ފިޔަވަތި

ދައުލަތަށް ނެގި ކުދިންނަށް އަޅައެއް ނުލާ: އާކް

ދައުލަތުގެ ބެލެމުގެ ދަށުގައި ތިބޭ ކުދިންނަށް ކަމާގުޅުންހުރި އިދާރާތަކުގެ އަޅާލުން ނުލިބޭ ކަމަށް އެޑްވޮކޭޓިންގެ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ހިޔާގެ މައްސަލަތައް ފެންމަތިވެފައި ވަނިކޮށް އާކްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ކުދިންނާ އިހާނަތިކޮށް އަމަލުކުރަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުން ދިޔަ ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހު ފިޔަވަތީގައި ބަލަހައްޓާނެ އެއްވެސް ފަރާތެއް ނެތި ކުދިން ފުރާޅު މައްޗަށް އެރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ކުދިންނާމެދު ބަލައި ނުގަނެވޭ ފަދަ ގޮތަކަށް އަމަލުކުރާ ކަމަށް ބުނެ އެ ކުދިން ދެއްކި ވާހަކަތަކާ މެދު ކަންބޮޑުވޭ." އާކް އިން ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ހާދިސާތައް ހިނގުމުން ދޭހަކޮށްދެނީ ދައުލަތުގެ ބެލެމުގެ ދަށުގައިވާ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ސަރުކާރުގެ ފަރާތުން ލިބެމުންނުދާ ކަން ކަމަށް ވެސް އާކްގެ ބަޔާނުގައި ވެއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން 13 އަހަރުން ދަށުގެ ކުދިން ދިރިއުޅޭ ފިޔަވަތި މަރުކަޒުގައި ހިނގަމުންދާ ކަންތައްތަކާ މެދު އާކް އިން އިންތިހާއަށް ކަންބޮޑުވާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިފަދަ ހާދިސާތައް ތަކުރާރުކޮށް ހިނގަމުންދާތީ އެކަން ހުއްޓުވައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޓަކައި މިފަދަ ކަންކަން ފުރިހަމައަށް ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ވެސް އާކުން ވަނީ ބަޔާނުގައި ގޮވާލާފަ އެވެ.

ދައުލަތުން ކުދިން ބަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގައި ތިބި ކުދިން ހުކުރު ދުވަހު ވަނީ ފުރާޅަށް އަރާ އަޑުގަދަ ކޮށް އެކިވަރުގެ ގެއްލުން ދީ ހުޅު ވެސް ޖަހާފަ އެވެ.

މިކަމާ ގުޅޭގޮތުން ޖެންޑާއިން ބުނެފައިވަނީ ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައްހޯދާ އެކަންކަމާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދީން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދީން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަަމަށެވެ.