އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގެ ނެޝަނަލް ކޮންވެންޝަން ސެންޓަރުގައި މިއަހަރު ކުރިއަށްދާ ކޮންފަރެންސްއަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ ކޮންފަރެންސްއެކެވެ.
ރާއްޖެއަކީ އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ދަރަޖައިން މެދުފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކުގެ ދަރަޖައަށް ބަދަލުކުރެވުނު ތިންވަނަ ގައުމެވެ. އެންމެ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ގޮތުގައި 46 ގައުމެއް ހިމަނާފައިވާ އިރު، އެ ގައުމުތަކަކީ، މަދުން އާމްދަނީ ލިބޭ އަދި އުމްރާނީ ތަރައްގީއާ ދެމެހެއްޓެނިވި ތަރައްގީގެ ހުރަސްތައް އޮތް ގައުމުތަކެވެ.
އދގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ އަމާޒަކީ ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކޮށް ތަނަވަސްކަން އިތުރުކުރުމަށް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން އިތުރުކުރުމެވެ.
އދގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ، އެ ގުރޫޕް އުފެދުނުތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންވެސް ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.