ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން، މައްސަލަ ދިމާވެގެން އުޅެނީ މައިގަނޑު ހަތަރު ސަބަބަކާއި ގުޅިގެން ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބުނެފި އެވެ.
މިއަދު ބޭއްވި ޖެންޑާ ކޮމިޓީގެ ބައްދަލުވުމަށް ފަހު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދް ވިދާޅުވީ މިއަދު ކޮމިޓީން ދިރާސާކޮށްފައިވަނީ އެޗްއާރްސީއެމް އަދި ޗިލްޑްރަންސް އޮމްބަޑްޕާސަން ހުށަހަޅާފައިވާ ރިޕޯޓްތައް ކަމަށެވެ. ކޮންމެ މުއައްސަސާއަކުން ވެސް ވަނީ ދެ ރިޕޯޓެއް ހުށަހަޅާފަ އެވެ.
ޖީލާން ވިދާޅުވީ ހުރިހާ ރިޕޯޓްތަކެއްގައި ވެސް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އެ މައްސަލަތަކަކާއި އެއް ކަންބޮޑުވުންތަކެއް ކަމަށެވެ. އެގޮތުން ފިޔަވަތީގައި މިހާރު ދިމާވެފައިވާ މައްސަލަ މެދުވެރިވީ މައިގަނޑު ހަތަރު ކަމެއްގެ ސަބަބުން ކަމަށް ވިދާޅުވި އެވެ. ފުރަތަމަ ސަބަބަކަށް ޖީހާން ވިދާޅުވީ މުވައްޒަފުންނަށް ވުރެ އެތާގައި ބަލަހައްޓާ ކުދިންގެ އަދަދު ގިނަވުމެވެ. އަދި އެ ތަނުގެ މުވައްޒަފުން ތަމްރީން ކޮށްފައިވަނީ ތުއްތު ކުދިން ބަލަހައްޓަން ކަމަށާއި ނަމަވެސް އުމުރުން 14 އަހަރުގެ ކުދިން އެތަނުގައި އުޅޭ ކަމަށެވެ. މުވައްޒަފުންނަށް ބޮޑެތި ކުދިން ބެލެހެއްޓޭނެ ތަމްރީން ލިބިފައި ނެތުން އެއީ ދެވަނަ ސަބަބު ކަމަށް ވިދާޅުވި އެވެ.
ތިންވަނަ ސަބަބަކަށް ޖީހާން ވިދާޅުވީ ސައިކޯސޯޝަލް އެހީ ބޭނުންވާ ކުދިންނަށް އެކަމުގެ އިންތިޒާމުތައް ހަމަޖެހިފައި ނެތުމެވެ. އެގޮތުން ފިޔަވަތީގައި އުޅޭ ނުވަ ކުއްޖަކަށް ސިއްހީ ފަރުވާ / ކައުންސިލިން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ އެހީތެރިކަން އެ ކުދިންނަށް ނުލިބޭ ކަމަށް ވިދާޅުވި އެވެ. އެންމެ ފަހު ސަބަބަކަށް ވިދާޅުވީ އެކި މާހައުލުތަކުގައި ބޮޑުތިވެފައިވާ ކުދިން އެއްތަނެއްގައި ބަލަހައްޓަން ޖެހުމެވެ. އެކި މާހައުލުން އަންނަ ކުދިން ދެނެގަނެ ވަކި ތަނެއްގައި ބެލެހެއްޓުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެޗްއާރްސީއެމް އާއި އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ މައްސަލައާއި ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ކަމަށްވެސް ޖީހާން ވިދާޅުވި އެވެ. އެގޮތުން ކުދިންގެ ސޫރަ ފެންނަހެން ވީޑިއޯ ނެގުމާއި ސިޔާސީ ބޭފުޅަކު އެ ސަރަހައްދަށް ވަޑައިގެން ފިޔަވަތި ހުންނަ އިމާރާތަށް ވަދެ، މީޑިއާވެސް އެ ތަނަށް ވެއްދުން ފާހަގަކޮށްފައިވެ އެވެ. އަދި ފިޔަވަތި ހުންނަ ސަރަހައްދުގެ ގޮތުން ކުދިންނަށް ނުރައްކާތެރިވެދާނެ ކަމުގެ ކަންބޮޑުވުން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
މި ރިޕޯޓްތަކާއި ގުޅިގެން ޖެންޑާ މިނިސްޓްރީއަށް ފިޔަވަޅުތަކެއް އަޅަން އަންގާފައިވާނެ ކަމަށް ވެސް ޖީހާން ވިދާޅުވި އެވެ. އެއީ ކުދިން ފުރާޅަށް އެރޭހެން ހުރި ތަންތަން ބަންދު ކުރުމާއި ފިޔަވަތީގައި އަލިފާނުން ރައްކާތެރިވުމަށް ވަސީލަތްތައް ގާއިމުކުރުމެވެ.
މީގެ އިތުރުން ޖީހާން ވިދާޅުވީ މާދަމާގެ ވަގުތެއްގައި ޖެންޑާ މިނިސްޓްރީގެ ރިޕޯޓެއް ވެސް ކޮމިޓީއަށް ލިބޭނެ ކަމަށާއި އޭގެފަހުން ރިޕޯޓްތައް ދިރާސާކުރުމަށްފަހުބ ކޮމިޓީ އަށް ފެންނަ ކަންކަން ނިންމާނެ ކަމަށެވެ.