ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ނަފްސަށް މަކަރު، ނަމަކަށް މާސްކު!

ކޮވިޑް-19 އިގެ ބަލިމަޑުކަން ރާއްޖެ ވެސް ވަށައިލިފަހުން އިއްޔެ އަކީ އަނެއްކާވެސް ދިވެހީން ސިއްސުވާލި ދުވަހަކެވެ. އިއްޔެއަކީ ޕޮޒިޓިވް 137 އާއެކު މިދިއަ މަހުގެ 15 ގައި ލޮކްޑައުން އުވާލިފަހުން އެންމެ ގިނަ އަދަކަކަށް މީހުނަށް ބަލި ޖެހުނު ދުވަހެވެ. އެހެނަސް، މި ރާޅު ނަގަމުންދާތާ ދެ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. އެ މުއްދަތުގެ ތެރޭގައި ޖުމްލަ 462 މީހަކަށް ވަނީ ބަލިޖެހިފަ އެވެ. އެހެނަސް، މިއީ އަދި އެންމެ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވިދާޅުވި ގޮތަށް، ނުއްރަކަލުގެ ރަނގަބީލުގެ އަޑު ގަދަވަނީ އޭގެ ތެރޭގައި، 310 ދިވެހިން ހިމެނޭތީ އެވެ.

ކުރިން ޕޮޒިޓިވްވަމުންދިއަ ބިދޭސީ މަސައްކަތްތެރީންނާ ހިލާފަށް ބަލި ޖެހޭ ދިވެހީންގެ އަދަދު އިތުރުވުމަކީ، މި ބަލި މުޖުތަމައުގެ ތެރޭގައި އަތްނުޖެހޭ ވަރަށް ފެތުރިގެންދާނެ ފުރުސަތު ބޮޑުވާ ސަބަބެކެވެ. އެގޮތުން، ރަށްރަށަށް މި ބަލި ދަތުރުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލި ވާރުތަވުމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ނަމަވެސް، އާއްމު އުސޫލުގެ ދަށުން ބަލި ފެތުރުމުގެ ކަންބޮޑުވުންއޮތީ ހަމައެކަނި ސޯޝަލް މީޑިއާގަ އެވެ. އިއްޔެ އަދަދުތައް ހާމަވުމާއެކު، ރާއްޖެ އަލުން ބަންދުކުރަން ގޮވާލައި ގޮވެލިފައްޗަށް، ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކުރަން ގޮވަމުންދާ އަޑުތައް ވަނީ އިތުރުވެފަ އެވެ.

މާސްކު އެޅުމުގައިވެސް ފަރުވާކުޑަ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން މިހާތަނަށް ކަނޑައަޅާފައި ވަނީ ކޮވިޑް-19 އިގެ ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ ވާހަކަދައްކާ އިރު އާއި ކެއްސާ ކިނބިހި އަޅާ އިރު ނޭފަތާއި އަނގައިން ބުރައިގެންދާ ތިކިތަކުން ނުވަތަ ވައިރަސް ހުރި އެއްޗެއް ނުވަތަ ތަނެއްގައި އަތްލެވުމަށް ފަހު މޫނު ނުވަތަ އަނގާގައި އަތްލުމުން ކަމެވެ.

ރާއްޖެއަށް ވުރެ މާ ހާލުގައި ކޮވިޑާ ހަނގުރާމަ ކުރަމުންދާ ގައުމުތަކުން މިސާލު ނަގައިގެން، ހަދާފައިވާ ގިނަ ދިރާސާތަކުން މާސްކު އެޅުމަކީ މި ބަލީން ރައްކާތެރިވުމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ހާމަވެފަ އެވެ. ހާއްސަކޮށް، ބަލި ޖެހިފައި ހުރި ކަން ނޭނގޭ، ގިނަ ބައަކު މުޖުތަމައު ތެރޭގައި އުޅޭކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ބުނެފައިވާއިރު، މާސްކު އެޅުމުގެ މުހިއްމުކަން ވަޒަންކޮށްލެވެ އެވެ.

ރާއްޖޭގައި އަދި މާސްކު އެޅުން ކޮންމެހެން މަޖުބޫރު ނޫން ނަމަވެސް، ގިނަ ބައަކު މާސްކު އަޅައިގެން އުޅޭތަން ފެނެ އެވެ. އެކަމަކު ކުލަ، ކުލައިގެ މާސްކުތައް އަޅައިގެން ގިނަ މީހުން އުޅެނީ ހަމަ ނަމަކަށެވެ. މާސްކުގެ ބޭނުމަކީ ހުރިހާ ވަގުތެއްގައިވެސް އަނގަ އާއި ނޭފަތް ނިވާކުރުން ކަމަށްވާއިރު، އޭތި ގިނައިން އޮންނަނީ ދަތްދޮޅީގަ އެވެ. ނޫނީ ސްކާފެއްހެން ކަރުގަ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވެސް އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭނާ އަވަސް އަށް ވިދާޅުވި ގޮތުގައި، ވެކްސިނެއް ލިބެންދެން މި ބައްޔާއެކީ ދިރިއުޅެން ދިވެހީންވެސް ދަސްކުރަންޖެހޭ ކަމަށެވެ.

