކަށް އިޒީކިއަލް ގޮވާލި އެވެ.

"ނުކިޔާދޭކަށްނޫން. އެކަމަކު މިރެއަކުނޫން. ޕްލީޒް އިޒިކް. މިރޭ އަހަރެންނަށް މި އެނގުނީ ބައްޕަ މަރުވީ އާދައިގެ މަރަކުންނޫންކަން. އެކަމުގައި މީހެއްގެ އިހުމާލު އެބައޮތްކަން. އިޓްސް ޓޫ މަޗް. އަހަރެން ހިތަށް ވެސް ނާރާ ދޮންތައަށް އެވަރުގެ ކަމެއް ކުރާން ކެރޭނެއޭ ވެސް." މާޔާ ބުންޏެވެ.

"އައިމް ސޮރީ." އިޒީކިއަލް ނިކަން އަވަހަށް ބުނެލި އެވެ.

"ތެންކިޔު... އިޒިކް ބަލައި ނުދިންނަމަ އަހަރެންނަށް އެކައްޗެއް ވެސް ނޭނގުނީސް. ދޮންތައަށްވުރެ ބޮޑަށް އާމިލްބެއަށް އަހަރެން އިތުބާރުކުރީ އެއީ ބައްޕައާއެކު އެންމެ ޒަމާންވަންދެން ބައްޕަގެ ވިޔަފާރީގެ ހުރިހާކަމެއް ބަލަހައްޓަމުން އައި މީހާ ވީމަ. ކަންތައްވީ ގޮތާމެދު އަހަރެން ސުވާލު އުފެދުނަސް ދޮންތަ ކައިރިޔަށް ގޮސް އެއްވެސް އެއްޗެއް އަތުލުމުގެ ވިސްނުމެއްނެތް." މިޔާ ބުންޏެވެ.

"މިޔާ. ޔޫ އާ ޓޫ ނައީވް... ދުނިޔެމަތީ ސެލްފިޝްނޫން މީހަކު ނޫޅޭނެ. ޚާއްޞަކޮށް މުދަލާ ފައިސާއަށް ދަހިވެތިވާ މީހުން ގިނަވާނެ. ދެން މާބޮޑަށް ނުވިސްނާ. މިޔާގެ ބައްޕަގެ މަރުގެ ހަޤީޤަތް ދުނިޔެއަށް ހާމަނުކެރުވަނަސް މިޔާގެ ބައްޕަގެ ފަރާތުން މިޔާއަށް ލިބެންޖެހޭ އެއްވެސް ހައްޤަކަށް އެހެން މީހަކު އަރައިގަތަ ނުދޭނަން. އަހަރެން މިކަންތައް މިޔާއަށް ކޮށްދޭނަން." އިޒީކިއަލް ބުންޏެވެ.

މިޔާ ގޮވައިގެން އޭނާ ދިރިއުޅޭ އެޕާޓްމެންޓާ ހަމައަށް އިޒީކިއަލް އައެވެ. ދެ މީހުން އެރެޔަށް އަލްވަދާޢުކީ އެހިސާބުންނެވެ. އަނެއްކޮޅުން ޖެހިގެން އޮތް ދުވަހަކީ ޚާއްޞަ ދުވަހެކެވެ. ކައިވެނީގެ ވަލީމާ ޙަފުލާ ބާއްވަން ހަމަޖެހިފައި އޮތް ތަނާއި ދަޢުވަތު އަރުވާ މެހެމާނުންގެ ލިސްޓް ތައްޔާރު ކުރުމެވެ. އެކަމުގައި އިޒީކިއަލްމެން ގެއަށް މާޔާ ދާންޖެހެ އެވެ. އާސިފްއާއި ސަރީކާ ހުރިހާ މަޝްވަރާއެއް ކުރިޔަށް ދާއިރު މާޔާ އެމީހުންނާއެކު އިންނަން އެދެއެވެ.

