ރައްޔިތުންގެ މަޖިލިސް

ފިޔަވަތި މައްސަަލަ: އިދާރާތައް މަޖިލީހަށް ގެންދަނީ

ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން އިދާރާތައް ޖަވާބުދާރީ ކުރުވަން މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ފިޔަވަތީގެ މައްސަލައާ ގުޅިގެން އަވަސް އިން ސުވާލު ކުރުމުން މަޖިލީހުގެ ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދް ވިދާޅުވީ އިއްޔެއިން ފެށިގެން އެ މައްސަލައަށް މަޖިލީހުން ފާރަވެރިވަމުން އަންނަ ކަމަށެވެ. އަދި އެޗްއާރްސީއެމް މެދުވެރިކޮށް ވެސް މި މައްސަލައިގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.

ޖީހާން ވިދާޅުވީ ކޮމިޓީން މިހާރު ކުރާ މަސައްކަތަކީ މައްސަލައާއި ގުޅޭ މައުލޫމާތުތައް އެއްކޮށް މައްސަލައިގެ ސީރިއަސްކަން ދެނެގަތުން ކަމަށާއި އަންނަ ހަފުތާގައި އެކަމާ ގުޅޭ އިދާރާތައް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމަވާފައިވާ ކަމަށެވެ.

"އަންނަ ހަފުތާގައި ޖެންޑާ މިނިސްޓްރީއާއި، އެޗްއާރުސީއެމާއި ޗިލްޑްރަން އޮމްބަޑްސްޕާސަން ކޮމިޓީއަށް ހާޒިރުކޮށް މައްސަލައާއި ގުޅޭ ގޮތުން ސުވާލު ކުރަން ނިންމާފައި ވަނީ. އެ ބޭފުޅުންނާއި ބައްދަލު ކޮށްފައި އަޅުގަނޑުމެން ދެން އެހެން ނިންމުމެއް ނިންމާނީ." ޖީހާން ވިދާޅުވި އެވެ.

މީގެ ކުރިންވެސް ކުޑަކުދިން ކުށްކުރުން ގިނަވެ، 13 އަހަރުގެ ކުއްޖަކު މަރާލުމުން، ޖެންޑާ ކޮމިޓީން ވަނީ ކަމާބެހޭ މުވައްސަސާތައް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ދައުލަތުން ކުދިން ބަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގައި ތިބި ކުދިން އިއްޔެ ވަނީ ފުރާޅަށް އަރާ އަޑުގަދަ ކޮށް އެކިވަރުގެ ގެއްލުން ދީ ހުޅު ވެސް ޖަހާފަ އެވެ.

ރޭ ޖެންޑާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައްހޯދާ އެކަންކަމާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދީން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދީން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަަމަށެވެ.