ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭޝްގެ 152 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި

ބަންގްލަދޭހުން އައިސް ރާއްޖޭގައި އުޅެމުން ދިޔަ އެ ގައުމުގެ 152 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަނުން މިއަދު ބުނީ ބަންގްލަދޭޝްގެ 152 މީހުން ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓެއް ޑާކާއަށް ފުރާފައިވާ ކަމަށެވެ. މިހާތަނަށް ބަންގްލަދޭހުގެ 4000 ވުރެ ގިނަ މީހަކު އަނބުރާ ގައުމަށް ފުރުވާލާފައިވާ އިރު އެ ގައުމުގެ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީއާ ފޮރިން މިނިސްޓްރީން ގުޅިގެންނެވެ.

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލަން ސަރުކާރުން ދަނީ ރިޕެޓްރިއޭޝަން ފްލައިޓުތަކެއް ބާއްވަމުންނެވެ.

ގަވާއިދާ ހިލާފަަށް، ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ ކަމަށް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބަންްގަލާދޭހުން މީހުންނެވެ. ސަރުކާރުން ބިދޭސީން ފުރުވާލަން ކުރާ މަސައްކަތުގެ ތެރޭގައި އިންޑިޔާ، އިންޑޮނޭޝިއާ ތައިލެންޑު އަދި ސްރީލަންކާގެ ގިނަ ބަޔަކު ވަނީ ފުރުވާލި އެވެ. އެއީ ގަވައިދާ ހިލާފު މީހުން ކަމެއް ސާފެއް ނުވެ އެވެ.

ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ކޮންމެ ދުވަހަކުވެސް އެނބުރި ގައުމަށް ފުރުވާލަމުންދާއިރު ބައެއް މީހުން ދަނީ އެނބުރި ގައުމަށް ދިއުމަށް އެދި މާލެ ސިޓީގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދިނުމުގެ މައްސަލަތަކާއި ކޮވިޑްގެ ހާލަތާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދެވޭ މައްސަލަތައް ވަނީ މި ފަހުން ފެންމަތިވެފަ އެވެ.

މީގެ އިތުރުން ރަށަށް ފޮނުވައި ދިނުމަށް އެދިވެސް ބިދޭސީންތަކެއް މާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަން ކުރިމަތީ އިއްޔެ ވަނީ މުޒާހަރާ ކޮށްފަ އެވެ.