ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެ ކުދިންނަށް އާއިލާއިން ވަރަށް ބޮޑަށް އިހުމާލު ވުމުން އެކަމުގައި މުޅި ރައްޔިތުން ހަވާލުވާން ވެގެނެވެ. އާއިލާއިން އިހުމާލު ވުމުން ދެން އެފަދަ ކުދިންގެ ޒިންމާ އޮތް ފަރާތަކީ ދައުލަތެވެ. އެ ކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދީ ލޯތްބާ އަޅައިލުން ދައުލަތުގެ ފަރާތުން ހޯދައި ދޭން ޖެހެ އެވެ. އެގޮތް ގާނޫނު ލާޒިމް ކުރެ އެވެ. ސަރުކާރެއްގައި އެކަން ކަމާ ހަވާލުވެ ތިބޭ ބަޔަކަށް އެކަން ނުވަންޏާ އެއީ ކުޑަ މައްސަލައަކަށް ވެގެނެއް ނުވާނެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ބަލަހައްޓަން ހާއްސަ ތަންތަން އެބަހުރެ އެވެ. އެތަންތަނަށް ގެންދަނީ އެކުދިން ރަނގަޅު ގޮތުގައި ބެލެހެއްޓުމަށެވެ. ރަނގަޅު ގޮތުގައި ބަލައި މުޖުތަމައަށް ނެރެދޭން ވެގެނެވެ. އެހެން ނަމަވެސް އެހެނެއް އެކަމެއް ނުހިނގަ އެވެ. ލޮލަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން އެނގެނީ އޮންނަނީ ޖެންޑާ މިނިސްޓްރީއާ އަދި ގުޅުން ހުރި އެހެން އިދާރާތަކުން ހަމައެކަކަނި ކަރުދާހުގައި އެކަނި ލިޔެގެން އުޅޭ "ސްޓްރެޓެޖީ" އެކެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނާއި ބަލަހައްޓާ ތަންތަނުގެ މައްސަލަތައް ހާއްސަކޮށް ވިލިމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާގެ މައްސަލަ އިންތިހާއަށް ބޮޑެވެ. ކުޑަކުދިންގެ ހިޔާ ވެފައި ވަނީ އަތްލާން ނުކެރޭވަރަށް "ހަލާކުކޮށްލާފައިވާ" ތަނެއްގެ ގޮތު އެވެ.
ހިޔާ އާއި އެފަދަ އެހެން އެތަންނުގެ އޮފިޝަލުންގެ މައްސަލަތައް ވެސް ކުޑައެއް ނޫނެވެ. ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗާއި އަމާން ވެއްޓާ މިހެން ހުންނަ ހުރިހާ ތަންތަނެއްގެ އެކި ފާޑުގެ މައްސަލަތަކާއި ވާހަކަތައް އުފެދި ބޭރުވެފައި އޮންނަނީ އިއްޔެ މިއަދަކު ނޫނެވެ. އެވާހަކަތައް އާންމުން ދައްކާތާ އެތައް އަހަރުވަނީ އެވެ. އެކަމަކު ސަރުކާރުތަކުން އޮންނަނީ އަބަދުވެސް އެކަން ކަން ސިއްރުކޮށް ފޮރުވާފަ އެވެ.
"ކުޑަކުދިންގެ މަރުކަޒުތަކުގެ މައްސަލަތަ ބޮޑުވެގެން އުޅޭ އިރު އަބަދުވެސް ޖެންޑާ މިނިސްޓްރީއަކީ ނިދާފައި އޮންނަ ތަނެއް. އެ މިނިސްޓްރީ އާއި ވެރިންނަށް އަބަދުވެސް ހޭލެވެނީ ހުރިހާ ކަމެއް ނިމޭ ފަހުންނެވެ. އެހިސާބުން ދެން ނެރޭނީ ބަޔާނެއް، ނޫނީ ކުރާނީ ޓްވީޓެއް،" ކުޑަކުދީންގެ ހިޔާގެ މައްސަލައަކާ ގުޅިގެން ޖެންޑާ މިނިޓްރީއަށއް ފާޑުކީ މީހަކު ބުންޏެވެ.
