ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ނިއުޔޯކަށް ފުރާވަޑައިގެންފި

Sep 18, 2021

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގަންނަވަ އެވެ.

އދ. ގެ އާންމު މަޖިލީހުގައި ރައީސް ސޯލިގް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް ތަގުރީރުކުރައްވާނީ މިމަހުގެ 21 ވަނަ ދުވަހު ބާއްވާ އާންމު މަޖިލީހުގެ ޖަލްސާގަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ވެސް ބާއްވަވާނެ އެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމަކީ ރާއްޖެ، އދއާ ގުޅުނުތާ މިވީ ދިގު ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިއްމު ކާމިޔާބީއެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގެންފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.