"ކޭސްތައް އިތުރުވިޔަނުދީ، ބައްޔާއެކީ ދިރިއުޅެވޭނެ ހަމައެކަނި ގޮތަކީ، މާސްކު އެޅުމާއި، ގައިދުރުކުރުމާއި، އަތްދޮވުން ފަދަ އުސޫލުތަކަށް، އެކަން ކުރަންޖެހޭ ގޮތަށް، ރަނގަޅަށް އަމަލުކޮށްގެން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާގެ އިލްތިމާސްގައި އެ ނުކުތާއަށް ވަރަށް ބާރު އެޅުއްވި އެވެ. ވިދާޅުވީ އެ އުސޫލުތަކަށް "ކޮންސިސްޓެންޓު"ކޮށް ތަބާވެ، އަމަލު ކުރަންޖެހޭ ކަމަށެވެ. އޭގެ މާނައަކީ ބޭނުންވީމާ، މާސްކު ދަތްދޮޅިއަށް ތިރިކޮށްފައި، ބޭރުގައި އުޅެފައި ގެއަށް ވަދެ ހުރިހާ ތަނެއްގައި އަތް ހޭކުމަށްފަހު، އަތް ދޮވުމަކުން މި ބަލީން ރައްކާތެރިނުވެވޭނެ ވާހަކަ އެވެ.

ހާއްސަކޮށް މާސްކު އެޅުމުގައި ފަރުވާކުޑަކުރާކަން ފާހަގަކުރައްވަމުން، މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ، މާސްކު އަޅައިގެން، ގައިދިރުމިން ބަހައްޓައިގެން އޮފީހުގައި އުޅުމަށްފަހު، އޮފީހުގެ ރަށްޓެހިންނާއެކު ކޮފީއަށް ނޫނީ ސަޔަށް ދާއިރު، މާސްކު ނާޅާ ކަމަށެވެ. އަދި އޭގެ ތެރެއިން މީހަކަށް ބަލިޖެހިފައިވާނަމަ، އެ އޮފީހުގެ އެންމެނާއެކު އެމީހުންގެ އާއިލާތައްވެސް އެ ބައްޔަށް ހުށަހެޅިގެންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ކޮންސިސްޓެންޓު" ވާންޖެހޭނެއޭ ޑރ. ނަޒްލާވެސް ވިދާޅުވަނީ އެހެންވީމަ އެވެ. ހާއްސަކޮށް ބޭރަށް ނުކުމެ އުޅޭއިރު، އެ އުސޫލުތަކަށް އަމަލުކުރުން ވަށައިޖައްސަންޖެހެ އެވެ. ފެޝަނަކަށް ހަދައިގެން، ރީތިހެން ހީވާ މާސްކު އަޅައިގެން އުޅެނިކޮށް، ރައްޓެއްސަކު ފެންނައިރަށް އޭނާއާ ވާހަކަ ދައްކަން މާސްކު ތިރިކުރުމަކީ ދެކޮޅުޖެހޭކަމަކަށް ނުވެ އެވެ.

މާސްކު ނާޅާ ފިހާރައަށް ނުވައްދާތީ، އެ އަޅައިގެން ވަދެ، އެތަނުގައި ހުރި މުދާތަކުގައި އަތް ހާކާފައި، ގެއަށް ވަނުމާއެކު ފުރަތަމަވެސް އަތް ނުދެވޮ، ޓީވީ ހުޅުވާލަން ރިމޯޓު ނެގުމަކީ މަޖުބޫރުން ކުރުވޭނެކަމެއް ނޫނެވެ. ސޯޝަލް މީޑިއާގައި އަލުން މާލެ ލޮކްޑައުން ކުރަން ގޮވާފައި، މާސްކު ބާލައިގެން ގައިދުރުމިން ނުބަހައްޓައި، ރައްޓެހިންނާއެކު ކޮފީއަށް އެރުމަކީ އެޗްޕީއޭއަށް ހުއްޓުވޭނެކަމެއް ނޫނެވެ.

އެހެން ގިނަ ބަލިތަކާ ހިލާފަށް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ފަރުދީ ގޮތުން ކުރެވޭނެ އެތައް ކަމެއް އެބަހުއްޓެވެ. އެކަން ނުކުރާނަމަ، ނޫނީ ފަރުވާކުޑަކުރާނަމަ، ބަލި ފެތުރުން ހުއްޓުވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ އެވެ. މީގެ ކުރިން ވެސް ލޮކްޑައުންކޮށްގެން ނުވި ކަމެއް، ދެންވެސް ރައްޔިތުން ގޭބަންދުގައި ބައިތިއްބައިގެން ވެސް ނުވާނެ އެވެ. މާސްކު އެޅުން ލާޒިމުކުރުމުގައި ވެސް އޮތީ ހަމަ އެއް ހަމައެކެވެ. މި ބަލީގެ ނުރައްކާ އެންމެނަށްވެސް މިހާރު އެނގޭނެ އެވެ. އަމިއްލަށް ކުރަންވީ ކަންތައްތައްވެސް އެކަކަށްވެސް އޮޅިފައެއް ނޯންނާނެ އެވެ. ދެން، މާސްކު އެޅުން ވެސް ވަކި ލާޒިމުކޮށްގެން ނުކުންނާނެ ނަތީޖާއެއް ނެތެވެ. ޑރ. ނަޒްލާވެސް ވިދާޅުވި ފަދައިން، މީގެ އެންމެ މުހިއްމުކަމަކީ ރައްޔިތުން އަމިއްލައަށް އެކަމަށްވެސް ރަނގަޅަށް އަމަލުކުރުމެވެ. ހަމަ އަނެއްކާވެސް ފަރުދީ ޒިންމާ އަދާކުރުމެވެ.