އެޗްއާރްސީއެމް

އެޗްއާރްސީއެމުން ފިޔަވަތީގެ ކުދިންނާ ބައްދަލުކުރަނީ

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ފިޔަވަތީގައި ތިބި ކުދިންނާއި މިއަދު ބައްދަލުކުރަން ނިންމައިފި އެވެ.

އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޔާމީން އަވަސް އަށް ވިދާޅުވީ އެތަނުގައި ތިބި ކުދިންނަށް މިވަގުތު ޖެންޑާ މިނިސްޓްރީގެ ކައުންސިލަރުން ވާހަކަދައްކަމުންދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ކުދިން އަދިވެސް ތިބީ ވަރަށް ބޮޑަށް "ހައިޕާ" ވެފައި ކަމަށެވެ.

އެހެންކަމުން މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް ވަގުތު ދިނުމަށްފަހު އެ ކޮމިޝަނުން އެކުދިންނާ ވާހަކަދައްކަން ފިޔަވައްޗަށް މިއަދު ޒިޔާރަތް ކުރާނެ ކަމަށެވެ.

ޔާމީން ވިދާޅުވީ ކޮމިޝަނުން އެތަނަށް ގޮސް އެތަނުގެ ހާލަތު ބަލައި ރޭގެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުވެސް ބަލާނެ ކަމަށެވެ. އަދި ކުދިންގެ ފަރާތުން އެފަދަ ކަންކަން އަވަސް އަވަހަށް ފެންނަމުންދާ ސަބަބުތައް ހޯދުމަށްފަހު ކަމާ ގުޅުންހުރި އިދާރާތަކަށް އަވަސް ރިޕޯޓެއް ހުށަހަޅާނެ ކަމަށެވެ.

އެންމެ ފަހުން އެޗްއާރްސީއެމުން އެތަނަށް ޒިޔާރަތެއް ކޮށްފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. އެފަހަރު ވެސް ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަކޮށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއަކަށް ފޮނުވާފައިވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެންޑޭޓްގައި އޮންނަނީ އެތަނުގައި ހިނގާ އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންކަން ބެލުން. އެފަދަ ކަންކަން ބެލުމަށްފަހު ދޭން ޖެހޭ ރެކޮމެންޑޭޝަންތައް ދިނުން. ޖެންޑާ މިނިސްޓްރީ ޒިންމާދާރުކުރުވުން. އެތަނުގައި ކުދިންނާ ދޭތެރޭ އަމަލުކުރަމުންދާ ގޮތް ބަލަމުން މިދަނީ. ކުއްޖަކު ރޯ އަޑު އިވެގެން ވެސް އެތަނަށް ޒިޔާރަތްކުރިން. އެކަމަކު މިކަންކަމުގެ މައުލޫމާތު އަދި ހިއްސާކުރެވޭކަށް ނެތް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ ފިޔަވަތީގައި 13 އަހަރަށް ވުރެ އުމުރުން ދޮށީ ކުދިން ނުބައިތިއްބާ ކަމަށެވެ. ނަމަވެސް މިހާރު އެތަނުގައި އެ އުމުރުފުރާގެ ކުދިންނަށް ވުރެ ބޮޑެތި ކުދިން ބައިތިއްބާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށާއި އޭގެ ސަބަބުން ވެސް ކުދިންނަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުރި އިދާރާތަކުގައި މައްސަލަތައް ބޮޑުވެ ފުނިޖެހިފައިވާއިރު އެ އިދާރާތަކުން އަމަލު ކުރަމުން އަންނަ ގޮތް ބަލަމުން އަންނަ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުން ކުދިން ބަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގައި ތިބި ކުދިންނާ އެޗްއާރްސީއެމުން ބައްދަލުކުރަން ނިންމާފައި މިވަނީ އިއްޔެ އެތަނުގައި އުޅޭ ކުދިންތަކެއް ފުރާޅަށް އަރާ އަޑުގަދަކޮށް އެކިވަރުގެ ގެއްލުންދީ ހުޅުވެސް ޖަހާފައި ވަނިކޮށެވެ.

ޖެންޑާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަންކަމާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދީިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަަމަށެވެ.

ފިޔަވަތީގައި މައްސަލަތައް ފުނިޖެހި ބޮޑުވަމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. އެ ތަނުގައި ތިބޭ ކުދިންގެ ފަރާތުން އަހުލާގީ ވަަރަށް ގިނަ މައްސަލަތައް ފާހަގަވެ އެ ކުދިންގެ އުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.