ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އަލުން ހުޅުވާލުން: އެންމެ ބޮޑު ގޯސް އިސްލާހު ކުރަން ފުރުސަތެއް!

ދައުލަތުން އާމްދަނީ ހޯދަމުން ދިޔަ ހަމައެކަނި ދޮރުން ރާއްޖެއަށް ކޮވިޑް-19 ވައްދާލައި، މިއަދު ތިބެން ޖެހިފައި މި ހުރިހާ ކަމެއް ހުއްޓާލައި ބަންދުވެގެނެވެ. ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ވަައިރަސް ފެތުރިދާނެތީ ކާވް ފްލެޓު ކުރި ކުރީނުން އިގްތިސާދުގެ ކާވް ވެސް "ފްލެޓު" އަރުވާލައިގެނެވެ. މި ހުރިހާ ކަމެއް، ހުރިހާ ހަރަދެއް އަދި ރިސްކުތައް ނަގައިގެން ސަރުކާރުން ވޭތުވެދިޔަ ތިން މަސް ދުވަހު ކޮވިޑް-19 އާ ދެކޮޅަށް މި ކުރި "ހަނގުރާމަ" ނިމުމަކާ ގާތްވެ ގައުމާއި އިގްތިސާދީ މަސައްކަތްތައް އަލުން ހުޅުވާލަން ވަނީ މިސްރާބު ޖަހައިފަ އެވެ.

މި ދުވަސްވަރު ދިވެހިންނަށް ޖެހިފައި މިވާ ހާލާއި މި ދަރަޖައަށް ވެއްޓެން މެދުވެރިވި ސަބަބުތަކާ މެދު ވިސްރާއިރު، ވައިރަހާ ހެދި ރާއްޖެއަށް އެންމެ ވޭންއަޅަން ޖެހުނީ ސަރުކާރުތަކުން އަޅައި ނުލައި، އެންމެ ބޮޑަށް އިހުމާލުވި ކަންކަމާ ހެދި އެވެ. ޖަންގައްޔެއްގައި ބޮޑު ހުޅުގަނޑެއް ރޯވެ، ފެތުރެން ފެށިހެން ކޮވިޑް-19 މުޅި މާލެއަށް ފެތުރިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވަމުން އެކަމަށް އިޝާރަތް ކުރެއްވި އެވެ؛

"އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި މިހާރު ކޯވިޑް-19 ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވެސް މިއީ،"

މިހާރުގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2000 އާ ގާތްކުރާއިރު އޭގެ ތެރެއިން ދިވެހިންނަކީ 500 އެއްހާ މީހުންނެވެ. ދެން ޕޮޒިޓިވްވި ހުރިހާ އެންމެނަކީ ބިދޭސީންނެވެ.

އެހެން ނަމަވެސް މީގެ ކުރިން ސަރުކާރަށް "އަޅަން ނޭނގުނު" އެތައް ފިޔަވަޅެއް އަޅައި، "ނުހޯދޭ" ގަވައިދާ ހިލާފް އެތައް ބިދޭސީންތަކެއް މި ކޮވިޑްގެ ތެރޭގައި ހޯދައި އެކަހެރި ކުރެވިއްޖެ އެވެ. އޭގެ ކުރިން މި ހުރިހާ ދުވަހު ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއް ވެސް ނެތެވެ. ގަލޮޅުދަނޑަށް ބިދޭސީން އެއްކޮށް "ނަމެއްގައި" ރީރަޖިސްޓާކޮށް އެނބުރި އެ މީހުން އުޅުނު "ހޮހޮޅަ"ތަކަށް އަނބުރާ ފޮނުވާލުން ނޫން ކަމެއް ނުވެ އެވެ. ގަވައިދާ ހިލާފަށް ހިންގާ ގެސްޓްހައުސްތަކާއި، ކުރާ ވިޔަފާރިތަކާއި ޖިނާއީ އެތައް ކަމެއްގެ ތެރެއަށް ބިދޭސީން ވަދެ، މުޅި މާލެއަށް "ގިނަވެގެން" އުޅުނުއިރު އެ މަންޒަރު ފެނުނު މުއައްސަސާއެއް ނެތެވެ.

