މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ކުދިންނަށް އާޓް ތެރެޕީ ސެޝަންތަކެއް ފަށަނީ

ދައުލަތުގެ އެހީތެރިކަމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް އާޓް އަދި މިއުޒިކް ތެރެޕީ ސެޝަންތަކެއް ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިގް އެންޑް ރިސާޗް (ޔުނިޓާ) އާއި ގްލޯބަލް ފައުންޑޭޝަން ފޯ ޕާފޯމިން އާޓްސް (ޖީއެފްޕީއޭ) އިން ފަށަން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު، ޔުނިޓާގެ ނިއުޔޯކް އޮފީހުގެ ހެޑް މާކޯ ސުއާޒޯ އާއި ޖީއެފްޕީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މިސް ލޫސިއާ ޖޭ ގުއޯ އާއި، ޖީއެފްޕީއޭގެ އާޓިސްޓް ރޮސްޓާ ގައި ހިމެނޭ ޕިއަނިސްޓެއް ކަމަށްވާ ބައިރޮން ޒޫއޮ އާ ކުރެއްވި ބައްދަލުކުރެއްވުމަގަ އެވެ. މި ބައްދަލުވުމުގައި ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީދާ ހުސައިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ވަނީ ރާއްޖޭގައި މިއުޒިކް އާޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ. މެޑަމް ފަޒްނާ ވިދާޅުވީ ތައުލީމު ދިނުމުގެ ތެރޭގައި އާޓް އަދި މިއުޒިކް ބޭނުންކުރުމަކީ ވަރަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ޔުނިޓާ އާއި ޖީއެފްޕީއޭ އާ ގުޅިގެން ރާއްޖޭގެ ޓީޗަރުންނަށް އާޓް ތެރަޕީގެ ތަމްރީނުތައް ހިންގަން ފެށުމަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

ޔުނިޓާ އާއި ޖީއެފްޕީއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ އާޓް އަދި މިއުޒިކަކީ އިލްމީ ކަންކަމާއި ސިއްހީ ދުޅަހެޔޮކަމަށް އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެއްކަމަށް ވިދާޅުވެފަ އެވެ. އަދި ސްކޫލް ކުދިންނަށް އާޓް އެންޑް މިއުޒިކް ތެރަޕީ ފޯރުކޮށްދިނުމަށް ޓްރެއިން ދަ ޓްރެއިންނާ އުސޫލުން ރާއްޖޭގެ ޓީޗަރުންނަށް އަމާޒުކޮށް، ސެޝަންތަކެއް ކުރިޔަށް ގެންގޮސްދިނުމަށް ތައްޔާރަށް ތިއްބެވިކަންވެސް ވިދާޅުވި އެވެ.

މެޑަމް ފަޒްނާ ވަނީ ދައުލަތުގެ އެހީތެރިކަމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް އާޓް އަދި މިއުޒިކް ތެރެޕީ ސެޝަން ހިންގައިދިނުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް ޔުނިޓާ އަދި ޖީއެފްޕީއޭ އަށް ހުށަހަޅުއްވާފައެވެ. މިކަމާ ގުޅޭގޮތުން ޔުނިޓާ އަދި ޖީއެފްޕީއޭ ގެ ބޭފުޅުން ވިދާޅުވީ ރާއްޖޭގައި ދައުލަތުގެ އެހީތެރިކަމުގައި ތިބޭ ކުޑަކުދިންނަށް އެފަދަ ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ވީ އެންމެ އަވަހަކަށް މަޝްވަރާތައް ފައްޓާނެ ކަމަށެވެ.