ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން ތައްޔާރަށް ހުންނެވި ކަަމަށާ ސަސްޕެންޑް ކޮށްފާނެ ކަމަށް ބިރުން ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ "ފިޔަވަތި" ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާ މައްސަލާގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި ބައެއް ނޫސްވެރިން އަމަލުކުރި ގޮތް ބަލައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމެޓީ ނިންމުމާއި ގުޅިގެންނެވެ.
އަވަސްއަށް ދެއްވި އިންޓަވިއު އެއްގައި ޝުޖާއު ވިދާޅުވީ ހުކުރު ދުވަހު ފިޔަވަތީގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން އެތަނަށް ވަޑައިގެންނެވީ ދާއިރާގެ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ހުރުމުން އަދި ރައްޔިތުން އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. ހިޔާގައި ތިބި އެތައް ކުދީންނެއް އެތަނުގެ ފުރާޅަށް އަރައި ހުތުރު ބަސްތަކުން ވާހަކަ ދައްކާ އަޑުގަދަ ކުރަމުން ދިޔައިރު ފިޔަވަތި ވަށައިގެން ހުރި އިމާރާތްތަކުގައި ތިބި އާއިލާތަކުން ތިބީ ބޮޑު ކަންބޮޑުވުމެއްގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އެފަދަ ސީރިއަސް ކަމެއް ހިނގައިގެންދިޔައިރުވެސް ދައުލަތުގެ ޕޮލިސީ ލެވެލްގެ އެއްވެސް ބޭފުޅަކަށް އެރޭ އެތަނަށް ވަޑައިނުގަންނަވައެވެ. އަދި ހިޔާގައި ހުޅުޖަހާ ހާލަތު ގޯސްވެފައި ވަނިކޮށް އެތަނުގެ ތެރެއަށް ވެންނެވީ އެކަމުގެ ހުއްދަ ލިބުމުން ކަމަށެވެ. ފަހުން ހުއްދަ ނުދެއްވުމުން ނުވެއްނެވުނު ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުއްލިއަކަށް މުޅި މައްސަލައިގެ ފޯކަސް އަނބުރާލާ އެހެން މައްސަލަތަކެއް އުފަން ކުރަނީ ހަގީގަތް ފޮރުވުމަށްޓަކައެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށްވެސް އެލްޖީއޭއަށް ހާޒިރުވާން ހުންނެވީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑު މިހުރީ ތައްޔާރަށް އެއިން ކޮންމެ ތަނަކަށްވެސް ދާން. ބައިވަރު ވާހަކަ އެބަހުރި އަޅުގަނޑުވެސް ދައްކަން. ފިސާރި ރަނގަޅަށް އެ ވާހަކަތައް ދައްކާލަން ބޭނުން އަޅުގަނޑުވެސް. އަޅުގަނޑަށް ކުދީންގެ ވާހަކަތައް އަޑުއިވުނު. މުވައްޒިފުންގެ ވާހަކަތައް އަޑުއިވުނު. ދަންނަވަންތޯ. ހަގީގަތުގައި ވެގެން މި އުޅޭ ގޮތަކީ ވެރިންގެ ނާގާބިލުކަމުން ދިމާވެގެން އުޅޭ ކަންތައްތަކެއް. އެތާންގައި [ފިޔަވަތި] ކުދީން އެ ގެންގުޅެނީ އުސޫލާއި މުޅީން ހިލާފަށް. ވެރީން އެ ތިބެނީ އެ ކުދީންނަށް ހެއްދެވި ނުހެއްދެވިއަށް ގޮވަން. މި ހުރިހާ ވާހަކަތައް ވަރަށް ރަނގަޅަށް އަޅުގަނޑު މިހުރީ ކިޔަައިދޭން ތައްޔާރަށް،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ "ފިޔަވަތި" ގައި ތިބި ކުދީންގެ ކަންކަން ވަރަށް ސީރިއަސްކޮށް ބަލާކަން ދައްކަން މަޖިލީހުގެ ޖެންޑާ ކޮމެޓީން މަސައްކަތް ކުރާއިރު އެ ކޮމެޓީގެ މެންބަރުން ލަދު ގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ހުކުރު ދުވަހު ހަވީރުން ފެށިގެން ރޭގަނޑު ދަންވަންދެން ފިޔަވަތީގެ ހާލަތު ގޯސްވިއިރު ކޮމެޓީގެ އެންމެ މެންބަރަކަށްވެސް އެތަނަށް ވަޑައިގަންނަވަން ކެރިވަޑައިނުގެންނެވި ކަަމަށް ވިދާޅުވިއެވެ.
"މިއީ މާފުށީގައި ހިނގި ކަމެއް ނޫން. ކަނޑު ހުރަސްކޮށްފައި ދިގު ދަތުރެއް ކޮށްފައިދާން ޖެހޭ ތަނެއްގައި ހިނގި ކަމެއް ނޫން. މިއީ ވެރިރަށުގެ އެއް އަވަށުގައި ހިނގި ކަމެއް. އެތައް ގަޑިއިރެއްވީއިރު އެންމެ ކުޑަ މިނުން މިތަނުގެ ހާލަތު ބަލާލަން އަންނާންވެސް ނުކުރެވުނު އެ ކޮމެޓީގެ މެންބަރުންނަށް. ދެން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ،"
ޝުޖާއު ވިދާޅުވީ އެލްޖީއޭއިން މައްސަލަ ބަލާ ސަސްޕެންޑް ކޮށްފާނެ ކަމަށް ބިރު ނުގަންނަ ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަޅުގަނޑު ދާންޖެހޭ އިނގޭތޯ . އެއީ އަޅުގަނޑުގެ ދާއިރާގެ އެތައް ރައްޔިތުންނެއްގެ ހައްގުގައި އަޅުގަނޑު ކުރަން ޖެހޭނެ ކަމެއް،" ޝުޖާއު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަންގެ ތައުރީފު ޝުޖާއުއަށް
މަޖިލީހުގެ އެ ނިންމުމާއި ގުޅިގެން ޕްރޮގްރެސިވްް ކޮންގްރެސް ކޯލިޝަނުން ވަނީ ބަޔާނެއް ނެރެފައެވެ.
ޝުޖާއުގެ ދިފާއުގައި ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުން ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ "ފިޔަވަތި" އިމާރާތުގެ އެތެރޭގެ ހާލަތު ގޯސްވެ އެތަނުގެ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުން ކޮންޓްރޯލު ނުވެ އިމާރާތުގައި އަލިފާން ރޯވާ ހިސާބަށް ދިޔައިރުވެސް އެ ކުދިން ބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވެ ތިއްބެވި ސިޔާސީ ވެރިން ފިޔަވަޅު ނާޅާ ހާލަތު ގޯހުން ގޯހަށް ދިއުމަށް ދޫކޮށްލައިގެން ތިއްބާ އަވަސް ފިޔަވަލުތަކަކާއެކު އެކަން ހައްލު ކުރައްވާ މުޅި ތަން ކޮންޓްރޯލު ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވަނީ މާލޭ ސިޓީގެ ހުޅުމާލެ އަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ކަމަށެވެ.
އަދި ފިޔަވަތީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގައި ވެސް ދިވެހި ސިފައިންނާއި އެކު ޝުޖާއު މަސައްކަތް ކުރެއްވި ކަމަށެވެ.
"އެވަގުތު އެފަދަ އަވަސް ފިޔަވަޅުތަކެއް އިބްރާހީމް ޝުޖާއު އަޅުއްވާ އެ ތަނުގެ ތެރޭގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލު ކުރައްވާ ނަމޫނާ ދެއްކެވުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ ފިޔަވަތީގައި ކުޑަކުދިން ބެލެހެއްޓުމުގެ ޒިންމާއާއި ހަވާލުވެ ތިބި ސިޔާސީ ފަރާތްތަކަށް ފާޑުކިއުންތައް ގިނަވެ އިބްރާހީމް ޝުޖާއު އަށް ރައްޔިތުން ތައުރީފު ކުރުން ހަޖަމު ނުވެގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން އެމަނިކުފާނަށް ފިޔަވަޅު އެޅުމަށް ނިންމާ އެމަނިކުފާނުގެ މައްސަލަ އެލްޖީއޭ އަށް ހުށަހަޅުއްވަން ނިންމެވި ނަމަވެސް އިބްރާހީމް ޝުޖާއުގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފަހަތަށް ނުޖެއްސޭނެ،" ޕީޕީއެމް އާއި ޕީއެންސީގެ ބަޔާނުގައިވެއެވެ.