ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބިދޭސީން

ބިދޭސީން ފުރުވާލާއިރު ކުންފުންޏަށް ނާންގާ ޝަކުވާ!

Jun 10, 2020
10

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަމުން ދާއިރު، އެ މީހުން ގެންގުޅޭ ކުންފުނިތަކަށް އަންގަމުން ނުދާ ކަމުގެ ޝަކުވާތައް އިތުރު ވެއްޖެ އެވެ.

މިދިއަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކޮވިޑް ބަލީގެ ފުރަތަމަ ކޭސް މާލޭން ފެނުމާއެކު މާލެ ސަރަހައްދު ލޮކްޑައުންކުރި ފަހުން، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ވެސް ހިމެނޭ ގޮތަށް ބައެއް ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

އޭގެ ތެރޭގައި އިންޑިއާ ސަރުކާރުން ފޮނުވި މަނަވަރެއްގައި ފޮނުވާލި، 1،400 މީހުން ހިމެނޭއިރު، މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކެއް މެދުވެރިކޮށް ބަންގްލަދޭޝްގެ ވެސް ހާހަކަށް ވުރެ ގިނަ މީހުން ގެންދިޔަ އެވެ.

އަނބުރާ ފޮނުވާލި ބިދޭސީންގެ ތެރޭގައި، ސައްހަ ލިޔެކިޔުން ނެތް މީހުން ގިނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މީހުންގެ ތެރޭގައި ގަވައިދާ އެއްގޮތަށް އުޅޭ ކުންފުންޏަކަށް ނިސްބަތްވާ މީހަކު ހިމެނޭނަމަ، އެ މީހަކު ފުރުވާލާނީ އެ ކުންފުންޏެއްގެ ހުއްދަ ލިބިގެން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެ އެވެ.

ނަމަވެސް، އެ ގޮތަށް އަމަލު ކުރަމުންނުދާ ކަމުގެ ޝަކުވާ މިހާރު ދަނީ ފެންމަތިވަމުންނެވެ.

ހުޅުމާލޭގައި ގެސްޓު ހައުސް ހިންގާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި، އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ އިންޑިއާ މީހަކު، އެންމެ ފަހުން ރާއްޖެއިން ފުރި މަނަވަރެއްގައި އަނބުރާ ގޮސްފައިވާކަން އެނގުނީ އޭނާ ދިއަ ފަހުން ކަމަށެވެ.

"އެ މީހާ ހުރީ އިލެކްޓްރިޝަނެއްގެ ވަޒީފާގައި. ދެން އަޅުގަނޑުމެންގެ ގެސްޓް ހައުސް ހުރީ ކޮވިޑާ ގުޅިގެން ފުލުހުންނަށް ދޫކޮށްފައި. ދެން އެތަނުގެ ކަރަންޓުގެ މަސައްކަތްތަކެއް ކުރަން އޭނާ އާ ގުޅޭ ގޮތެއް ނުވި. ދެން ފަހުން ބެލިއިރު މި އެނގުނީ މަނަވަރެއްގައި އޭނާ އަނބުރާ ގޮސްފިކަން،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ހާއްސަކޮށް މިފަދަ ހާލަތެއްގައި އަނބުރާ ގައުމަށް ދާން ބޭނުންވާ މުވައްޒަފަކު ނުފިހައްޓާނެ ކަމަށާއި، ނަމަވެސް، އިތުރު އިންތިޒާމެއް ހަމަޖެއްސޭނީ އެކަން އެނގިގެން ކަމަށެވެ. އަދި ސަރުކާރު މެދުވެރިވެގެން މިކަން ކުރަމުންދާއިރު، ވަޒީފާގައި ހުރި މީހަކު ފޮނުވާލުމުގެ ކުރިން ކުންފުންޏަށް އަންގަންޖެހޭނެކަމަށް އޭނާ ބުންޏެވެ.

ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގާ މީހަކު ވެސް ބުނީ އެ ކުންފުނީގައި ގެންގުޅުނު ދެ މީހަކު އެނބުރި ދިއައިރު އަންގާފައި ނުވާ ކަމަށެވެ. އަދި އެ ދެ މީހުން ފުރިކަން އެނގުނީ، އެ މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރަން އުޅެނިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ގޮތަށް ކަންތައް ވީމާ، މިކަހަލަ ދަނޑިވަޅެއްގައި މަސައްކަތްތައް ރާވާނީ ކިހިނެތްތޯ ކުއްލިއަކަށް. އަޅުގަނޑުމެންގެ ކުއާޓާގައި، ސަރުކާރަށް ފައިސާ ދައްކާފައި ގެނެސްފައި ހުންނަ މީހަކު ފުރުވާލާއިރު އެނގެންޖެހޭނެ. ފުރުވާލުމެއް ނޫން މައްސަލައަކީ. ނާންގާތީ ކަންބޮޑުވަނީ،" އޭނާ ވެސް ކަންބޮޑުވުންތައް ހިއްސާކުރި އެވެ.

އޭގެ ސަބަބުން އިތުރު އެހެން މައްސަލަތަކެއް ވެސް ފަހުން ދިމާވާނެ ކަމަށް އޭނާ ފާހަގަކުރި އެވެ. އެގޮތުން، ސްލޮޓަކަށް އާ މީހަކު ގެންނަނަމަ، ކުރިން ހުރި މީހާއާ ގުޅޭ ލިޔެކިޔުންތަކުގެ ތެރޭގައި، ފުރައިގެން ދިއަކަމުގެ ހެއްކެއްގެ ގޮތުން ޓިކެޓު ހުށަހަޅަން ޖެހޭއިރު، އެކަން ކުރާނެ ގޮތަކާމެދު ކުރިން ވާހަކަ ދެއްކި މީހާ ސުވާލު އުފެއްދި އެވެ.

"ކޮންތާކުންތޯ އަޅުގަނޑުމެން ޓިކެޓުގެ ކޮޕީއެއް ހޯދާނީ. އަދި އަޅުގަނޑުމެނަށް ނޭނގި އޮވެގެން، ވިސާ ފީ ދެއްކިނަމަ، އެކަމަށް ޒިންމާވާނީ ކާކުތޯ؟" އޭނާ ސުވާލު ކުރި އެވެ.

އެކަމާ ގުޅޭ ގޮތުން، އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީލް ވިދާޅުވީ، ބިދޭސީން ރިޕޭޓްރިއޭޓް ކުރާއިރު، ފޮނުވާލާ މީހުން ކަނޑަ އަޅަނީ އިމިގްރޭޝަނުން ނޫން ކަމަށާއި، އެކަން ކުރަނީ އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ކަމަށެވެ. ނަމަވެސް، މީހުން ޑިޕޯޓުކޮށް ނޫނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ފޮނުވާލާއިރު، މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލާ އެއްގޮތަށް އެ މީހަކު ރާއްޖެ ގެނައި ކުންފުންޏަކަށް އަންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިސްޓު ފޮނުވީމާ، އަޅުގަނޑުމެން ގެ ދައުރަކީ ފުރުވާލާ މީހާއަކީ ސައްހަ މީހާ ކަން ކަށަވަރު ކޮށްދިނުން. ފޮނުވާލާ މީހުން ކަނޑައަޅުމާ ކަންކަން ކުރަނީ އިކޮނޮމިކް އަދި ފޮރިން މިނިސްޓްރީ އާއި ދެން އެ ގައުމެއްގެ އެމްބަސީއާ ގުޅިގެން،" ހަލީލް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، ބިދޭސީން ރިޕެޓްރިއޭޓް ކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަނީ އެ ގައުމެއްގެ ސަރުކާރަކުން އެމްބަސީ މެދުވެރިކޮށް ކަމަށެވެ.

"ފްލައިޓްވެސް ހަމަޖައްސާނީ އެމީހުން. ދެން އަޅުގަނޑުމެނަށް ލިސްޓު ފޮނުވާނީ، މިވެނި ފްލައިޓަކުން ދާނީ މި މީހުނޭ. ދެން އަޅުގަނޑުމެން އިމިގްރޭޝަނާ ގުޅިގެން އެ މީހުން ފުރުމުގެ ހުއްދަ އެކަނި ދެނީ،" މިއުވާން ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ ވިދާޅުވީ، މިވަގުތު އެ މިނިސްޓްރީން އިސްކަމެއް ދީފައިވަނީ ސައްހަ ލިޔެކިޔުންނެތް މީހުންގެ ތެރެއިން އަނބުރާ ދާން ބޭނުންވާ ފަރާތްތައް ފޮނުވާލުން ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީ މެދުވެރިވެގެން، ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މީހުން ފޮނުވުމުގެ މަސައްކަތެއް ކުރިއަށް ނުގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

"ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރިއިރު، އަޅުގަނޑުމެން ބެލިން އަނބުރާ ގައުމަށްދާން ބޭނުންވާ މީހުން ތިބިތޯ. ދެން އެ ލިސްޓު އަޅުގަނޑުމެންވާނީ އެމްބަސީތަކަށްވެސް ފޮނުވާފައި،" ނާޒިމާ ވިދާޅުވި އެވެ.

އެގޮތުން، އިކޮނޮމިކް މިނިސްޓްރީ މެދުވެރިވެގެން، މިހާތަނަށް އަނބުރާ ފޮނުވާލާފައިވަނީ މައިގަނޑު ގޮތެއްގައި ސައްހަ ލިޔެކިޔުންނެތް ބަންގްލަދޭޝް މީހުންކަމަށް ނާޒިމާ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ހާލަތެއް މެދުވެރިވާ ކުންފުނިތަކަށް، ކޯޓާގެ ދަށުން މުއްދަތު އިތުރުކުރުމާއި، ނޫނީ އަނބުރާ ގެންނަން ނޫނީ އަންނަން ބޭނުންވާ މުވައްޒަފުން ކެންސަލް ކުރުމުގެ ފުރުސަތު އެ ކުންފުނިތަކަށް އޮންނާނެ ކަމަށެވެ.