ހަބަރު

ބިރުވެރި މަންޒަރެއް، މިކަން ހައްދުފަހަނަޅައިފި!

"ވީ ނީޑް އަވާ ސެލެރީ! [އަހަރެމެންގެ މުސާރަ ބޭނުމެވެ] ވީ ނީޑް އަވާ ޓިކެޓް! [އަހަރުމެންގެ ޓިކެޓް ބޭނުމެވެ]" ކަރުދާސްތަކެއްގައި އެ ޝުއޫރުތައް ލިޔެ ހުޅުމާލޭގައި ހުންނަ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ލޭބާ ކުއާޓާއެއްގެ ތެރޭގައި މިއަދު ބިދޭސީންތަކެއް މުޒާހަރާއެއް ފެށި އެވެ. އެކަމަކު، އެމީހުންގެ ހައްގުތަކަށް އަދި ޑިމާންޑް ކުރަން ފެށި އެ މުޒާހަރާ ނިމިގެން ދިޔައީ މުޅި ރާއްޖެއަށް އަނެއްކާ ވެސް ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް އަޅަމުންނެވެ.

ސުލްހަވެރިކަމާއި މަޑުމައިތިކަމާއެކު ހަމައެކަނި ޕޯސްޓަރުތަކެއް ހިފައިގެން އެ ބިދޭސީން ލޭބާ ކުއާޓާ ތެރޭގައި އާއި އެ ތަނުން ބޭރުގައި އަޑު އުފުލަން ފެށުމުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި އެމީހުންގެ މުޒާހަރާ މަޑުޖައްސާލުމަށް ފުލުހުންގެ ވެހިކަލެއް އެތަނަށް ގާތްކުރި އެވެ.

އަންހެން ފުލުހުން ވެސް ތިބި އެ ވެހިކަލްގައި މާގިނަ ފުލުހުންތަކެއް ނެތެވެ. އެމީހުން ތިބީ ހަތިޔާރާއި އެހެން ވެސް ވަސީލަތެއް ވެސް ހިފައިގެންނެއް ނޫނެވެ. ހުސްއަތާ އެވެ. ވެހިކަލް ކުއާޓާއާ ގާތްކޮށް ފުލުުހުން ވެހިކަލުން ފައިބާ އެމީހުންނާ ދިމާލަށް ހިނގައިގަތެވެ. ދެން މުޅި މަންޒަރު ބަދަލުވެ، ބިރުވެރި ހާލަތަކަށް މުޅި އެ ސަރަހައްދު ބަދަލުވެގެން ދިޔަ އެވެ.

"އަހަރެން ވެސް ހުރީ ބިދޭސީން އެމީހުންގެ ހައްގު ހޯދަން އަޑު އުފުލާތީ އެ އަޑު ވީހާވެސް ގިނަ ބަޔަކަށް އިއްވަން އެތަން ވީޑިއޯ ކުރަން، ކުއްލިއަކަށް އަހަރެންނަށް ފެނުނީ ގަލުގެ ވާރޭއެއް އައިހެން، މަގުމަތީގައި އަޅާފަދަ އެތައް ގަލެއް ފުލުހުންނާ ދިމާލަށް ބިދޭސީން އުކަން ފެށި، އެތަނުގައި ތިބި ބައެއް އާންމުންގެ ގައިގާ ވެސް އެ ގާތަކުން ޖެހުނު، ކައިރީގައި ހުރި އެހެން އިމާރާތްތަކާ ހަމައަށް ވެސް ގާތައް އުކި،" ކަން ހިނގިއިރު އެތަނުގައި ހުރި މީހަކު ކިޔައިދިނެވެ.

ރުޅިގަދަވެފައި ތިބި އެ ބިދޭސީންތަކަށް ފުލުހުންނާ ދިމާލަށް ގާ އުކަން ފެށީ ހަމަ ކުއްލިއަކަށެވެ. ފުލުހުން ވަގުތުން ހިމާޔަތް ހޯދީ ވެހިކަލްގެ ނިވަލަށް ވަދެ އެވެ. ވެހިކަލް ދުއްވަން އިން ފުލުސް މީހާ، އެހެން ފުލުހުން ވެހިކަލްގެ ނިވަލަށްލައިގެން ވެހިކަލް ފަހަތަށް ޖެއްސި އެވެ. އޭރު ވެހިކަލްގެ ބިއްލޫރިގަނޑުތައް ވެސް ހުރީ ތެޅިފަ އެވެ. ވެހިކަލްގެ އެތެރޭގައި ވެސް ގާ ހުއްޓެވެ. ވެހިކަލް ދުއްވަން އިން ފުލުސް މީހާއާ ސީދާ އަމާޒުކޮށް ވެސް ގާތައް އުކި އެވެ.

ގަލުން ޖެހި ބައެއް ފުލުހުންނަށް އެކި ވަރުގެ އަނިޔާވި އެވެ. ނަމަވެސް ސީރިއަސް އެއްވެސް އަނިޔާއެއްވެފައެއް ނުވެ އެވެ.

