އދ.ގެ ރައީސްގެ ގޮތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނަވައިގެން އދ. އިތުރަށް ހަރުދަނާ ކޮށްދެއްވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވެފައި މިވަނީ އދ.ގެ ރައީސް ކަމަށް ޝާހިދު އިންތިހާބު ކުރި އެއް އަހަރުގެ ދައުރުގެ މުއްދަތު އިއްޔެއަށް ހަމަވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ވިދާޅުވީ ޝާހިދުގެ އުއްމީދުގެ ރިޔާސަތާއެކު ގައުމުތަކުގެ ގުޅުން ވަރުގަދަވެ އިތުރު ބާރެއް ލިބިފައިވާ ކަމަށެވެ. ޝާހިދުގެ މަސައްކަތްޕުޅުން އދ އާއި އާއްމު މުޖްތަމައުތަކުގެ ގުޅުން ވަރުގަދަވެގެން ގޮސްފައިވާ ކަންވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ.
ރައީސް ވަނީ ޝާހިދުގެ ހިދުމަތް ފާހަގަކުރައްވާ ރައްޔިތުންގެ ނަމުގައި ޝުކުރު ވެސް އަދާކުރައްވާފަ އެވެ.
ޝާހިދު ރޭ ވަނީ އދ.ގެ ރައީސްގެ ހައިސިއްޔަތުން އދ.ގެ މައި މަރުކަޒުގައި ވަދާއީ ތަގުރީރު ކުރައްވާފަ އެވެ. ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ކުރަން ރާއްޖެއަށް ލިބުނު ފުރުސަތަކީ މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
އދ.ގެ ރައީސް ކަން ރާއްޖެއަށް ހޯދައިދިނުމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށް ދިވެހި ހާރިޖިއްޔާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން އެއް އަޒުމެއްގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމުގައި ޝާހިދު ވިދާޅުވި އެވެ.
""ހާރިޖިއްޔާގެ މުވައްޒަފުންނަށް ބުނެލަން އޮތީ ކުރެވިއްޖެއޭ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ ވާހަކަފުޅުގައި ވަނީ އދ.ގެ ރައީސް ކަން ކުރަން ފުރުސަތު ދެއްވީތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަދި މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.
އދ. ރައީސް ކަމަށް ޝާހިދު އިންތިހާބުވީ އެކަމާ ގުޅޭ ކެމްޕޭނަށް ދިވެހި ދައުލަތުުން ކަނޑައެޅި 4.3 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ ތެރެއިން ވަރުުގަދަ ކެމްޕޭނެއް ކުރައްވައިގެން މިއަހަރުގެ ޖޫން ހަތްވަނަ ދުވަހު އެވެ. އދ.ގައި ހިމެނޭ 193 ގައުމުގެ ތެރެއިން 143 ގައުމަކުން ޝާހިދުއަށް ވޯޓު ދެއްވާފައިވެ އެވެ.