ރޭ ދަންވަރު ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ހިނގާ ދިޔަ ހާދިސާގައި އެއްވެސް ކުއްޖަކަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ޕްރޮޓެކްޝަން ސާވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭ ހިނގައިދިޔަ ހާދިސާ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުމުން ވަގުތުން އެތަނަށް އެޓެންޑްވި ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކުދިންގެ ދިރުއުޅުމުގެ މަރުލާތަކުގައި އެކިކަހަލަ އަނިޔާލިބި، މުޅި ދިރިއުޅުމަށް ދެމިގެންދާފަދަ ކަންކަން ދިމާވެފައިވާ ކުދިން ކަމަށެވެ. މިކަންކަމަކީ އެކުދިންގެ ނަފްސާނީ ސިއްހަތާއި ގުޅިފައިވާ ކުދިންކަމުން އެކުދިންގެ އިހުސާސްތައް އެކި ގޮތްގޮތަށް ބުނެދޭން މަސައްކަތް ކުރާ ކަމަށެވެ.
އެ އިދާރާއިން ބަޔާނެއް ނެރެފައި މިވަނީ ފިޔަވަތީގައި ދިރިއުޅޭ ކުޑަކުދިންތަކެއް ރޯ އަޑު އިވެގެން ރޭ ދަންވަރު ބައެއް މީހުން އެތަނުގެ ގޭޓު ކައިރިއަށް އެއްވެފައިވާ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ. އެ ބަޔާނުގައި މުވައްޒަފުން އަނިޔާކުރި މައްސަލައާއި ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެ ތަނަށް މީހުން އެއްވެފައިވާ ވީޑިއޯއެއް އާންމުވެފައިވާއިރު ވީޑިއޯއިން ކުއްޖަކު ރޯ އަޑު އިވެ އެވެ. އެމީހުން ބުނަމުން ދިޔައީ އެކުއްޖާ ރޮނީ އެތަނުގެ މުވައްޒަފުން އަނިޔާކޮށްގެން ކަމަށެވެ.
އެ މައްސަލަ މިހާރު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އަންނަނީ ބަލަމުންނެވެ.