ފުލުހުންނަށް ބިދޭސީން ދިން ވަރުގަދަ މި ހަމަލާއާ ގުޅިގެން އެތަނުގައި ތިބި ދިވެހިން ރުޅިގަދަވި އެވެ. ބައެއް މީހުން ވަނީ ހެލްމެޓް އަޅައިގެން ބިދޭސީންއާ ކުރިމަތިލުމަށް ދުއްވައިގެންފަ އެވެ. އެމީހުން ހުއްޓުވުމަށް އެތަނުގައި ތިބި ޓްރެފިކް ފުލުހުން މަސައްކަތް ކުރުމުން ވެސް "ކަލޭމެންނަށް އަނިޔާކުރާއިރު އަހަރެމެން ނުތިބޭނަން" ކަމަށް ބުނެ އެމީހުން ކުރިއަށް ދިޔަ އެވެ. އެމީހުން ކުއާޓާއަށް ހަމައަަށް ދިޔުމާއެކު އަނެއްކާވެސް ބިދޭސީން ގާ އުކަން ފެށި އެވެ. އެންމެފަހުން އެ ދިވެހިންނަށް ވެސް ޖެހުނީ ފުލުހުންނާއެކު ފަހަތަށް ޖެހޭށެވެ.

ހަމަނުޖެހުން ކޮންޓްރޯލް ނެއްޓުމާއެކު އެތަނަށް އެސްއޯ ފުލުހުންގެ ޓީމެއް އަޔެ އެވެ. އެ ފުލުހުން ފުރިހަމަ ތައްޔާރީގައި އައިސް ލޭބާ ކުއާޓާ ތެރެއަށް ވަންނަން މަސައްކަތް ފެށުމުން ބިދޭސީން ހިމޭންވި އެވެ. ކިމަންވެ އެމީހުން އަމާން ދިނެވެ. ފުލުހުންގެ އެ ޓީމު އެ ކުއާޓާ ތެރެއަށް ވަދެ، ޖުމްލަ 40 ބިދޭސީއަކު ހައްޔަރުކުރި އެވެ. އެ ބިދޭސީންނަކީ ފުލުހުންނަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުންނެވެ.

މި މުޒާހަރާ ހިނގައިގެން ދިޔައީ، ބިދޭސީންގެ މައްސަލާގައި ކަންބޮޑުވެ ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލައަކަށް ބަހުސް ކުރިއަށް ދަނިކޮށެވެ.

މިއަދު ހުޅުމާލެއިން ފެނުނު މަންޒަރަކީ ހަގީގަތު ވެސް ބިރުވެރި މަންޒަރެކެވެ. މުޅި މުޖުތަމައުއެއްގެ ސަލާމަތަށް ހުރި ނުރައްކަލެކެވެ. ބިދޭސީންގެ މުޒާހަރާތައް ހައްދުން ނެއްޓުނީ އެވެ. ދެން އެމީހުންގެ ރުޅިގަނޑު ފަޅައިގެން ގޮސް ހިނގާނީ ކޮން ފަދަ ބިރުވެރި ކަމެއް ކަމެއް ނޭނގެ އެވެ. އެމީހުން ހުއްޓުވަން ޖެހެ އެވެ. އަވަސް ފިޔަވަޅު އަޅަން ޖެހެ އެވެ.

ހަމައެއާއެކު، އެ ބިދޭސީން އެ ހާލަތަށް ވައްޓާލައި، އެތައް ހާސް ބިދޭސީނެއް މާލެ ތެރޭގައި ބިކަކޮށްލި މީހުން ހޯދައި އެމީހުންނަށް ދެވެން އޮތް އެންމެ ބޮޑެތި އަދަބުތައް ދޭން ޖެހެ އެވެ. މުސާރަ ނުދީ މީހުން ލައްވައި މަސައްކަތް ކުރުވައި މީހުން ހުއްޓުވައި އަދަބު ދޭން ވެއްޖެ އެވެ. މިކަމަށް ލަސްވެގެންދާ އެންމެ ސިކުންތަކީ ވެސް ރައްޔިތުންގެ ސަލާމަތަށް ނުރައްކާވެގެންދާނެ ސިކުންތެކެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވެ، މިކަމުގެ ޝަކުވާތައް ވަނީ ވަރަށް ގިނަވެފަ އެވެ. ފުލުހުންނަށް މިފަދަ ބިރުވެރި ހާލަތެއްގައި ހަމަލާދިނުމަކީ އެއްވެސް މީހަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ސުލްހަވެރި އިހުތިޖާޖަށް ފުރުސަތު ދިން ނަމަވެސް މިފަދަ ހަމަނުޖެހުންތަކަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށް ދަނީ ގޮވާލަމުންނެވެ. ނޫންނަމަ، މިއަދު އަނެއްކާވެސް އެޅި މި ނުރައްކާތެރި ރަނގަބީލްގެ އަޑު މިއަށްވުރެ ގަދަވެ، އެންމެ ފަހުން ފަޅައިގެންދާނީ އެވެ.