މުހައްމަދު ޝަމްއާން ވަހީދު

ޝަމްއާންގެ ބަންދަށް 15 ދުވަސް

ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަންގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް ވަކިކުރައްވާފައިވާ މުހައްމަދު ޝަމްއާން ވަހީދު -- ފޮޓޯ: އަވަސް
0%
0%
0%

ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަންގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް ވަކިކުރައްވާފައިވާ މުހައްމަދު ޝަމްއާން ވަހީދު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ ރޭ 12:00 ޖަހަނިކޮށެވެ.

ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ޝަމްއާނަށް ތުހުމަތު ކުރަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑެއްގެ ތެރެއިން އަތުލައިގެން ބިދޭސީއަކު އިމިގްެރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާ ދޫކޮށްލަން އެންގެވުމެވެ.

ޝަމްއާން ރޭ ހައްޔަރުކުރުމުގެ ކުރިން ބުރާސްފަތި ދުވަހުރޭގެ ވަގުތެއްގައި ފުލުހުން ވަނީ އޭނާގެ ގެއަށް ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ބޭރު ފައިސާ ހޯދާފަ އެވެ. އަދި ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުވެސް ފުލުހުން ގެންގޮސްފައިވެ އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި ބިދޭސީ މީހާގެ އަތުން ފެނުނު 530،000 ރުފިޔާ ހިފައިގެން އެ ރެއިޑްގައި އުޅުނު ތިން އޮފިސަރަކު ދިޔައީ ސީދާ ޝަމްއާންގެ އެޕާޓްމަންޓަށް ކަމަށްވެ އެވެ.

ފުލުހުން ވަނީ ރެއިޑްގައި ހަރަކާތްތެރިވި ތިން އޮފިސަރުންވެސް ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޝަމްއާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން އެންމެ ފުރަތަމަ ނެރުނު ބަޔާނުގައި ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ތިން މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އޭގެފަހުން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ނަގުދު ފައިސާއާ އެކު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

ފުލުހުން ބުނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން 530،000 ރުފިޔާއާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި އެ ބިދޭސީ މީހާ ދިރިއުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"މި މައްސަލަތަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައި ފާސްކޮށް، އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެ އެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345