ފިޔަވަތި

ފެއިލް ވާނީ މިހާ ވަރަށް!

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ ތަންތަނުގެ ހާލަތު އޮތްގޮތް އެންމެ ސާފުކޮށް ބުނެ ދޭން މި ވީޑިއޯ ފުދޭނެ އެވެ. މިއީ އިއްޔެ ހަވީރުން ފެށިގެން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒަ "ފިޔަވަތި" ގެ ހާލަތެވެ. ނަމަވެސް އިއްޔެ ހާލަތަށް ދިއުމުގެ ކުރީން "ފިވަޔަތި" ގެ ކޮންޓްރޯލް ޖެންޑާ މިނިސްޓްރީއަށް ގެއްލިފައި އޮންނަތާ ހަތަރު ދުވަސްވީ އެވެ. އެ ތަނުގަައި ތިބި ބައެއް ކުދިން މިދިޔަ ހަތަރު ރޭ ވެސް އެތައް ވަގުތެއް ހޭދަކުރީ ފުރާޅު މަތީގަ އެވެ. ހުކުރު ދުވަހު ހަވީރު ވެގެން އައިރު ވެސް އެތައް ކުދިންނެއް ތިބީ ފުރާޅު މަތީގައި ތިއްބެވެ. ބައެއް ކުދިން ހަޑިހުތުރު ބަހުން ގަދަ އަޑުން ވާހަކަ ދައްކަމުން ދިޔަ އެވެ. ބައެއް ކުދިން ތިބީ ލަކުޑި ބުރިތަކުން އެތަނުގެ ދޮރުތަކުގައި ތަޅާށެވެ. އެކި އުމުރުގެ އެކި ކުދިންނެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިންނެވެ.

އެންމެ ފަހުން އެ ކުދިން ވަނީ "ފިޔަވަތީ" ގައި ހުޅުވެސް ޖަހާފަ އެވެ. ނަމަވެސް ބޮޑު އަލިފާނަކަށް ވުމުގެ ކުރީން ސިފައިން ގޮސް ނިއްވާލީ އެވެ.

އިއްޔެ ހާދިސާއާ ގުޅޭ ގޮތުން ޖެންޑާ އާއި ފުލުހުންނާއި ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދިނެވެ. އެ ދެ މުއައްސަސާއިން ވެސް ވާހަކަ ދެއްކީ މަޖުބޫރު ވެގެނެވެ. ފިޔަވަތީގައި ހިންގަމުންދިޔަ ކަންކަމުގެ ވީޑިއޯ އާންމުވެ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ވުމުންނެވެ. ނަމަވެސް އެހިސާބުން ވެސް އާންމު އުސޫލުން ޖެންޑާއިން މަސައްކަތް ކުރީ އެއީ އާދައިގެ ކުޑަ ކަމެއް ކަމަށް ދައްކާށެވެ. އަދި އެއީ އެއްވެފައިވާ އާންމުންގެ ސަބަބުން ހިނގާ ކަމެއް ކަމަށް ދައްކާށެވެ.

މީޑިއާއިން ސުވާލުތައް ކުރިމަތި ކުރުމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި "ފިޔަވަތި" ގެ ތަރުތީބު ކޮންމެވެސް ވަރަކަށް ގެއްލުނީ އެވެ. އަދި އެކަން ހައްލު ކުރާނެ ކަމަށް ވިދާޅުވެ ފެއިލްވެފައިވާވުން ފޮރުވަން މަސައްކަތް ކުރެއްވި އެވެ. ކަންކަން ކުރައްވަނީ ތަރުތީބުން، ކުދިންގެ ހައްގުތަކަށް ބަލައި އެކަން ކަށަވަރު ކުރަމުން ކަމަށް ވިދާޅުވެ ދިފާއުގައި ދެއްކެވީ މުޅީން އަސާސެއް ނެތް ވާހަކަތެކެވެ. ހާލަތު ގޯސްވީ ހައެއްކަ ކުދީންގެ ސަބަބުން ކަމަށް ވިދާޅުވެ މުޅި މައްސަލަ ފޮރުވަން ވެސް މަސައްކަތް ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވަނީ ވެސް ހެއްވާ ވާހަކަ އެެކެވެ. އެއީ "ފިޔަވަތި" ގައި ތިބި ކުދީން ވަރަށް ބޮޑަށް ފުރާޅަށް އަރާ ހިތްވާ ވާހަކަ އެވެ. އަދި ފުރާޅުގައި ކުދީން އުޅޭއިރު ސްޓާފުން ވެސް ފުރާޅުގައި ތިބޭނެ އެވެ. އެ ކުދިންނަށް އަނިޔާ ނުވާނެހެން އެތަނުގެ ތިރީގައި ޕެޑިން އަޅާ ރައްކާތެރި ކޮށްފައިވާނެ އެވެ.

މިއީ ތަނެއްގެ ހިންގުން އޮތް ވެރިއަކު ފެއިލްވެ ގޮތް ހުސްވުމުން ނޫނީ ނުދައްކާނެ ވާހަކަތަކެވެ. މިހާރު ވެސް ހަތަރު ސްޓޭޓް މިނިސްޓަރުންނާއި ދެ ނާއިބުންނާއި ފިޔަވައްޗަށް ޗީފް އެގްޒެކްޓިވެއް އައްުޔަންކޮށް ސިޔާސީ މަގާމުތަކުން ފުރިފައި އޮތް ޖެންޑާއަށް ޒިންމާ އަދާ ކުރަން އެއްވެސް ކަމެއް ނުކުރެވި ފެއިލްވުމުން ރައްޔިތުންގެ ކުރިމަތީގައި ވަމުންދިޔަ ކަންކަން އެއީ ނުވާ ކަމެއް ކަަމަށް ދައްކަން މަސައްކަތް ފެށީއެވެ.

"ފިޔަވަތި" ގައި ތިބި ކުދީންގެ ތެރެއިން ބައެއް ކުދީން ފުރާޅު މައްޗަށް އަރާ އުޅޭތާ ހަތަރު ދުވަސްވީ އެވެ. އިއްޔެއަކީ އެ މައްސަލަ މާމައްޗަށް ގެންދިޔަ ދުވަހެކެވެ. އެ ކުދިން ވަނީ "ފިޔަވަތި" ގެ ހުރިހާ ކުޑަދޮރުތައް ތަޅާލާފަ އެވެ. ބިއްލޫރިތައް މަގުމައްޗަށް އުކާލި އެވެ. އަތުޖެހުނު އެއްޗަކަށް ދިޔައީ ގެއްލުން ދެމުންނެވެ. ފުރާޅުގެ ދިޔަދޮވި ނަގާ އެއްލާލި އެވެ. ބައެއް ކުދީން ފުރާޅު މަތިން ފުންމާލީ ފުރާނައަށް ބެލުމެއް ނެތި އެވެ.

"ފިޔަވަތި" ގެ ޓިނު ގޭޓް ހީވީ ވައްޓާލާފާނެ ހެނެވެ. އެވަރަށް ތަޅާ ތަޅުވަމުން ދިޔަ އެވެ. އެ ހުރިހާ ކަމެއް ހިނގައި ދިޔައިރު ފުލުހުން ކުރިހާ ވެސް ވަރަކީ ބޭރުގައި ކޯޑަން ކޮށްގެން ތިބުމެވެ. ނޫސްވެރިންނާއި ވާހަކަ ދެއްކި ބައެއް ފުލުހުން ބުނި ގޮތުން އެ މީހުންނަށް އެތަނަށް ވަނުމުގެ ހުއްދައެއް ނެތެެވެ. އެހެންވީމަ އޮތީ ކުއްޖަކު ފުންމާލާތޯ ބޭރުގައި ތިބުމެވެ.

މައްސަލަ ހައްލުކުރަން ކަމަށް ދައްކަން ޖެންޑާގެ އާދައިގެ ދެތިން މުވައްޒިފަކު އެތަނަށް ފޮނުވި އެވެ. މިނިސްޓަރުގެ ހިލަމެއް ނެތެވެ. ހަތަރު ސްޓޭޓް މިނިސްޓަރުންނާއި ދެ ނާއިބުން ވީތަނެއް ވެސް ނޭނގެ އެވެ. އަދި ފިޔަވަތީގެ ޗީފް އެގްޒެކްޓިވް ޒީނާ ގާސިމްގެ ހަބަރެއް ވެސް ނެތެވެ.

ބައެެއް ކުދީން ގެންދިޔައީ ވަކި މީހަކު އައުމުން ނޫނީ އެތަނުން ނުފައިބާނެ ކަމަށް ގޮވާ ހަޅޭލަވަމުންނެވެ. އޭގެ ތެރެއިން އެއް އަންހެން ކުއްޖަކު އަވަސްގެ ނޫސްވެރިންގެ މެންދުރު އެތަނަށް ދިޔައިރު ވެސް ހުރީ ފުރާޅު މަތީގަ އެވެ. ރޭ މެެންދަމު 12:00 ޖަހަން ދަނިކޮށް ފުރާޅު މަތިން ފޭބީ އެ ކުއްޖާ ބުނާ މިސްއެއް އެތަނަށް ދިއުމުންޏެވެ.

މައްސަލަ ގޯސްވެ ވީޑިއޯތައް ވައިރަލްވުމުން ވަަރަށް ގިނަ ބަޔަކު "ފިޔަވަތި" ކައިރިއަށް އެއްވި އެވެ. ދެން ފެނުނީ އަނެއްކާވެސް އާ މަންޒަރެކެވެ. ބައެއް ކުދީން ވަރަށް ހުތުރު ބަހުން އާންމުންނާ މުހާތަބު ކުރިއެވެ. އެ މީހުންނަށް ނިސްބަތްކޮށް އެންމެ ހުތުރު ބަސްތައް ދިޔައީ ގޮވަމުންނެވެ.

ހާލަތު މިހާ ހިސާބަށްދިޔައިރު ވެސް ޖެންޑާ އޮތީ ނިދާފައެވެ. ވެރިއެއްގެ ހަބަރެއް ހިލަމެއް ވެސް ނެތެވެ. މައްސަލައާ ގުޅޭގޮތުން ޖެންޑާގެ މީޑިއާ ގުރޫޕާއި ފުލުހުންގެ މީޑިއާ ގުރޫޕްގައި އެތައް ސުވާލެއް ނޫސްވެރިން ކުރުމުން ވެސް އަޅައެއް ނުލިއެވެ.

އެެހެން ތިބެފައި ރޭ 11:32 ގައި ބަޔާނެއް ނެރެ ސޯޝަލް މީޑިއާގައި އާންމުކުރި އެވެ. އޭގައި ބުނެފައިވާ ގޮތުގައި ފިޔަވަތީގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ޖެންޑާގެ ޓީމެއް ގުޅިގެން މަސައްކަތް ފަށައިފި އެވެ. އެތަނުގައި ހިނގަމުންދާ ކަންކަމަށް ތިން ދުވަސް ވެއްޖެ އެވެ.

މައްސަލަ ގޯސްވެ ވެގެން އުޅޭ އެއްވެސް ގޮތެއް ސާފުކޮށް ނުދީ ބުނެފައި ވަނީ ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަންކަމާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން ގަބޫލު ކުރެވެ އެވެ. ނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދީން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދީން އިތުރަށް ޓްރިގާ ވާނެ ކަމެކެވެ. ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދެ އެވެ.

މި ބަޔާނުގައި ވެސް މަސައްކަތް ކުރީ ކުދީންގެ ހައްގުތައް ކަށަވަރު ކޮށްދޭން މަސައްކަތް ކުރާ ކަަމަށް ދައްކާށެވެ އަދި ޖެންޑާ ހޭލާ އޮތް ކަމާއި ޒިންމާ އަދާކުރާކަން ސާބިތުކޮށް ދޭށެވެ.

ނަމަވެސް އާންމު ވެފައިވާ ވީޑިއޯތަކުން 10 ވަރަކަށް ކުދިންނަށްވުރެ ގިނައިން ފުރާޅު މަތީ ތިއްބާ ފެނެއެވެ. ބައެއް ކުދިން ތަކެއްޗަށް ގެއްލުން ދެމުންދިޔައިރު ބައެއް ކުދިން ގެންދިޔައީ އެތަނުން ފިލޭނެ ގޮތެއް ހޯދަމުންނެވެ. އަނެއްބައި ކުދީން އަޑުގަދަ ކުރަމުން ދިޔައީ ބިރެއް ޖެހިލުމެއް ނެތިއެވެ.

އެހެން ކަމުން މިއީ އެ ކުދީން ވަރަށް ކުރާ ހިތުން ކުރާ ކަމެއް ކަމެއް ބުނެ މިނިސްޓަރު ވާހަކަ ދެއްކެވުން އެއީ އިންތިހާ ލަދުވެތި ކަމެކެވެ. އަމުދުން މިއީ ވަރަށް އާދައިގެ ކަމެއް ކަަމަށް ދެއްކުން އެއީ އެހާމެ ދެރަވަރު ކަމެކެވެ.

އަނެއްކޮޅުން "ފިޔަވަތި" ގެ ހާލަތު މިވަރަށް ގޯސްވީ މީގެ ކުރީން އެ ތަނުން ކުދީން ރޯއަޑު އިވުނުތާ ދުވަސްކޮޅެއް ފަހުންނެވެ. އަނިޔާގެ ވޭނުގައި ކުދީން ރޯއަޑު އިވޭތީ އާންމުވެސް އެ ތަނަކަށް އެއްވެފައިވަނިކޮށެވެ. އެ ފަަހަރުވެސް މޮޅު ވާހަކައެއް ދައްކާލައިގެން މައްސަލަ އޮއްބާލީ އެވެ.

ކުދީންގެ އަމަލުތައް ހުރި ގޮތުންނާއި އިއްޔެ ހިނގައިދިޔަ ކަންކަމުން "ފިޔަވަތީ" ގައި ވަރަށް ސީރިއަސް މައްސަލަތައް ހުރިކަން ކަށަވަރު ވެއްޖެ އެވެ. އެތަނުގެ ހާލަތު ދުވަހަކުވެސް ގޯސްނުވާ ވަރަކަށް ގޯސްވެއްޖެކަން ޔަގީން ވެއްޖެ އެވެ. ހިނގައިގެން އުޅެނީ ކުޑަ ކަމެއްވެސް ނޫންކަން އެނގެއެވެ. ފުރާޅުގައި ތިބި ކުދީން ބައެއް ކަންކަމަށް ދިޔައީ ޑިމާންޑް ކުރަމުންނެވެ. "ރޫލް" ތައް ބަދަލު ކުރާށޭ ދިޔައީ ގޮވަމުންނެވެ. އެކަން ނުުކުރާނަމަ އިމާރާތުގައި ހުޅުޖަހާ ސުންނާފަތި ކޮށްލާނެ ކަމަށް ދިޔައީ ގޮވަމުންނެވެ.

ތޭރަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަ އެ ތަނުގައި މިހާރުވެސް އަށާރަ އަހަރުން މަތީގެ ކުދީން އެބަތިއްބެވެ. ބައެއް ސޯސްތަކުން އެނގުނު ގޮތުން އެ ހުރިހާ ކުދިންނަށް ހިދުމަތް ދޭން ތިބީ ދެތިން މުވައްޒިފުންނެވެ. ހިދުމަތްތަކާއި އެ ނޫން ހުރިހާ ކަމެއް އޮތީ ބޮއްސުންލާފައެވެ. ކުދީންގެ ފަރާތުން މުވައްޒިފުންނަށް އިންތިހާ ބޮޑެތި އަނިޔާ ލިބިފައިވެއެވެ. ނަމަވެސް މި ހުރިހާ ވާހަކަތަކެއް ފޮރުވައިގެން ޖެންޑާގެ ސިޔާސީ ވެރީން އެ ތިބީ ހެވިފައެވެ.

އެކަމަކު އެ ވާހަކަތައް ފޮރުވައިގެން ކަމާބެހޭ އިދާރާތަކަށް މިވަގުތު ތިބެވުނަސް އަދި އެ ވާހަކަތައް ބޭރުވާނެ އެވެ. އިއްޔެގެ މަންޒަރަކީ އެކަމުގެ ސާފު ހެއްކެކެވެ. އެ ހުރިހާ ވާހަކަތަކެއް ބޭރަށް ނިކުތުމުން ބޮޑު ބޭޒާރަކުން ބޭޒާރުވެ ފަލީހަތްވާނެ މިންވަރު އިތުރު ވާނެ އެވެ.