ފިޔަވަތީގެ މިދިޔަ ހަފްތާގައި ހިނގާދިޔަ ކަންކަމާ ގުޅިގެން ހަބަރާއި މައުލޫމާތު ގެނެސް ދިނުމުގައި ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އެއްވެސް ކޮންޓެންޓެއް ނޫސްތަކުގައި ޝާއިއު ކޮށްފައިވޭތޯ މޮނިޓާކޮށް އެސެސްމަންޓެއް ހެދުމަށް މޯލްޑްވިސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.
އެމްއެމްސީގެ 37 ވަނަ ޖަލްސާގައި އެގޮތަށް ނިންމާފައިވާއިރު އިތުރު ތިން ކަމެއް ކުރުމަށް ވެސް ނިންމާފައިވެ އެވެ.
އެގޮތުން ފިޔަވަތީގެ މައްސަލައާއި ގުޅިގެން އެމްއެމްސީ އަށް ހުށަހެޅުނު މައްސަލަތަކުގައި ބްރޯޑްކާސްޓިން ދާއިރާއާ ގުޅޭ މައްސަލައެއް ހިމެނޭތީ އެ މައްސަލަ ކައުންސިލުން ނުބަލަން ވަނީ ނިންމާފަ އެވެ. އަދި ފިޔަވަތީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ހަބަރާއި މައުލޫމާތު ގެނެސް ދިނުމުގައި ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އެއްވެސް ކޮންޓެންޓެއް ނޫސްތަކުން ޝާއިއު ކޮށްފައިވޭތޯ މޮނިޓާކޮށް އެސެސްމަންޓެއް ހެދުމަށް ވެސް ކައުންސިލްގެ އަގުލަބިއްޔަތުން ނިންމާފައިވެ އެވެ.
ކުޑަކުދިންގެ ހަބަރާއި މައުލޫމާތު ފެތުރުމުގައި އަދި ފިޔަވަތި ހާދިސާ ކަވަރު ކުރުމުގެ ތެރޭގައި ނޫސްވެރިންގެ ފަރާތުން ފާހަގަވެފައިވާ އަހްލާގީ މިންގަނޑާ ހިލާފު ކަންކަން ނޫސްތަކުގެ އެޑިޓަރުންގެ ސަމާލުކަމަށް ގެނައުމަށް ސާކިއުލާއެއް ފޮނުވަން ވެސް އެމްއެމްސީން ނިންމާފައިވެ އެވެ. އަދި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލާ ގުޅިގެން އެކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލުކުރަން ވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރާއި އެ ރޭ ފިޔަވަތީގައި ހިނގައިދިޔަ ކަންކަން ކަވަރު ކުރަން އެ ސަރަހައްދުގައި ވަރަށް ގިނަ ނޫސްވެރިން ހަރަކާތްތެރިވި އެވެ. އެވަގުތު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އެ ސަރަހައްދަށް ވަޑައިގެން ފިޔަވަތި ހިންގާ އިމާރާތުގެ ތެރެއަށް ވަދެވަޑައިގަތެވެ. އަދި އޭގެ ފަހުން މީޑިއާއަށް އިންޓަވިއުވެސް ދެއްވި އެވެ.
ފިޔަވަތި ތެރެއަށް ޝުޖާއު ވަދެވަޑައިގެންނެވި މައްސަލަ މަޖިލީހުން ބަލަމުންދާއިރު އެޗްއާރުސީއެމް އާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ފިޔަވަތީގެ މައްސަލައާ ގުޅޭ ރިޕޯޓެއް ކޮމިޓީ އަށް ހުށަހަޅާފަ އެވެ. އެ ރިޕޯޓްގައި ޝުޖާއު އަމަލު ކުރެއްވި ގޮތާއި ނޫސްވެރިންގެ އަމަލުތައް ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ކޮމެޓީގެ މެންބަރުން ވިދާޅުވި އެވެ. ޖެންޑާ ކޮމިޓީން ވަނީ ޝުޖާއު އާއި ބައެއް ނޫސްވެރިން އަމަލުކުރި ގޮތް ބަލައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ވެސް ހުށަހަޅާފަ އެވެ.