ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ހަފުތާއެއް، 249 ދިވެހިން ބަލި: ގެއަށް ވަދޭ!

މިދިއަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 އިގެ ފުރަތަމަ ކޭހާއެކު، މުޖުތަމައު ތެރޭގައި އަދި މިހާތަނަށް ފަރުވާއެއް ވެސް ވެކްސިނެއް ވެސް ނެތް މި ބަލި އޮތްކަމުގެ ހަގީގަތަށް ރާއްޖެ ވެސް ހޭލައްވައިލި އެވެ. އެއާއެކު ދެ މަސް ދުވަހަށް މުޅި މާލެ އެކީގައި ދިގު ގޭބަންދަކަށް ފޮނުވާލައިގެން، ބަލި ފެތުރިފައިވާ މިންވަރު ދެނެގަންނަށް ކަމާގުޅޭ ހުރިހާ އިދާރާތަކެއް އަވަސްވެ ގަތެވެ. އޭރު އެ ބަލި މުޖުތަމައުގެ ތެރޭގައި ވަކިހިތްޕާލާފައިވާ މިންވަރު ހާމަވަގެން ދިއައީ، ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަކުންނެވެ. އެގޮތަށް ފުލުފުލުގައި ނަމްބަރުތައް އާއިރު އެއް ބައި ދުވަސް ދުވަހު ބަލި ޖެހޭ މީހުން 100 އިން ފެންނަމުން ގޮސް، އެއް މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހާހަކަށްވުރެ މައްޗަށް ޖެހުނު ފެނިގެން ދިއަ އެވެ.

ބިރުވެރިކަމެއްގެ ތެރެއަށް މުޅި ގައުމު ވައްޓާލި ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އެ އަދަދުތަކުގައި ބިދޭސީންގެ ނިސްބަތް ގިނަވެފައި ދިވެހިން މަދުވުމަކީ ކޮންމެވެސް ވަރެއްގެ ތަސައްލީއެއް އޮތް ކަމެއްގެ ގޮތު ބައެއް މީހުން ދެކުނެވެ.

ސަރުކާރުން ވެސް އެންމެ އިސްކަމެއް ދިނީ، ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަން ވަކިވަކިން ލޮކްޑައުން ކޮށްގެން، އެ މީހުންގެ މެދުގައި ބަލި ކޮންޓްރޯލް ކުރާށެވެ. އެގޮތުން، މިދިއަ މަހުގެ 15 ވަނަ ދުވަހު ލޮކްޑައުން ލުއި ކުރުމާ ހަމައަށް އެކަން ކާމިޔާބުކޮށް، ކޮންމެ ދުވަހެއްގެ އަދަދު ވަރަށް ބޮޑުތަނުން ތިރި ކުރި އެވެ.

ނަމަވެސް، ބޯޑަރުތައް ބަންދުކޮށް، ރައްޔިތުން ގޭބަންދުގައި ބައިތިއްބައިގެން ހޭދަވި މުއްދަތުގެ ތެރޭގައި ރާއްޖޭގެ މުޅި އިގުތިސޯދު ކަރުތާފެނަށް ގެންބިގެން ދިއަ އެވެ. ލޮކްޑައުނަށް އިތުރުވި ކޮންމެ ދުވަހަކާއެކު، ބަނގުރޫޓުވި ކުންފުނިތަކާއި، ވަޒީފާ ގެއްލި މަގުމަތި ވަމުން ދިއަ މީހުންގެ ލިސްޓު ދިއައީ ދިގުވަމުންނެވެ. އެއާއެކު، ލޮކްޑައުން އުވާލަން މަޖުބޫރީ ހާލަތުގައި އެ ފިޔަވަޅު ސަރުކާރުން އެޅީ، ރައްޔިތުންނަށް ގިނަ އާދޭސްތަކެއް ކުރަމުންނެވެ.

އިލްތިމާސްތަކުގެ އަޑެއް ނީވުނު

ލޮކްޑައުން އުވާލުމުގެ އެއް ދުވަސް ކުރިން، މުޅި ޖުމްލަ އަދަދު ހުރީ 2،035 ގަ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން ގިނައިރު، ދިވެހީންގެ އަދަދު ހުރީ 710 ގަ އެވެ. މިދިއަ ޖެނުއަރީ މަހުން ފެށިގެން ސިއްހީ މާހިރުން ތަކުރާރުކޮށް ކުރަމުންދިއަ އިލްތިމާސްތަކަށް ފަރުވާ ކުޑަ ކުރުމުގެ ނަތީޖާ މިހާރު އެ ވަނީ ފެންނަން ފަށައިފަ އެވެ.

މިހާރު ރާއްޖެ އޮތް ބިރުވެރި ހާލަތު ވަޒަން ކުރެވޭނީ، ކޮވިޑުގެ ތަފާސް ހިސާބުތައް ވަރުން އަޅުވާލުމުންނެވެ. އެގޮތުން ބަލާއިރު، މިދިއަ މަހުގެ ނިޔަލަށް ރާއްޖޭގައި ކޮވިޑު ޖެހުނު ޖުމްލަ އަދަދު ހުރީ 2،367 ގަ އެވެ. ނަމަވެސް، އިއްޔެ އާ ހަމައަށް އެ އަދަދު ވަނީ 3،369 އަށް އުފުލިފަ އެވެ. މިއީ އެންމެ މަސް ދުވަހުގެ ތެރޭގައި ހާހަކަށް ވުރެ ގިނަ ކޭހުގެ އިތުރު ވުމެކެވެ.

