މިދިއަ ބުރާސްފަތި ދުވަހު ރާއްޖޭން ފުރުވައިލި، ބަންގްލަދޭޝް ރައްޔިތުންގެ ކޮވިޑް-19 އިގެ ނެގެޓިވް ނަތީޖާގެ ސެޓްފިކެޓް ނެތިގެން، ގައުމީ އެއާލައިން މޯލްޑިވިއަން ޖޫރިމަނާކޮށްފި އެވެ.
މޯލްޑިވިއަން މެދުވެރިވެގެން މިދިއަ ބުރާސްފަތި ދުވަހު ބަންގްލަދޭޝަށް ގެންދިއަ 200 މީހުންގެ ތެރެއިން ގިނަ މީހުންގެ އަތުގައި ކޮވިޑް-19 އިގެ ނެގެޓިވް ނަތީޖާނެތް ކަމަށް ހަޒުރަތު ޝާހުޖަލާލް އިންޓަނޭޝަނަލް އެއާޕޯޓް (އެޗްއެސްއައިއޭ)ގެ އެގްޒެކެޓިވް މެޖިސްޓްރޭޓް އަހުމަދު ޒާމިލް އެގައުމުގެ މީޑިއާތަކަށް ވަނީ ވިދާޅުވެފައި އެވެ.
އެކަމާ ގުޅިގެން، ރާއްޖޭގެ ގައުމީ އެއާލައިން ވަނީ ދެ ލައްކަ ތިރީސް އަށް ހާސް ބަންގްލަދޭޝް ޓާކާ (2،800 އެއްހާ އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށްފައި އެވެ.
ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަނުން ވަނީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝަށް އެތެރެވާ ހުރިހާ މީހުންގެ އަތުގައި، 72 ގަޑިއިރުނުވާ ކޮވިޑް-19 އިގެ ނެގެޓިވް ޓެސްޓެއް އޮންނަންޖެހޭ ގޮތަށް ލާޒިމުކޮށްފައި އެވެ.
އެ ފިޔަވަޅު އަޅާފައިވަނީ، ބަންގްލަދޭޝްގައި ކޮވިޑް-19 އިގެ ދެވަނަ ރާޅެއްގެ ނުރައްކާ ކުޑަކުރުމަށްކަމަށް ސިވިލް އޭވިއޭޝަނުން ވަނީ ބުނެފައި އެވެ.
އަދި އެ އުސޫލުގެ ދަށުން، ކޮވިޑް ސެޓްފިކެޓެއްނެތި، އެއްވެސް ފަސަންޖަރަކަށް ބޯޑިންޕާސް ދޫނުކުރުމަށް، އެޗްއެސްއައިއޭ އަށް އޮޕަރޭޓުކުރާ ހުރިހާ އެއާލައިންތަކަށް އަންގާފައިވާކަމަށް ވަނީ ބުނެފައި އެވެ.
މީގެ އިތުރުން، ޒާމިލް ވިދާޅުވީ، ބުރާސްފަތި ދުވަހު މޯލްޑިއަނުން އައި 200 މީހުންގެ ތެރޭގައި، އެގައުމުގެ މޭންޕަވާ، އެމްޕްލޯއިއާ އެންޑް ޓްރޭނިން ބިޔުރޯގެ ސެޓްފިކެޓް އޮތީ އެންމެ 82 މީހުންގެ އަތުގައި ކަމަށެވެ.
"އެހެންވީމާ، އެމީހުންގެ އަމިއްލަ ގޭގައި 14 ދުވަސް ކަރަންޓީނުވުމުގެ ފުރުސަތު އެމީހުނަށް ދެވުނީ. ބާކީ ތިބި 118 މީހުން ފޮނުވާލެވިފައިވަނީ ސަރުކާރުގެ ކަރަންޓީނު ފެސިލިޓީތަކަށް،" ޒާމިލް ވިދާޅުވެފައި އެވެ.
ކޮވިޑް-19 އިގެ ނަތީޖާ ސެޓްފިކެޓް ނެތި ފަސަންޖަރުން އުފުލާ މައްސަލާގައި، ބަންގްލަދޭޝުން މީގެ ކުރިން ވެސް ނުވަ އެއާލައިނަކަށް ވަނީ އަނގަބަހުން އިންޒާރުދީފައި އެވެ.
ކޮވިޑް-19 އިގެ ހާލަތުގައި މޯލްޑިއަން މެދުވެރިކޮށް، މިހާތަނަށް 6،000 އެއްހާ ބަންގްލަދޭޝް މީހުން މިހާތަނަށް ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.