* * * * *

ފަނޑިޔާރު ޠާރިގު ކުއްލިއަކަށް ދެކޮޅު ހެދުމުން ޖާހިދާ މާޔޫސްވި އެވެ. ވީގޮތެއް އޭނާއަކަށް ނޭނގެ އެވެ. ޠާރިގަށް ހަދިޔާކުރި ފައިސާގައި ވެސް އޭނާ ނުހިފި އެވެ. އެ ފައިސާ އަނބުރާ ޖާހިދާއަށް ރައްދުކުރީ އެވެ. މިވީ ކިހިނެއްކަމެއް ނޭނގިފައި ހުއްޓާ ޖާހިދާއަށް ދެން ލިބުނީ ހީނުކުރާވަރުގެ ސިހުމެކެވެ. މަޒީދުގެ ގޭގެ މައްސަލާގައި އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ކޯޓަށް މައްސަލަ ހުށަހަޅަފައިވާކަމުގެ ޚަބަރެވެ. ގޭގެ ރަޖިސްޓްރީ ބަދަލުކުރާން އުޅޭކަން މިޔާއަށް އެނގުނީ ކިހިނެއްބާއޭ ޖާހިދާ ހިތަށް އެރި އެވެ. މިހުރިހާ އަހަރު މިޔާ އެމީހުންގެ އެއްވެސް ކަމަކާ ނުބެހި ހުރެފައި ކުއްލިއަކަށް ގެ ހޯދަން އުޅޭތީ ޖާހިދާ ކަންބޮޑުވެއްޖެ އެވެ. އާމިލް މެދުވެރިކޮށް މިވީގޮތެއް ޖާހިދާ ހޯދާ ބެލި އެވެ. ދެން ވެސް އޭނާއަށް ލިބުނީ ހިތްނުތަނަވަސްވާ ފަދަ ޚަބަރެކެވެ. މަޝްހޫރު ވިޔަފާރިވެރިޔާ އާސިފްގެ ހުރި ހަމައެކަނި ކާފަ ދަރިފުޅާއި މިޔާ އިންނަން އުޅޭއިރު މިޔާގެ ފަހަތުގައި އޮތީ އެހާމެ ވަރުގަދަ ކާމިޔާބު ވަކީލުންގެ ޓީމެކެވެ.

"އާމިލް. ކަލޭ ކޮންމެވެސް ކަމެއް ކޮށްބަލަ. އަހަރެންނަށް އެކަންޏެއްނޫން މިކަމުން ފައިދާވާނީ." ޖާހިދާގެ އެދުމަށް ގެއަށް އައިސް އިން އާމިލްއަށް އޭނާ ބުންޏެވެ.

"އަހަރެން ކުރިން ވެސް ބުނިން ދޯ މިޔާ ދުނިޔޭގައި ހުއްޓާ މި ގެ އަތުލުމަކީ އުނދަގޫކަމެކޭ. އޭނާ އުޅޭނޭ ތަނެއް އޮތްތޯ ކޯޓުން ބަލާނެ. ނެތިސް ޖާހިދާއަށް މި ބޮޑު ގޯތި އެއްކޮށް އަމިއްލައެއް ނުކުރެވޭނެ. އަހަރެން ވެސް މިހުންނަނީ ހާސްކަމެއްގެ ތެރޭ. މަޒީދު އަހަރެންނަށް ވަރަށް އިތުބާރުކުރޭ. އެކަމަކު އަހަރެން ކަންތައްކުރީ ކިހިނެއް... މިޔާއަށް އެކަން އެނގިއްޖެއްޔާ." އާމިލްގެ މޫނުމަތިން ވެސް ހާސްކަން ފާޅުވެ އެވެ.

"ދެން ތިބުނަނީ އަހަރެމެންނަށް ކުރެވޭނެކަމެއް ނެތީއޭތަ. ފައިސާ ޚަރަދުކޮށްގެން މިކަން ކޮށްދޭނެ މީހަކު ނުވާނެތަ." ޖާހިދާ އެއްސެވެ.