މިއަދު ގައުމު އަލުން ހުޅުވާލައި، އާ ފެށުމަކަށް މިސްރާބު ޖަހާއިރު ބިދޭސީންގެ މައްސަލާގައި ސަރުކާރުން އަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟ މިކަން ނިމުމާއެކު އަލުން ބިދޭސީ މައްސަލަ މަތިން ހަނދާން ނައްތާލަނީ ހެއްޔެވެ؟ ނުވަތަ މި ހުރިހާ ހަރަދެއްކޮށްފައި މި މައްސަލަ މުޅިން ހައްލު ކުރަންވީ ނޫން ހެއްޔެވެ.

ދައުލަތް ހިއްސާވާ ޖަރީމާ!

ރާއްޖޭގައި މިހާތަނަށް އައިއިރު ވެސް ލިޔެކިޔުމެއް ނެތި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދެއް އެއްވެސް ރަސްމީ އިދާރާއަކަށް ހޯދިފައެއް ނުވެ އެވެ. ސަރުކާރުން އަންދާޒާ ކުރާ އަދަދަކީ ގާތްގަނޑަކަށް 63،000 އަކަށް ބިދޭސީން ނުގަަވައިދުން އުޅޭނެ ކަމެވެ. ގާނޫނާއި ގަވައިދުތައް ފޫއަޅުވާލައި، ދައުލަތުގެ އަތް ދަށުން މިވަރުގެ ކަމެއް ހިނގައިދާނެތޯ ސުވާލު އުފައްދަން ޖެހެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ގިނަ އަދަދެއްގެ ބިދޭސީންތަކެއް ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް އަދި ރަސްމީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅެމުންދާއިރު، އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ހަމަ ގައިމުވެސް ތިބޭނެ އެވެ.

އެއީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫނެވެ. އެހެން ނަމަވެސް އެއް އަތް ޖަހައިގެން އަޑު ނުގޮވާ އުސޫލުން ދައުލަތުގެ ބޮޑު ރޯލެއް އޮންނަ ކަމެއްގައި އޭގެ ތެރެއިން ބައެއްގެ ނުހިމެނި މި ޖަރީމާ ވެސް ނުހިންގޭނެ އެވެ. އެންމެ ފަހުން ބޮޑު އާމްދަނީއެއް ލިބޭ އެ ވިޔަފާރީގެ ތެރެއަށް ސަރުކާރުގެ އިސް ވެރިން ވަދެ، ހިއުމަން ޓްރެފިކިން ފެށީ އެވެ.

އޭގެ އެއް މިސާލަކީ ބިދޭސީ މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ލޭބަރުން ގެނައުން ހުއްޓާލުމެވެ. އަދި މި ސަަރުކާރުން ވެސް ބައެއް ގައުމުތަކުން ބިދޭސީ ލިބަރުން ގެނައުން ހުއްޓާލި އެވެ. އެހެން ނަމަވެސް ކަމާބެހޭ މުއައްސަސާތަކު ތެރެއިން ވަގު ކޯޓާ ދޫކުރުމާއި ވަގަށް މީހުން އެތެރެ ކުރުމުގެ ވިޔަފާރި މަޑު ޖެހުމެއް ނެތި ކުރިޔަށް ދާކަމުގެ ވާހަކައަށް މެދުކެނޑުމެއް ނެތެވެ.

"އެ ވިޔަފާރީގެ ކުންފުނިތަކުން ސަރުކާރުގެ ވެރިންނާއެކު ބާއްވާ އެންމެ ބައްދަލުވުމަކަށް ވެސް އެތައް ހާހުން ފައިސާ ހަރަދު ކުރޭ. ކުރިން ބޮޑެތި ފްލައިޓުތައް ފުރާ ޗާޓާކޮށްގެން ބަންގްލަދޭޝް އިން މީހުން ގެނެސް މިތަނަށް އަޅާލާ، މިހާރު ރިޝްވަތުގެ ކަންކަމަށް މާ ބޮޑު ބަދަލެއް ނާދޭ،" އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ރާއްޖޭގެ ހިއުމަން ޓްރެފިކިން ހާލަތު ދިރާސާކޮށް ޔޫއެސް މިޝަން އިން އާންމު ކުރި ރިޕޯޓެއްގައިވާ ގޮތުން ރާއްޖޭގައި ޑޮކިއުމަންޓަޑް 169،000 އެއްހާ ބިދޭސީން އުޅޭއިރު، ގަވައިދާ ހިލާފް 65،000 އެއްހާ ބިދޭސީން އުޅެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އޮޅުވާލައިގެން ރާއްޖެ ގެންނަ މީހުން ކަމަށްވާއިރު އެ މީހުންގެ އަތުން 2500 ޑޮލަރާއި އާއި 4000 ޑޮލަރުގެ ދެމެދުގެ އަދަދެއްގެ ފައިސާ ނަގާ އެ މީހުން މާލެ ތެރެއަށް ދޫކޮށްލަ އެވެ. އަދި ބައެއް ހާލަތްތަކުގައި އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު އެއާޕޯޓުން އެތެރެވާ ހިސާބުން ޕާސްޕޯޓު އަތުލައި، ދޫކޮށްލަ އެވެ. އަދި އެ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ ބިދޭސީންނަކީ 18 އަހަރުން ވެސް ދަށުގެ ކުދިން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެގޮތައް ދޫކޮށްލާ މީހުން ދެން މާލެ ތެރޭގައި ކައިބޮއެ ދިރިއުޅުމުގެ ހަރަދުތައް ކުރުމަށް ފައިސާ ހޯދަން ލިބުނު ކޮންމެ މަސައްކަތެއް ކުރެ އެވެ. ދިރިއުޅެން ޖެހެނީ އެއްފަހަރާ 30-20 މީހުން ނިދާ ކުދި ކުދި ގޮޅިތަކުގަ އެވެ. އެ ހާލުގައި އުޅޭއިރު ވެސް އެ މީހުން ގެނައި ދިވެހިންގެ ތެރެއިން ބައެއް މީހުންގެ އެތައް އުނދަގުލާ ފުރައްސާރައާ ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހެ އެވެ.

