ބިދޭސީން

މިސަރަހައްދުގައި ބިދޭސީ މަސައްކަތްތެރިން އެންމެ ގިނައީ ރާއްޖޭގައި

Sep 10, 2022
5

ރާއްޖެ ހިމެނޭ އޭޝިއާ ސަރަހައްދުގައިވާ 11 ގައުމުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން އެންމެ ގިނައީ ރާއްޖޭގައި ކަމަށް ދުނިޔޭގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ހިއުމަން ރައިޓްސް ވޮޗްގެ މި އަހަރުގެ ރިޕޯޓު ބުނާ ގޮތުން ރައްޖޭގެ އާބަދީގެ ތިންބައިކުޅަ އެއްބަޔަކީ ބިދޭސީންނެވެ. މީގެތެރެއިން 60،000 ބިދޭސީންނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންނެވެ.

އެންމެ ގިނައިން ބިދޭސީ މަސައްކަތްތެރިން ރައްޖޭގައި މަސައްކަތްކުރާ ދެ ސިނާއަތަކީ އިމާރާތްކުރުމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތެވެ.

ބިދޭސީ މަސައްކަތްތެރިންނާއި އަދި ވަކިން ހާއްސަކޮށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލައަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލަ އެކެވެ. ގަވައިދާ ހިލާފަށް އުޅޭ މަސައްކަތްތެރިންގެ އަދަދު މުސްތަގުބަލްގައި ވެސް އިތުރުވުމުގެ ފުރުސަތު އޮތުމުން ބިދޭސީންގެ މައްސަލަ އަކީ އެކަމާ މެދު ސީރިއަސްކޮށް ވިސްނައި، އަވަސް ފިޔަވަޅުތަކެއް އެޅުން މުހިއްމު މައްސަލަ އެކެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެކަނި ބަލާލި ނަމަވެސް، ފެނިގެންދަނީ ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ކޮންމެ ސުކޫލެއްގައިވެސް މުހިއްމު މާއްދާތައް ކިޔަވައިދޭ މަންޒަރެވެ. ދިވެހި މުދަރިއްސުންގެ މައްޗަށް އިސްވެ، މާއްދާތަކުގެ ލީޑިން ޓީޗަރުންގެ މަގާމުގައިވެސް ބިދޭސީ ޓީޗަރުން އެބަތިއްބެވެ. ރާއްޖޭގެ އަމިއްލަ ތާރީހާއި ސަގާފަތް ބުނެދީ ކިޔައިދީ އޮޅުން ފިލުވައިދިނުމުގައި ވެސް ބިދޭސީ ޓީޗަރުން އެބަ މަސައްކަތް ކުރެ އެވެ. ދިވެހިރާއްޖޭގެ އަމިއްލަ ތާރީހާއި ސަގާފަތް ދަރިވަރުންނަށް އޮޅުންފިލުވައިދޭން އެންމެ ރަނގަޅީ ބިދޭސީ ޓީޗަރުންތޯ ވިސްނާލަން ޖެހެ އެވެ.

ބަލިވެގެން ހޮސްޕިޓަލަށް ދާއިރު ބައްދަލުވާ ޑޮކްޓަރާއި ނަރުހުންނަކީ ވެސް ގިނަ ފަހަރަށް ބިދޭސީ އެކެވެ. ރިސޯޓުތަކާއި ގެސްޓްހައުސް ތަކުގައި މަސައްކަތްކުރާ މީހުންނާއި، އިމާރާތްތައް ބިނާ ކުރުމުގައި މަސްއޫލުވެ އުޅޭ މަސައްކަތްތެރިންނާއި، ރެސްޓޯރަންޓެއް ނުވަތަ ކެފޭއަކަށް ދިއުމުންވެސް ވެއިޓަރުންގެ ގޮތުގައި މަރުހަބާ ކިޔަންވެސް ގިނަ ފަހަރު ތިބެނީ ބިދޭސީންނެވެ. ކަންމަތީ ފިހާރައަށް އެއްޗެއް ގަނެލަން ދިއުމުން އެތަނުގައި ސޭޓަކަށް އިންނަނީ ވެސް ގިނަ ފަހަރު ބިދޭސީ އެކެވެ.

ވަޒީފާގެ މާހައުލުގެ ކޮންޓްރޯލް ބިދޭސީން ލިބިފައި އޮތުމުގެ ނަތީޖާ އަކަށް ވާނީ ދިވެހި ޒުވާނުންނަށް ލިބެންޖެހޭ ވަޒީފާގެ އެތައް ފުރުސަތެއް ބިދޭސީ މަސައްކަތްތެރިންނަށް ލިބި، ވަޒީފާއެއް ނުލިބި އާމްދަނީ ލިބޭނެ މަގެއް ނެތިފައި ތިބޭ ދިވެހި ޒުވާނުން އިތުރުވުމެވެ.

ގިނަ ފަހަރު ކުޑަ ޖާގަކޮޅެއްގައި ތޮށްޖެހިގެން ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ތޮށްޖެހުން އިތުރުވެ، ނުރައްކާތެރި ބަލިތައް ފެތުރުމަށް ވެސް މަގުފަހިވެގެންދެ އެވެ. ރާއްޖޭގައި ކުށްކުރާ ބިދޭސީންގެ އަދަދުތައް ވެސް އިތުރުވެފައިވާއިރު މިއީ މުޅި މުޖުތަމައަށް ވެސް ކުރިމަތިވާނެ ނުރައްކަލެކެވެ.

ކުށްކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރޭގައިވެސް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުން ގިނައިރު ބިދޭސީން ގުޅޭ މައްސަލަތަކަށް އަވަސް އަދި ޖުމްލަ ހައްލެއް ހޯދަންޖެހެ އެވެ. ދިވެހިރާއްޖެ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އާ ހަރުފަތްތަކަކަށް ވާސިލްވުމަށްޓަކައި ވެސް ބިދޭސީންގެ މައްސަލަ އެއީ ހައްލުކުރަންޖެހޭ މައްސަލަ އެކެވެ.