މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ބިދޭސީން ގެނައުމަށް ފޭކް ޕޯޓަލްތަކެއް ހިންގަނީ

Jul 4, 2022
1

ރާއްޖެއަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން ގެނައުމަަށް ހާއްސަކޮށްގެން ސަރުކާރުން ހަދާފައިވާ ޕޯޓަލް ނަކަލުކޮށްގެން ފޭކް ޕޯޓަލްތަކެއް ހިންގަމުންދާ މައްސަލަ ސަމާލުކަމަށް ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ނެރެފައިވާ ބަޔާނެއްްގައި ބުނެފައިވަނީ ސަރުކާރުން ހަދާފައިވާ ޕޯޓަލް ނަކަލުކޮށްގެން އިތުރު އޮންލައިން ޕޯޓަލްތަކެއް ހަދައި އޮޅުވާލައިގެން ރާއްޖެއަށް ބިދޭސީން އެތެރެކުރަން ބައެއް ފަރާތްތަކުން މަަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފަދަ ޕޯޓަލްތަކާއި ވެބްސައިޓްތަކަކީ އޮޅުވާލައިގެން ޔޫޒާ އެކައުންޓާ އަދި އެހެނިހެން ޒާތީ މައުލޫމާތު ހޯދައި، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފަރުމާކޮށްފައިވާ ޕޯޓަލްތަކެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާންގައި ވަނީ އޮޅުވާލައިގެން ބިދޭސީން ގެންނަ ކަމަށް ފާހަގަކުރެވޭ ޕޯޓަލްތަކާއި ވެބްސައިޓުތައް ފާހަގަވެސް ކޮށްފަ އެވެ.

ރާއްޖެއަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން ގެނައުމަަށް މިނިސްޓްރީގެ ޕޯޓަލް ބޭނުންކުރާ މީހުން ފޭކް ޕޯޓަލްތަކަށް ސަމާލުވުމަށްވެސް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން ހިންގާ އޮންލައިން ޕޯޓަލް އަދި ވެބްސައިޓްގެ ލިންކަކީ އެސްޕަޓް.އީގަވް.އެމްވީ ކަމާއި ހިދުމަތް ހޯދުމަށް ވަންނަނީ އެ ވެބްސައިޓަށްތޯ ކަށަވަރުކުރުމަށް އެދިފައިވެ އެވެ. އަދި އެހެން ވެބްސައިޓަކަށް ވަދެވިފައިވާނަމަ ޕާސްވޯޑް ރީސެޓް ކުރުމަށްވެސް އެދިފައިވެ އެވެ.