ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބިދޭސީން

ބަންގްލަދޭޝްގެ 200 މީހުން ފޮނުވާލައިފި

ބަންގްލަދޭހުން ރާއްޖެ އައިސް ގަވައިދާހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ އެ ގައުމުގެ 200 މީހަކު އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަނުން މިއަދު ބުނީ ކޮވިޑްގެ ލޮކްޑައުން ތެރޭގައި ބަންގްލަދޭޝްގެ 200 މީހުން ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓެއް ޑާކާއަށް ފުރާފައިވާ ކަމަށާއި މިހާތަނަށް ބަންގްލަދޭޝްގެ ހާހަކަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފުރުވާލާފައިވާ ކަމަށެވެ. ބަންގްލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީއާ ފޮރިން މިނިސްޓްރީން ގުޅިގެންނެވެ.

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލަން ސަރުކާރުން ދަނީ ރިޕެޓްރިއޭޝަން ފްލައިޓުތައް ބާއްވަމުންނެވެ. އެގޮތުން ކައިރި ކައިރީގައި މި ފްލައިޓުތައް ބާއްވަ އެވެ.

ގަވާއިދާ ހިލާފަަށް، ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ ކަމަށް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންްގަލާދޭހުގެ މީހުންނެވެ. ސަރުކާރުން ބިދޭސީން ފުރުވާލަން ކުރާ މަސައްކަތުގެ ތެރޭގައި އިންޑިޔާ، އިންޑޮނޭޝިއާ ތައިލެންޑު އަދި ސްރީ ލަންކާގެ ގިނަ ބަޔަކު ވަނީ ފުރުވާލި އެވެ. އެއީ ގަވައިދާ ހިލާފު މީހުން ކަމެއް ސާފެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް 1976 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ބަންގަލާދޭހުގެ މީހުނެވެ. އެ ގައުމުގެ 1046 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެ ބަލީގައި ރާއްޖެއިން މަރުވި އަށް މީހުންގެ ތެރޭގައި ވެސް އެ ގައުމުގެ ހަތަރު މީހަކު ހިމެނެ އެވެ.