މަރުކަޒުތަކުގައި ކުދިންނަށް ރައްކާތެރިކަމެއް ނެތް
އެނގޭ ކަމަކީ ވިލިމާލޭގެ ކުޑަކުދިންގެ ހިޔާ ފަދަ، ކުޑަކުދިން މަރުކަޒުތަކާއި އެތަންތަނުގައި ތިބޭ ކުދީން ރަނގަޅަށް ނުބެލެހެއްޓޭ ކަމެވެ. އެތަންތަނުގެ މާޒީ އޮތް ގޮތާއި މިހާރުވެސް ކަންކަން އޮތް ގޮތުން އެތަންތަނަކީ ދައުލަތަށް ނަގާ ކުދީންނަށް ރައްކާތެރި އާމާން މާހައުލެކޭ ބުނާން އާންމު މީހާއަށް ދަތިވެފައިވެ އެވެ.
"ކުދިން ބަލަހައްޓަން ތިބޭ ކެއާ ވޯކަރުން އެ ކުދިންނަށް އަޅައިލާން ޖެހޭ ވަރަށް އަޅައެއް ނުލަ... އެވެސް ދެން ފާޑަކަށް ހިނގަ ހިނގާ އޮންނަ ކަމެއް، އަމާޒެއް ނެތް ބޭނުމެއް ނެތް" ކުޑަކުދިންގެ ހިޔާގައި ކުރީ މަސައްކަތް ކުރި ކެއާވޯކާއަކު އޭނާގެ ނަން އެއްފަރާތް ކޮށްލާ ގޮތަށް ބުންޏެވެ.
ހާލަތު އޮތީ ރީއްޗަށް ފެންނާށެވެ؛ މާޒީގައި ހިނގާފައި ހުރި ހާދިސާތަކުން އެކަން މާ ސާފުކޮށް އެނގެ އެވެ. ފާރުމަތިން އަރައިގެން ކުދިން ފިލާފައި ވެއެވެ. ސިނގިރޭޓު ބުއިމާއި ބޭރުގައި ތިބޭ ފަރާތްތަކާ ފޯނު ބޭނުން ކޮށްގެން މުއާމަލާތް ހިންގަ އެވެ. ނުރައްކާތެރި އެއްޗެހި ފޮރުވައިގެން ގެންގުޅެ އެވެ. ބަދުއަހުލާގީ ޖިންސީ އަދި އެ ދަރަޖައިގެ ކިތަންމެ ކަމެއްގެ ތުހުމަތު އޮވެ އެވެ.
މިފަދަ ހުރިހާ ކަމެއް ހިނގާއިރު ކެއާ ވޯކަރުން އެތަންތަނުގައި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެއްވެސް ނިޒާމެއް އަދި އިންތިޒާމެއް ވެސް އެތަންތަނުގެ ތެރޭގައި ނޯންނަނީ ހެއްޔެވެ؟
ދައުލަތަށް ނަގާ ކުދިން ތިބޭ އެފަދަ މަރުކަޒުތަކުގެ މުވައްޒަފުންގެ ފަރާތުން ކުދިންނަށް އެހީ، އެއްބާރުލުން ނުލިބޭ ކަމަށް އަޑުތައް އޮވެ އެވެ. އެވާހަކަ ޗިލްޑްރެން އޮމްބަސްޑްސްޕާސަން، ނިއުމަތު ޝަފީގް ވެސް ވަނީ ފާހަގަ ކަށަވަރުވެސް ކޮށްދެއްވާފަ އެވެ.
ނިއުމަތު ވިދާޅުވާ ގޮތުގައި ކެއާ ވޯކަރުންގެ ފަރާތުން ކުދިންނަށް އުނގެނުމުގައި ވެސް އެހީތެރިކަމެއް ނޯވެ އެވެ. ކުދިން ދިރިއުޅޭ ކޮޓަރިތައް ބަލައި ފާސް ކުރުމުގެ އުސޫލެއް އެތަންތަނުގައި ކަނޑައެޅިފައެއް ވެސް ނޯވެ އެވެ. އަދި ކުށުގެ ވެށީގައި ކުދިން އުޅެ އެވެ. އެކުދިން ވަކިން ބޭތިއްބުމުގެ އިންތިޒާމް ވެސް ހަމަޖެހިފައެއް ނޯވެ އެވެ.
ޗިލްޑްރެން އޮމްބަސްޑްސްޕާސަން މި ގޮތަށް ވިދާޅުވުމުން މި ވާހަކަތައް ރަސްމީ ވެއެވެ. އެކަމަކު މިއީ ކިތަންމެ އަހަރެއްވީ ވާހަކަތަކެވެ. އަދި ކިތަންމެ ވަރަކަށް ދެއްކިޔަސް މި ވާހަކަތައް ސަރުކާރު ތަކަކަށް އަޑެއް ވެސް ނީވޭ ފޮރުވައިގެން އުޅޭ ވާހަކަތަކެކެވެ.
"... އަހުލާގީ ފެންވަރު ދަށް ކުދިންނަށް ފިޔަވަޅު އެޅުމުގެ ނިޒާމެއް ނެތް! އެ ކުދިންނަށް ދުވަހުން ދުވަހަކަށް ކަން ކުރާނެ އުސޫލެއް ކަނޑައަޅާފައެއް ނެތް. ފޯނު ބޭނުން ކޮށްގެން ތަނުން ބޭރު މީހުނާ ވާހަކަ ދައްކައިގެން ކަންކަން ހިންގާ!" ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ނިއުމަތު ވިދާޅުވެފައި ވެއެވެ.
މިތަންތަނާއި ކުދީންނަށް ދޭން ޖެހޭ ސެކިއުރިޓީ ދިނުމުގައި ވެސް ދައުލަތް ވަނީ ފެއިލް ވެފަ އެވެ. ނިއުމަތު ވިދާޅުވާ ގޮތުގައި ކުޑަކުދީންގެ ހިޔާގެ ދޮރުތަކުގެ ތަޅުތައް ހަލާކުވެފައި ވެއެވެ. އެތާނގެ ކުދިން ނިދާ ކޮޓަރިތަކުގެ ތަޅުތައް ހަލާކުވެފައި ހުންނަތާ ވެސް އެތައް ދުވަހެކެވެ. އެ ހާލަތުގައި ތަން ހުރިއިރު މިއީ އެކުދިންނަށް ރައްކާތެރި މާހައުލެއް ކަމާ މެދު އޭނާ ސުވާލު އުފައްދަ އެވެ.
ހިޔާގައި އަލިފާނުގެ ހާދިސާތައް ކީއްވެ؟
ކުޑަކުދީންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގުން ވެސް އާންމު ކަމަކަށް ވެފައި ވެއެވެ. މިދާ ދެމަހު ވެސް ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފައި ވެއެވެ. ފުރަތަމަ ރޯވީ ކުދިން ދިރިއުޅޭ ކޮޓަރިއެއްގަ އެވެ. އެ ހާދިސާ ހިނގި ކަމަށް ބުނަނީ ކުއްޖަކު ލައިޓަރެއް އަޅަން އުޅުމުގެ ތެރޭގަ އެވެ. "އަލިފާން ރޯވެފައި ވަނީ ކުއްޖަކު އަތުން" ކަމަށް ފުރަތަމަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުއުމިނާ އާދަމް ވިދާޅުވެފައި ވެއެވެ. އެދެން އެހިސާބުން ނިމުނީ އެވެ.
