ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަނބިކަނބަލުން އާއިޝަތު ސުއިޒާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮންމެ ފަރުދަކަށް ނުވަތަ ގައުމަކަށް ލިބޭ ޝަރަފަކާއި ފަހުރެއްގެ ފަހަތުގައި އެތައް ބައެއް އަދި ހާއްސަ ގޮތެއްގައި އެތައް އަންހެނެއްގެ ރޯލު ވާނެކަން ފާހަގަކުރައްވާފައެވެ. ދިވެހި ގައުމަށް ލިބުނު މި ޝަރަފާއި އާންމު މަޖިލީހުގެ ރައީސްގެ ކާމިޔާބީގެ ފަހަތުގައިވާ އެއް ބޭފުޅަކީ އެމަނިކުފާނުގެ އަނބިކަނބަލުން ކަމަށް ވިދާޅުވެ ސުއިޒާއަށް ތައުރީފު ކުރައްވާފައެފެ.
އަދި ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި އަންހެނެއްގެ ހައިސިއްޔަތުން އެކަމާ އެކަމަނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ އާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންނަށް މަރުހަބާ ދަންނަވާފައެވެ. ފަޒްނާ ވިދާޅުވި ގޮތުގައި އދގެ އާންމުމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ކާމިޔާބީ ފާހަގަކުރަމުންދާ މި ދަނޑިވަޅަކީ ސުއިޒާ ފަދަ ހިދުމަތްތެރި އަންހެން ބޭފުޅުންގެ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހޭ ދަނޑިވަޅެކެވެ.
އަދި، ގައުމު ބިނާ ކުރުމުގައި އަންހެނުންގެ ދައުރު އޮންނަނީ ހަމައެކަނި އޮފީސް މާހައުލުގައި ނޫން ކަމަށް ވިދާޅުވިއެވެ. ދިރިއުޅުމުގެ ވަކި ހިސާބަކުން ދެމަފިރިންކުރެ އެކަކު ގޭގައި ތިބެން އިހްތިޔާރުކުރާއިރު ގިނަ ފަހަރު އެކަން ކުރަނީ އަންހެނުންކަމުގައި ފަޒުނާ ވިދާޅުވިއެވެ. އެގޮތުން، އަންހެނުން ގައުމު ބިނާކުރުމުގައި ދޭ އެއްބާރުލުން ގުނާ އަދަދު ނުކުރެވޭނެ ކަމަށާއި އާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންނަކީ ފާހަގަކޮށްލެވޭ ނަމޫނާ ބޭފުޅެއްކަމުގައިވެސް ވިދާޅުވިއެވެ.
އެކަމަނާއާ ބައްދަލުކޮށްލެއްވުމަށް ދަޢުވަތު ދެއްވީތީ އުފާކުރައްވާކަމުގައި ވިދާޅުވެ ޝުއިޒާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.