"އެކޮޅުން އެހުރީ އަރްހަމަ. ޒުވާނެއްކަމަކު އޭނާ އަހަރެމެންނަށްވުރެ މާ ތަޖުރިބާކާރުވާނެ. ނުފުރޮޅާ އެންމެ ގަލެއް ވެސް ނުބާއްވާނެ. މިހާރު ނޭނގެ އެމީހުންނަށް އެނގުނީ ކިހާ މިންވަރެއްކަމެއް ވެސް. މީ ޖާހިދާގެ ކަންތައް... ކުންފުނި ލިބުނީމަ މި ގެ އެކުއްޖާއަށް ދޫކޮށްލި ނަމަވެސް. ގައިމު އަމިއްލަ ތަނެއް ގަނެވޭހާ ރުފިޔާ އެބައޮތް. ހުރިހާ އެއްޗެއް ބައްކުރާން އުޅޭން ހަދައިގެން ލިބޭ ލަނޑު މީ." އާމިލް ގަޔާނުވެފައި ބުންޏެވެ.

"ކުންފުނި ކިހިނެއް އަތުލެވޭނީ." ގަދަވެލާފައި ޖާހިދާ ބުންޏެވެ.

"މަށަކަށް ނޭނގެ. އަހަރެންނަށް ކުރެވޭނެ ކަމެއްނެތް... ޖާހިދާގެ ފަރާތުން ވަކީލެއް ހޯދަން އަހެރެންނަށް ފެންނަނީ. މިޔާގެ ނަންމަތީގައި ތި ތައްޔާރުކޮށްގެން އުޅޭ ލިޔުންތައް ކޯޓުގައި ބޭޒާރުވާނެ. އަހަރެން މިހާރު ގަސްދެއް ނުކުރާން ކުންފުނީގައި ވެސް ހުންނާކަށް. މާދަމާ ރަސްމީކޮށް ވަކިވާން ސިޓީ ލާނަން. މިއިން އެއްވެސް ކަމެއްގެ ތެރެއަށް ވަންނާކަށް އަހަރެން ބޭނުމެއްނޫން." އާމިލް ބުންޏެވެ. އޭނާގެ ގަސްދަކީ ބެންދޭ އުޅޭ މަޅިން ރެކިގަތުމެވެ. އޭނާއާ ދިމާއަށް އެއްވެސް ކަމެއްގައި މިޔާ ނާންނަނީސް ހުރިހާކަމަކާ ވީހާ ވެސް ދުރަށް ދިއުމެވެ. އޭނާގެ މައްޗަށް ހުކުމެއް އަތުވެދާނޭތީ އެވެ. ބެދޭ މަޅީގައި ޖާހިދާ ބެދެން ދޫކޮށްލުން އެއީ އާމިލްއަށް ފެނުނު ހައްލެވެ.

"އެކަމަކު އޭރުން ކިހިނެއްވާނީ. އަހަރެން އެކަންޏެއްނޫން މަޒީދުގެ މުދާތަކަށް ވެރިވީ. އަހަރެންނަށް އެންމެ ބޮޑު އެހީއެއްވީ މީހަކީ ތީ. ހީނުކުރާތި އާމިލުގެ ކުށެއްނެތޭ." ޖާހިދާ ހިތްހަމަނުޖެހުނެވެ.

އާމިލް އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއްނުވި އެވެ. އޭނާ ދަނީއޭ ބުނެ ތެދުވީ އެވެ. އަދި ހަލުވި ފިޔަވަޅުގައި އޭނާ އެ ގެއިން ނުކުންނަން ދިޔަ އެވެ. އެނބުރި ދެން އެ ގެއަށް ނާންނާނަމޭ އާމިލްގެ ހިތާއި ސިކުނޑީގައި އޮތެވެ. ޖާހިދާ ގުޅައިފިނަމަ ދެން ކަންކަން ނިންމާނީ ފޯނުންކަމުގައި އާމިލް ހުރީ ނިންމައިގެންނެވެ.

* * * * *

ހަފްތާއެއް ފަހެވެ. މާޔާއާއި އިޒީކިއަލްގެ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ނިމެމުން ދިޔަ އެވެ. ދެ ދުވަހެއްގެ ތެރޭގައި އެ މީހުން އަނެއްކާ ވެސް ދެމަފިރިންނަށް ވާނެ އެވެ.

ހަވީރުގެ ވަގުތު މާޔާ އިނީ ފައިނާނާއެކު ހުޅުމާލޭގެ އަތިރިމައްޗާ ދިމާގައި ހުރި ރެސްޓޯރެންޓެއްގައި ސައިބޯށެވެ. އެކުވެރިޔާއަށް ހުރިހާކަމެއްގެ އެންމެފަހުގެ ޚަބަރު މާޔާ ކިޔާދެމުންދިޔަ އެވެ.