މޫމިނާ ވިދާޅުވެފައިވާ ގޮތުގައި ކޮޓަރީގައި ހުޅު ރޯވީ ސިކުނޑީގައި އުނި ކަމެއް ހުންނަ ކުއްޖަކު ގެންގުޅުނު ލައިޓަރެއް އެ ކުއްޖާ ބޭނުން ކުރަން އުޅުމުގެ ތެރޭގަ އެވެ. ކުދިން ބަލަހައްޓަން މުވައްޒަފުން ތިބޭ އެތާނގެ ތެރެއަށް އެ ކުއްޖާއަށް ލައިޓަރު ވެއްދުނު ގޮތެއް ސާފެއް ނުވެ އެވެ. ނަމަވެސް އެ ހާދިސާ އާއި ގުޅިގެން ތުހުމަތުތަކެއް ކުރެވުނެވެ. ދެ ކުއްޖެއްގެ މެދުގައި މާރާމާރީއެއް ހިނގައި އެއްކުއްޖަކު ގަސްދުގައި އެތަނުގެ ރޯކޮށްލީ ކަމަށް އޮންނަ ތުހުމަތަކެވެ.
ދެވަނަ ހާދިސާފައި ރޯވެފައި ވަނީ އަންހެން ކުދިން ތިބޭ ބައިގެ އެންމެ މަތީ ފްލޯގަ އެވެ. ނުވަތަ އެތާނގައި އަލިފާން ރޯ ކޮށްލީ އެވެ. ރޯވީ ކުޑަކުދިންގެ ހިޔާގެ ޓެރަސްގައި އެއްޗެހި ރައްކާކުރާ ގުދަނެއްގަ އެވެ. އެ ތަން އަޅިއަށް ވެގެން ދިޔައިރު އެއީ ވެސް ކުއްޖަކު އަތުން ވީ ކަމެއް ކަމަށް ތުހުމަތު ކުރެ އެވެ. އަދި އެއީ ވަރަށް މުހިންމު އެހާ ގިނަ ސަރުކާރުގެ ޑޮކިއުމަންޓުތަކާ އެކު އެއްޗެހި ރައްކާކޮށްފައި ހުރި ތަނެއް ކަމަށް އެތަނުގެ މުވައްޒަފަކު ވަނީ ބުނެފަ އެވެ.
ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވި އިރު އެތަނުގައި އަލިފާން ނިއްވާ ނިޒާމެއް ގާއިމުކޮށްފައި ހުރި ކަމަށް ހިޔާގައި ރޯވި ދުވަހު މޫމިނާ ވިދާޅުވެފައި ވެއެވެ. ނަމަވެސް އެކަން ދޮގު ކޮށް ޗިލްޑްރެން އޮމްބަސްޑްސްޕާސަން ނިއުމަތު ވިދާޅުވެފައިވާ ގޮތުގައި ހިޔާގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެއް ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތައް ލިބެމުން ދަނީ ބަލަން ޖެހޭ ވަރަށް ނުބަލާތީ އެވެ.
"އެފަދަ [އަލިފާން ނިވާ] ސިސްޓަމެއް ހުރިނަމަ ހާދިސާ ހިނގުމުގެ ކުރިން ކެއާ ވޯކަރުންނަށް އެކަން ހުއްޓުވަން މަގުފަހި ވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ނިއުމަތު މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.
ހިޔާ އާއި އެފަދަ އެހެން މަރުކަޒުތަކުގައި ހުރި މައްސަލަތައް ފާހަގަކޮށް ޖެންޑާ މިނިސްޓްރީއަށް ނިއުމަތު ވަނީ އެކަންކަން އަންގަވާފަ އެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާ ތަނެއް ނުފެނެ އެވެ. އަދި އެއީ އެޅޭ ފެންވަރުގައި އޮތް މިނިސްޓްރީއެއް ކަމަކަށްވެސް މީހުން ގަބޫލެއް ނުކުރެ އެވެ. އެއީ އެއްވެސް ކަމަކަށް ޖަވާބެއް ވެސް ދޭ މިނިސްޓްރީއަކަށް ނުވެއެވެ. ހުރިހާ ކަމެއް ހިނގާއިރު ވެސް ތިބެނީ ލޮލުގައި "ފޮތި ބަނދެ" އަމިއްލައަށް "ކަނު" ވެގެނެވެ. މިއިން އެއްވެސް ހާދިސާއެއްގައި ހަމަ އެކައްޗެއް ވެސް ވިދާޅުވާކަށް މިނިސްޓަރު އައިޝަތު މުހައްދު ދީދީއަކަށް އެނގި ވަޑައެއް ނުގަންނަވަ އެވެ.
ހުރިހާ ކަމެއްގެ ތުހުމަތު ކުދިންނަށް
ހިޔާ އާއި ކުޑަކުދިން ތިބޭ އެހެން މަރުކަޒުތަކުގައި ދިމާވާ ބޮޑެތި ހާދިސާތަކުގެ މުގުލުގައި ކުދިން ތިބޭ ކަމަށް ތަން ބަލަހައްޓާން ތިބޭ މީހުން ކޮންމެ ފަހަރަކު ވެސް ބުނެ އެވެ. ކޮންމެ ފަހަރަކުމެ އަލިފާން ރޯވަނީ ވެސް އެއިން ކުއްޖެއްގެ އަތުންނެވެ. އެއިން ތަނަކުން އެތަނުން ފިލީ ވެސް ކުއްޖާ އަމިއްލައަށެވެ. ސިނގިރޭޓް ބޮނީ ވެސް ލައިޓަރު ވައްދަނީ ވެސް އެކުދިން އަމިއްލައަށެވެ. ވެރިން މުވައްޒަފުންގެ އިހުމާލެއް ނޯވެ އެވެ. ހުރިހާ ތުހުމަތަކާއި ބަދުނާމެއް ކުދިންގެ ބޮލަށެވެ.
"ކުދިން ކުށްވެރިވާ ގޮތަށް ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ވެރިން ވާހަކަ ދައްކާތީ ކަންބޮޑުވޭ. މިއީ ކުދިން ކުދިންގެ މައްސަލައެއް ނޫން. މިއީ މެނޭޖް ކުރުމުގެ މައްސަލަ އެއް ފަރުވާ ކުޑަ ކުރުމުގެ ނަތީޖާ،" ހިޔާގައި އެންމެ ފަހު ރޯވި ހާދިސާއާ ގުޅުވައި އާންމު މީހަކު ސޯޝަލް މީޑީގައި ހިޔާލު ފާޅުކޮށްފައި ވެއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރަން އަޑުއުފުލާ އާކް އިން ބުނި ގޮތުގައި ކުދިން ބަދުނާމުވާ ގޮތަށް ޒިންމާދާރު ވެރިން ވާހަކަ ދެއްކުމަކީ ހިތާމަ އެކެވެ. އަދި ކުޑަކުދީންގެ މަރުކަޒުތައް އެ ހާލަތަށް ވެއްޓުމުގެ ސަބަބަކީ ދައުލަތުގެ އިދާރާތަކަށް އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުމާއި، މުއައްސަސާތަކާއި ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އިހްމާލުންނެވެ. -- އާކުގެ މަސްލަހަތު އޮތް ބޭފުޅަކުވެސް ޖެންޑާ މިނިސްޓަރުކަން ކުރެއްވި އެވެ.
ކުޑަކުދިންގެ ހިޔާގެ ތެރޭގައި ހުއްޓުމެއް ނެތި ހިނގަމުންދާ ގަބޫލު ކުރަން ދަތި ގިނަ މައްސަލަތަކެއް ވެއެވެ. އެތާނގެ މައްސަލަ އިންތިހާ މައްޗަށް ގޮސްފައިވާއިރު ފެންނަނީ ހުސް އިހުމާލެވެ. ފެންމަތި ވަނީ އިތުރު މައްސަލަތަކެވެ. ބޮޑު ހާދިސާއެއް ހިނގައިފިނަމަ އޭގެ މެދުވެރިޔަކީ ކޮންމެވެސް ކުއްޖަކަށް ވެއެވެ. އެއްވެސް މައްސަލައެއްގައި ޒިންމާ ނަގާ ވެރިޔަކު ނުފެނެ އެވެ. ހާލަތު ބަދަލުވާތަނެއް ވެސް ނުފެނެ އެވެ. އެކަމާ ސުވާލު ކުރިއަސް ސަރުކާރުން ޖަވާބެއް ނުދެ އެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބެލުމުގައި ސަރުކާރުން ވަނީ ބޮޑުތަނުން ފޭލިވެފަ އެވެ.