ޖޫން 15 ގައި ލޮކްޑައުން އުވާލި ފަހުން، މި ބަލީގެ އިންކިއުބޭޝަން މުއްދަތުގެ ގޮތުގައި ބަލައި ދެ ހަފުތާގެ މުއްދަތަށްފަހު، ކޭސްތައް އިތުރުވާން ފަށާފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެނެވެ. އޭގެ ކުރިން ލޮކްޑައުނާއެކު، ދުވާލެއްގެ އެވަރެޖު 20 އާއި 25 އާ ދެމެދަށް ތިރި ކުރެވައި ވަނިކޮށް، ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެ އަދަދު ވަނީ 40 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

އެގޮތުން ބަލާއިރު، ފާއިތުވި ހަފްތާއެއްގެ ތެރޭގައި ޖުމްލަ 370 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 249 މީހުނަކީ ދިވެހީންނެވެ. އެކަން އެކަންޏެއް ނޫނެވެ. ކުރީގެ ކޭސްތަކާ ގުޅުން ނެތް މީހުންގެ އަދަދުތައް ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުލައި އަށަކުން 14 އަށް ފެނުނު 300 ކޭހުގެ ތެރެއިން، 30 ޕަސަންޓަކީ ކުރީގެ ކޭހަކާ ގުޅުމެއްނެތް ކޭސްތަކެވެ.

ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެ މުއްދަތުގެ ތެރޭގައި ދެ ގުނައަށް އިތުރުވެފަ އެވެ. މިހާރު ބަލިޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ މީހުންގެ ނިސްބަތް ވެސް ވަނީ ދެ ގުނަވެފަ އެވެ. އެއާއެކު، ލޮކްޑައުންގެ ފަހުން މިދިއަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ބަލި ޖެހުނު ދިވެހީންގެ އަދަދު ވެސް ދެ ގުނައަށް ވުރެ މައްޗަށް ގޮސް، ކުރިން އެއް ވަނާގައި އޮތް ބަންގްލަދޭޝް މިހާރު ދިވެހީން ވަނީ ފަހަތަށް ޖައްސާލައިފަ އެވެ. އެގޮތުން، ކޮވިޑަށް ޕޮޒިޓިވްވި ދިވެހީންގެ އަދަދު މިހާރު ވަނީ 1،500 އަށް ގާތްކޮށްފަ އެވެ. ނުރައްކަލުގެ ރަނގަބީލު އަޅަން ފަށަނީ މި ހިސާބުންނެވެ.

"މީގެ މާނައަކީ ގިނަ ބައަކު ބައްޔަށް ހުށަހެޅެމުންދާކަން. އަދި ގިނަ ދިވެހިންނަށް މިހާރު ބަލި ޖެހެމުންދާތީ، އުމުރުން ދުވަސްވީ މީހުން ފަދަ ހައި ރިސްކު މީހުނަށް ބަލި ޖެހުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑު. އެފަދަ މީހުނަކީ މި ބަލީގައި އެންމެ ބޮޑަށް ފުރާނައަށް ނުރައްކާވާ މީހުން. އެހެންވީމާ މަރުގެ އަދަދު ވެސް އިތުރު ވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް،" އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު އަވަސް އަށް ވިދާޅުވި އެވެ.

ބިދޭސީ މަސައްކަތްތެރީންނާ ހިލާފަށް ބަލި ޖެހޭ ދިވެހީންގެ އަދަދު އިތުރުވުމަކީ، މި ބަލި މުޖުތަމައުގެ ތެރޭގައި އަތްނުޖެހޭ ވަރަށް ފެތުރިގެންދާނެ ފުރުސަތު ބޮޑުވާ ސަބަބެކެވެ. އެގޮތުން، ރަށްރަށަށް މި ބަލި ދަތުރުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލި ވާރުތަވުމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކާއެކު، ރާއްޖޭގައި ވެސް މިހާރު ފެންނަމުން ދަނީ ދެވަނަ ރާޅެއް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތް ކަމަށް ނަޒްލާ ވަނީ ވިދާޅުވެފަ އެވެ. އަދި ހާލަތު އިތުރަށް ގޯސްވާނަމަ، ކުރީގެ ފިޔަވަޅުތައް އަލުން އިއާދަކުރަންޖެހޭނެކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވައިފަ އެވެ. އެއްވެސް މީހަކު އެ ގޮތެއް ބޭނުމެއް ނުވާނެކަން ކަށަވަރެވެ.

ނަޒްލާ ފަދަ ސިއްހީ ބޭފުޅުންގެ އިލްތިމާސްތަކަށް ފުރަގަސްދީފައި، އަދިވެސް ފަރުވާކުޑަކުރާނަމަ، އަލުން ލޮކްޑައުނަކަށް ދާންޖެހިގެން އަދާކުރަންޖެހޭ އަގު، ރައްޔިތުންނަށްވެސް އަދި މުޅި ގައުމަށްވެސް އުފުލޭ ވަރަށް ވުރެ މާ ބުރަ ވާނެ އެވެ.