"ނުބައިކަމެއް އެ އަންހެނާގެ ވެސް އެބަހުއްޓެއްނު. ރަނގަޅު. ހަމަ އަތުލަންވީ ހުރިހާ އެއްޗެއް. މިޔާއަށް ހެދިހެން އެމީހުން ވެސް މަގުމަތިކޮށްލަންވީ." ފައިނާނު ބުންޏެވެ.

"އަރްހަމް ބުނި އަހަރެމެންގެ ކޮޅަށޭ ނިމޭނީ. މާދަމާ އެނގޭނެ ޔަޤީނުން ވެސް. ކޯޓުން ދިމާވިއިރު ދޮންތަ ހުރީ ވަރަށް ފާޑަކަށް. އެގެއިން ނުކުންނަން ދޮންތަމެންނަށް ޖެހޭނީ. ގޭގެ ކަންތައް ނިންމާގޮތަށް ބައްޕަގެ ކުންފުނި ހޯދުމުގެ މަސައްކަތް ދެން ފަށާނީ. ނާނުއާ ވެސް އަހަރެން ވާހަކައެއް ދައްކަންވެފަ އޮތީ." މާޔާ ބުންޏެވެ.

"އަހަރެންނަށް ކަމެއް ކުރެވުނީތަ؟." ފައިނާނު ނިކަން އަވަހަށް އަހާލި އެވެ.

"ކަމެއް ކުރެވުނީއެއް ނޫން. އަހަރެން ކަމެއްކޮށްދޭން ބޭނުންވަނީ." މާޔާ ހިނިތުންވެލި އެވެ.

"މިޔާ. އަހަރެން މިހުރީ ފުދިގެންނޭ. އަބަދު އަހަރެންނާމެދު ނުވިސްނަބަލަ." ފައިނާނު ބުނެލި އެވެ. މާޔާ ހިނިތުންވުމަކާއެކު ވާހަކަދައްކަން ފެށި އެވެ.

"ނާނުއަށް ޓަކައި ކޮށްދޭ އެއްވެސް ކަމަކީ ބޭކާރުވެގެންދާނޭ ކަމެއްނޫން. އެހެންވީމަ އަޑު އަހާބަލަ... އަހަރެން މިއުޅެނީ އިޒީކިއަލްއާ މެރީކުރަން. އޭނާ ވެސް އޭނާގެ ޢާއިލާ ވެސް އެދެނީ އަހަރެމެން އެ ގޭގައި ދިރިއުޅޭން. އަހަރެންނަށް އެގޮތް އެންމެ ރަނގަޅު. އިޒީކިއަލްއާއި އަހަރެންނަކީ ޢާއިލާގައި ތިބި ހަމައެކަނި ދަރީން. އެހެންވީމަ އަހަރެމެން އެ ގޭގައި އުޅުނަސް އުނދަގޫ ކުރާނޭ ބަޔަކު އެ ގެއަކު ނޫޅޭނެ. އެހާތަނަށް ބައްޕަގެ ގެ ވެސް އޮންނާނީ އަހަރެންނަށް ލިބިފައި. އަނެއްކޮޅުން ހުޅުމާލޭގައި ހުރި އެޕާޓްމެންޓް ވެސް ހުންނާނީ ހުސްކޮށް. އަހަރެން ގަސްދުކުރަނީ ހުޅުމާލޭގެ އެޕާޓްމެންޓް ކުއްޔަށް ދޭން. އަދި އެތަނުން އެ ލިބޭ ލާރި ނާނުގެ އެކައުންޓަށް ޖަމާވާ ގޮތަށް ބަހައްޓަން... ނާނު ޖަސްޓް ލިސެން އިނގޭ. އަހަރެންގެ ނަންމަތީގައި އެތަން އޮތަސް އެއީ ނާނު އަހަރެންނަށް ޓަކައި ކޮށްދީފައި އޮތް ހެޔޮކަމެއް. އަހަރެން އެދުނީ ނާނު އަމިއްލައަށް އުޅެވޭނޭ ގޮތެއް ހޯދަން. އަހަރެންނަށް އެނގޭ ޒާހިލްއަށް ފައިސާގެ ދަތިކަމެއް ނެތްކަން. އެހެންވިޔަސް ނާނުއަށް އަމިއްލަ އެއްޗެއް ލިބޭނެއެއްނު. އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް. ހިތް ހަމަ ސާފު... އަހަރެންނަށް ދައްޗެއް ވެސް ނުވާނެ. ބައްޕަގެ ގެ ލިބުނީމާ އެ ގެ ވެސް ކުއްޔަށް ދޭން އަހަރެން ވިސްނަނީ. އަހަރެމެންނަށް އުޅެވޭން ނެތްއިރު ފަޅަށް ބަހައްޓާނެކަމެއްނެތެއްނު." މާޔާގެ ޚިޔާލު ހުރި ގޮތް ފާޅުކުރި އެވެ.

"އަހަރެން ނޫނެކޭ ބުންޏަސް މިޔާ ޤަބޫލެއްނުކުރާނެ." މާޔާގެ ނިންމުންތަކާ ދެކޮޅު ނުހެދޭނޭ ބުނާ ރާގެއްގައި ފައިނާނު ބުނެލި އެވެ. އެއާއެކު މާޔާ ޖަހާލީ ހިނިގަނޑެކެވެ.

"އާން. އިޓްސް ފައިނަލް އެންޑް ޑަން. އަހަރެން އެޕާޓްމެންޓްގައި ކުރާން ހުރި ކަންކަން ނިންމާނަން. ނާނު ތި ބަނޑާއެކީ އަންނާނެކަމެއްނެތް. މިހާރު ތިހުރީ ފަޅައިގެން ދާން ތައްޔާރުވެފައި." މާޔާ ބުންޏެވެ.

"ވަރަށް އުނދަގޫވޭ. ހަމަ ނިދި ވެސް ނުނިދޭ މިހާރު." ބަނޑުގައި ފިރުމާލަމުން ފައިނާނު ބުންޏެވެ. އޭނާ އިނީ ވިހަން ކައިރިވެފަ އެވެ. ކޮންމެ އިރަކު ވެސް ވަގުތު ޖެހިދާނެކަމަށް ތައްޔާރުވެ އެވެ.

"ޒާހިލަށް ގުޅަންވީނު ބަލާ އަންނަން." މާޔާ ބުންޏެވެ. ސައިބޮއެ ނިމި ބިލު ދެއްކުމާއެކު މާޔާ ބުނެލި އެވެ.

"އެޕާޓްމެންޓާ ހަމައަށް ގޮސްފައި ގުޅާނީ. މަޑުމަޑުން ހިނގާލާފައި ދާނީ... ހިނގަން ވެސް އެބަޖެހޭ." ފައިނާނު ބުންޏެވެ.

"އަހަރެންގެ ވެޑިން ނިންމާފައި ވިހަންވާނީ. ނާނު އަންނަން ޖެހޭނެ އެއްވެސް މީހަކު ނަޔަސް." މާޔާ ބުނެލި އެވެ.

"ކޮބާ ދަރިފުޅު. އަޑު އިވިއްޖެތަ. އެހެން އެބުނީ ދަރިފުޅުގެ ދެވަނަ މަންމަ." ބަނޑުގައި އަތް ޖައްސާލަމުން ފައިނާނު ވާހަކަދެއްކީ ބަނޑުގައި އޮތް ދަރިފުޅާ އެވެ.

ބަރުހެލިކަމާއެކު މޭޒުދޮށުން ފައިނާނު ތެދުވެ ހިނގައިގަތެވެ. އޭނާގެ ނުހަނު ގާތުގައި މާޔާ ހުއްޓެވެ. ދެ އެކުވެރީން މިސްރާބުޖެހީ އެޕާޓްމެންޓާ ދިމާއަށެވެ.

* * * * *

އެތައް ފަހަރަކު އާމިލްއަށް ޖާހިދާ ގުޅައިފި އެވެ. އޭނާ ރުޅި އައިސްގެން ސޯފާ މައްޗަށް ފޯނު ހޫރާލައިފި އެވެ. އައިސްފައި ހުރި ގަދަ ރުޅީން ޖާހިދާގެ މުޅި މޫނު ވެސް ވަނީ ރަތްވެފަ އެވެ. ނިތްކުރިމަތިން ދާތިކިތައް ވިދަމުންދިޔަ އެވެ. ޗަސްޖަހާލާފައި ސޯފާއަށް އޭނާ ވެއްޓިގަތެވެ.

"ކޮންތާކަށް އަހަރެމެން ދެން ދާނީ." އަޖުލާ ސުވާލުކޮށްލި އެވެ. ކަންތައްވީ ކިހިނެއްކަން އަޖުލާ ދެނެގަތީ ޖާހިދާގެ މޫނުމަތީންނެވެ. އެހިނދު ޖާހިދާ ބަލާލީ އަލިފާނުގެ ބެލުމަކުންނެވެ. އެއާއެކު އަޖުލާ ވަގުތުން ހިމޭންވެއްޖެ އެވެ.

"މަރާލެވުންނަމައޭ ހިތަށް އަރާ." ރުންކުރުކަމާއެކު ޖާހިދާ ބުނެލި އެވެ.

ކޯޓުން އެނބުރި އައިސްސުރެން ޖާހިދާ އެ އުޅެނީ އެފަދަ ހާލެއްގަ އެވެ. އަމިއްލަ ރުޅި ހައްތަހާ އައީ ގަދަވަމުންނެވެ. ހިތާއި ސިކުނޑީގައި ނުބައި ރޭވުންތައް ރާވަންފެށި އެވެ. އެހެންވިޔަސް މިހާރު މިވަގުތައް އޭނާއަށް ކުރެވޭނޭ ކަމެއްނެތެވެ. ބޮޑުކޮޓަރީގެ ސޯފާގައި ޖާހިދާ އިންއިރު އަޖުލާ ހުރީ ދުރަކުނޫނެވެ. އޭގެ ދެ މީހުން ސިހުނީ ގޭގެ މައިގޭޓުގެ ބެލް އަޅާލި އަޑަށެވެ.

"ކީއްވެފަތަ ތިހުންނަނީ؟. މަތަ ދާންވީ އެއީ ކޮންބައެއްތޯ ބަލަން... ގޮސް ބަލާބަލަ ކާކުތޯ އައީ." ރުޅިވެރިކަމާއެކު ޖާހިދާ ހަޅޭލަވައިގަތެވެ. އައީ ކޮންބައެއްތޯ ބަލަން އަޖުލާ ދުއްވައިގަތީ ދެނެވެ.

"މަންމާ..." ދޮރުމަތީ ހުރެފައި އަޖުލާ ހަޅޭލަވައިގަތެވެ.

ސޯފާއިން ޖާހިދާ ތެދުވީ އަޖުލާގެ އަޑަށެވެ. އޭނާއަށް މައިގެއިން ނުކުމެވުނު އިރު ގޭޓުން އެތެރެއަށް ވަދެގެން އަންނަ މާޔާ ފެނިއްޖެ އެވެ. މާޔާއާއެކު އަރްހަމާއި އިޒީކިއަލް ހުއްޓެވެ. ގޯތީގެ އެކި ދިމާއަށް މާޔާގެ ނަޒަރު ދަތުރުކުރަމުން ދިޔަ އެވެ. ޖާހިދާ ނުކުމެ ގޯތިތެރޭގައި އެމީހުންނާ ކުރިމަތިވާނޭހެން ދެ އަތް އުރާލައިގެން ހުއްޓިއްޖެ އެވެ. އޭނާ އައިސްފައި ހުރި ރުޅިއާއި މާޔާއަށް ކުރާ ނަފުރަތު އެ މޫނުމަތިން ފޮރުވާކަށް ވެސް މަސައްކަތެއް ނުކެރެ އެވެ. ދެލޯ އަޅައިގެން މާޔާއަށް ބަލަން ހުރީ އެވެ. އޭނާގެ ތަންކޮޅެއް ފަހަތުގައި އެއްފަރާތެއްގައި އަޖުލާ މަޑުކޮށްލައިގެން ހުއްޓެވެ.
(ނުނިމޭ)