އާ ފެށުމަކަށް ފުރުސަތެއް!

ކޮވިޑް-19 ތެރޭގައި ބިދޭސީންނާ މެދު ސަރުކާރުން މިހާރު ވެސް އެތައް "ވަގުތީ" ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. ރާއްޖެ އަލުން ހުޅުވާލާއިރު އެ މަސައްކަތާއި ކުރި ހަރަދުތައް ފެނަށް ދުއްވާލުމަކީ ދެން ހަދާނެ އެންމެ ބޮޑު ގޯހެވެ. އާ ފެށުމަކުން ރާއްޖޭގެ ގިނަ ކަންކަން އިސްލާހު ކުރަން ހިފާއިރު މި މައްސަލައަށް އިހުމާލުވުމަކީ އަނެއް ޖަރީމާ އެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ދެކޭ ގޮތުގައި ރާއްޖޭގެ ބޯޑަރުތަށް އަލަށްހުޅުވާލާއިރު ޓުވަރިސްޓު ވިސާގައި އެތެރެވާ މީހުންގެ ކަންކަން ދެން ރަނގަޅަށް ބަލަހައްޓަން ޖެހޭނެ އެވެ. އޮޅުވާލައިގެން ގެންނަ މަސައްކަތުއަންނަ މީހުން އެހެން ތަންތަނަށް ބަދަލުވަމުންގޮސް ފިލައިގެން ދިޔަނުދީ ކަމާބެހޭ ފަރާތްތައް ރިޕޯޓު ކުރުމަކީ އެ މީހުން ހުންނަ ހޮޓަލާ ރިސޯޓުގެ ޒިންމާއެއް ކަމަށް މޫސަ ވިދާޅުވި އެވެ.

"ކުންފުނިތަކާ ރިސޯޓްތަކާ އެހެންވެސް މަސައްކަތްތަކުގާ އުޅެފާ ފުރައިގެން އެދާ ބިދޭސީން އަނބުރާގެނައުމުގެ ކުރިން އެ ވަޒީފާ ތަކަށް ދާން ބޭނުން ހުރިހާ ދިވެހީންނަށް ޖާގަ ދިނުމަށްފަހު ނޫނީ އަލުން ބޭރު މީހުނަށް ފުރުސަތު ހުޅުވާ ނުލެއްވުން އެދެން،" ރީކޯ މޫސަ އިތުރަށް ވިދާޅުވި އެވެ.

މިހާރު ވެސް ސަރުކާރު ފަރާތުން އެކަމާ ގުޅޭ ގޮތުން ކޮންމެވެސް ވަރެއްގެ ހެޔޮ ފާލެއް ފެންނަ ފަށައިފި އެވެ. ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތަކުގައި ބޭނުންކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އަންގައިފަ އެވެ. ނަމަވެސް އެއީ އަދި ވަރަށް ކުޑަ މިންވަރެކެވެ. މި މައްސަލައަކީ ދައުލަތުގެ އެންމެ އެތެރެއަށް ވަދެފައި ހުރި ކަމެކެވެ. އެ މޫތައް ލުހިލަން ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ.