އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގުމުގައި ބިދޭސީން އުޅޭނަމަ ބޮޑެތި އަދަބުތަކެއް ދެވޭ ގޮތް ހަދައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައި އަމަލުކުރަމުންދާ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދާއެކު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީއަކަށް މަންފާ ލިބޭ ގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގުން މަނާވާނެ އެވެ.
އަމިއްލަ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން ބިދޭސީއެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާ ކަމުގެ ހެކި ހުރެއްޖެނަމަ ފިޔަވަޅު އެޅުމުގެ ބާރު މި ގަވާއިދުން ވަނީ ރަޖިސްޓްރާއަށް ދީފަ އެވެ. އެގޮތުން ބިދޭސީ މީހާއަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި ވިޔަފާރީގެ މަސްއޫލުވެރިޔާ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުން ހިމެނެ އެވެ
މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެމީހަކަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓަރީ ނުކުރެވޭނެ އެވެ. އަދި ވިޔަފާރީ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރުވެސް ވަނީ ދީފަ އެވެ.
ރާއްޖޭގައި ހިންގާ ބޭންކްތަކާއި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތްދޭ ތަންތަނަށް ބޮޑު ޒިންމާއެއް މި ގަވާއިދުގައި ވަނީ ދީފަ އެވެ.
އެގޮތުން ބިދޭސީއެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުމުގައި އަދި ރާއްޖެއިން ބޭރަށް ފައިސާ ގެންދަން އެދޭއިރު އެ މީހަކަށް ލިބޭ އާމްދަނީގެ ގޮތުގައި ޑިކްލެއާކޮށްފައިވާ އަދަދާ ނުބައްދަލު މުއާމަލާތްތައް ހުއްޓުވާ އެފަދަ މުއާމަލާތްތަކަކީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މުއާމަލާތްތަކެއްގެ ގޮތުގައި ޝައްކުކުރެވޭނަމަ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އަންގަން ޖެހެ އެވެ.