ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިޔާގައި ތިބި ކުދީނަށް ރައީސްގެ ދެކަނބަލުން ރޯދަ ވީއްލުމެއް ދެއްވައިފި

Apr 11, 2022
1

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދީންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މިއަދު ރޯދަ ވީއްލުމެއް ދެއްވައިފި އެވެ.

އެ ކުދީންނަށް ހާއްސަކުރި ރޯދަ ވީއްލުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގައެވެ.

ރައީސް އޮފީހުން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދީންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ފަރާތްޕުޅުން ރޯދަ ވީއްލެވުމެއް ދެއްވާފައިވާ ކަަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ނަމަވެސް ރޯދަ ވީއްލެވުން ކުރިއަށް ދިޔަ ވަގުތުގެ ބައެއް ފޮޓޯ އާންމު ކޮށްފައިވެއެވެ.

މި ފޮޓޯތަކުން ރައީސް ސޯލިހާއި މެޑަމް ފަޒްނާ އަހުމަދު، އެ ކުދީންނާއެކު ވަގުތު ހޭދަ ކުރައްވާ މަންޒަރު ފެނެއެވެ. އަދި ރައީސްގެ ދެ ކަނބަލުންގެ އަރިހުގައި ރައީސްގެ ބޭބޭފުޅުންވެސް ބައިވެރިވަޑައިގަންނަވާ މަންޒަރު ފެނެއެވެ.

ރައީސް ސޯލިހް ވަނީ އެ ކުދީންނާއެކު ބައެއް ކުޅިވަރުތައްވެސް ކުޅުއްވާފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދީން ބަލަހައްޓަނީ ވިލިމާލޭގައި ހުންނަ ހިޔާގަ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައެވެ.