މޯލްޑިވްސް ޕޮލިސް ސާވިސް، މަދަނީ ވަކި ހިދުމަތެއްގެ ގޮތުގައި އުފެއްދިތާ 20 އަހަރުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. ދުވަހާ ގުޅުވައިގެން ފުލުހުން ކުރިއަށް ގެންދިޔަ އެއް ހަރަކާތަކީ ފުލުހުންގެ ހިދުމަތުގެ އެކި ދުވަސްތައް ދައްކުވައިދޭ ގޮތަށް ގައުމީ ދާރުލްއާސާރުގައި ހަދާފައިވާ ފުލުހުންގެ ދާރުލްއާސާރު އާންމުންނަށް ދައްކާލުމެވެ.
ފުލުހުންގެ ދާރުލްއާސާރެއް ފުރަތަމަ ފަހަރަށް ގާއިމުކުރީ މާޗް 29، 2012 ގައެވެ. ފުލުހުންގެ އޮފިސަރު އަހްމަދު ނާފިއު ވިދާޅުވީ ފުލުހުންގެ ދާރުލްއާސާރެއް ގާއިމުކުރުން ވެގެންދިޔައީ ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމެއް ކަމަށެވެ.
"މި މިއުޒިއަމް ގާއިމުކުރުމާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވަރަށް ގިނަ ފަރާތްތަކެއްގެ ސަޕޯޓް ފުލުހުންނަށް ލިބިގެންދިޔަ. ނަމޫނާ ތަނެއްގެ ގޮތުގައި ބަލައިގަތް،" ނާފިއު ވިދާޅުވި އެވެ.
ފުލުހުންގެ ދާރުލްއާސާރުން ދިވެހި ސަގާފަތާއި ތާރީހުގެ މުއްސަނދިކަންވެސް ފެނެ އެވެ. އެގޮތުން އެކި ދުވަސްވަރު ފުލުހުން ބޭނުންކޮށްފައިވާ ޔުނިފޯމާއި އެކި ވަސީލަތްތައް ފެންނާނެ ގޮތް ހަދާފައިވެ އެވެ. ގައުމުގެ އެއްބައިވަންތަކަމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްވެސް މިތަނުން ފެނިގެން ދެއެވެ. އެހެންކަމުން ފުލުހުންގެ ދާރުލްއާސާރަކީ މައުލޫމާތުގެ ހަޒާނާއެއް ކަމަށް ބަލާށެވެ.
ފުލުހުންގެ ދާރުލްއާސާރުގައި އޮތް އެންމެ ހާއްސަ އެކައްޗަކީ ފުލުހުންގެ ގަވައިދުގެ ގޮތުގައި އެންމެ ފުރަތަމަ ލިޔުނު ގަވައިދު ލިޔެވިފައި އޮތް ކަރުދާހާއި އެންމެ ފުރަތަމަ ފުލުހުންގެ ހިދުމަތުގައި އުޅުނު 120 ފުލުހުންގެ ނަން ލިޔެފައިވާ ކަރުދާހެވެ.
ފުލުހުންގެ ދާރުލްއާސާރުން ފެންނަ އެންމެ ތަފާތު އެއްޗަކީ 1933 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފުލުހުން ބޭނުންކުރި ޔުނީފޯމުތަކެވެ.
ފުލުހުންގެ ދާރުލްއާސާރުގައި ފުލުހުންގެ ހިދުމަތާ ގުޅޭ އިހުގެ ބައެއް ފޮޓޯތައްވެސް ފެންނަން ހުއްޓެވެ. އަދި ފުލުހުންގެ ތަހުގީގު މަރުހަލާގައި ގެންގުޅު ޔޫވީ ލައިޓް މެޝިނާއި، ކެމެރާގެ އިތުރުން 1933 ވަނަ އަހަރު ފުލުހުން ބޭނުންކުރި މުގުރާއި ބިޑި ވެސް ފެންނަން އޮތެވެ. އެހެންވެ ފުލުހުންގެ ހިދުމަތް އެކި ދުވަސްވަރު އެކި ގޮތަށް ބަދަލުވެފައިވާ ގޮތް މިތަނުން ވަރަށް ރަނގަޅަށް ސިފަކޮށްދީފައިވެ އެވެ.
ފުލުހުންގެ ހިދުމަތަށް ގަރުނައެއްވާން ކައިރިވެފައިވާއިރު މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރީ މީގެ 20 އަހަރު ކުރިންނެވެ.